މަސްވެރިން

މަސްވެރިންގެ ގައުމީ ދަފްތަރު އެކުލަވާލަނީ

މަސްވެރިންތަކެއް މަސް ބާނަނީ -- ފޮޓޯ: އަވަސް
0%
0%
0%

މަސްވެރިންގެ ގައުމީ ދަފްތަރެއް ގާއިމުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލަވާލައި، ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލުމަކީ ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައިވެސް ހިމަނާފައިވާ ކަމެކެވެ.

ފިޝަރީޒް މިނިސްޓްރީން ވަަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހުގައި މި ކަރުދާހުގައި މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމުގެ މައިގަނޑު އެއް ބޭނުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދައުލަތް ދަންނަ އާމްދަނީ ލިބޭ މަސައްކަތެއް ކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ.

މަސްވެރިންގެ ދަފްތަރެއް އޮތުމަކީ މަސްވެރިން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަށާއި، ތަފާތު އެކިއެކި ބޭނުންތަކަށް މަސްވެރިންނަށް އަމާޒުކޮށް ލޯނު ދޫކުރުމަށާއި، މަސްވެރިންނަށް ދައުލަތުން ފޯރުކޮށްދިނުމަށް ބޭނުންވާ އިޖުތިމާއީ ރައްކާތެރިކަމާއި ސަބްސިޑީ ފަދަ ވަސީލަތްތައް ސީދާ މަސްވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައިވެސް ކަރުދާހުގައިވެ އެވެ.

މިދަފުތަރުގައި މަސްވެރިންގެ ގޮތުގައި ކަނޑައަޅާ ފަރާތަކީ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން އާމުދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަން ކަމުގައި ހިމެނޭ ނުވަތަ އާމުދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ މަސްވެރިކަމުން ލިބޭ އާމްދަނީން ކަމުގައި ހިމެނޭ މީހަކަށް ވާންޖެހޭ ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.

މަސްވެރިކަމާ ބެހޭ ގާނޫނުގައި މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް ކަނޑައަޅާފައި އޮތް ނަމަވެސް މިހާތަނަށް އެފަދަ ދަފުތަރެއް އެކުލަވާލާފައެއް ނުވެ އެވެ.

މިހާތަނަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ބޮޑަށް ބަލަހައްޓަމުން ގެންދިޔައީ ކަނޑުމަހުގެ މަސްވެރިކަމުގެ މައުލޫމާތު ކަމަށާއި ފަރުމަސްވެރިކަމުގެ ހަރަކާތްތަކާއި އުޅަނދުތަކުގެ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ބަލަހައްޓަމުން ގެންދެވިފައި ނުވާކަންވެސް މިނިސްޓްރީގެ ކަރުދާހުގައި ފާހަގަކޮށްފައިވެ އެެވެ.

މި ސަރުކާރުގެ ވައުދާ އެއްގޮތަށް މަސްވެރިންގެ ގައުމީ ދަފުތަރު އެކުލަވާލާއިރު ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިން އަދި ސްޕޯޓްސް ފިޝިން ފަދަ ހަރަކާތްތަކުގެ މައުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ކަރުދާހުގައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345