ކެބިނެޓް

މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ހާއްސަ ކުންފުންޏެއް އުފެއްދުމަށް ނިންމައިފި

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތައާރަފުކޮށް އެ އުފެއްދުންތައް އިޝްތިހާރުކޮށް، މާކެޓުކުރުމަށް "މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން"ގެ ނަމުގައި ހާއްސަ ކުންފުންޏެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއ އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ދެއްވެވި ލަފައާ ގުޅިގެންނެވެ.

މި ކުންފުންޏަކީ އެކުއަކަލްޗާ، މެރިކަލްޗާ ފަދަ ކަނޑުގެ ހުރިހާ ރިސޯސްތައް ހިމެނޭ ގޮތަށް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކޮށް އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި އުފައްދާ 100 ޕަސަންޓް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

މި ކުންފުނިން ރާއްޖޭގެ އުފެއްދުންތަކަށް ހާއްސަ ބްރޭންޑެއް ތައާރުފުކޮށް އެ ތަކެތި ޕްރިމިއަމް އުފެއްދުންތަކެއްގެ ގޮތުގައި ގައުމީ އަދި ބައިނަލްއަގުވާމީ މާކެޓްތަކަށް ނެރުމާއި އުފެއްދުންތަކަށް އާ މާކެޓްތައް ހޯދުމުގެ މަސައްކަތް ކުރާނެ އެވެ.

މި ކުންފުނި އުފެއްދެވުމާ އެކު ރައީސް މުއިއްޒު ވަނީ މީގެ ކުރިން އޮތް މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑު އުވާލެއްވުމަށްވެސް ނިންމަވާފަ އެވެ.

މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް މާކެޓުކުރުމަށް ހާއްސަ ކުންފުންޏެއް އުފެއްދެވުމަކީ ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައިވެސް ހިމެނޭ ކަމެކެވެ.