މަސްވެރިން

ކޫއްޑޫ ކޯލްޑް ސްޓޯރޭޖުގެ ކެޕޭސިޓީ ދެގުނަކުރަން ބަޔަކާ ހަވާލުކޮށްފި

ގއ. ކޫއްޑޫގައި ހުރި ކޯލްޑް ސްޓޯރޭޖު ކެޕޭސިޓީ ދެގުނަ ބޮޑުކޮށް، 4،000 ޓަނަށް ކެޕޭސިޓީ އިތުރުކުރަން ބަޔަކާ ހަވާލުކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިމަޝްރޫއު ހަވާލުކުރީ ލަކީ ގްލޯބަލް ޕްރޮޖްކްޓްސް ޕްރައިވެޓް ލިމިޓެޑަށެވެ.

ސަރުކާރުގެ ފަރާތުން ކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓާ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް އެވެ. ލަކީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އާޝިޝް އޮބެރޯއީ އެވެ.

ކޫއްޑޫގައި މިވަގުތު ހުރި ކޯލްޑް ސްޓޯރޭޖުގެ ކެޕޭސިޓީ އަކީ 2،000 ޓަނެވެ.

މިމަޝްރޫއުގެ ދަށުން ކޫއްޑޫގައި ހުރި ކޯލްޑް ސްޓޯރޭޖު ކެޕޭސިޓީ 4،000 ޓަނަށް އިތުރުކޮށް ޕަވާ ސިސްޓަމެއް ގާއިމުކުރާނެ އެވެ.

ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ކުރިއަށް ގެންދާ މިމަޝްރޫއު ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށް 6.6 މިލިއަން ރުފިޔާ އަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިވަގުތު މަސް ރައްކާކުރަން ހުރި ކޯލްޑް ސްޓޯރޭޖުތަކުގެ ކެޕޭސިޓީ އަކީ 8،500 ޓަނުގަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ މިސަރުކާރުގެ މިދައުރުގެ ތެރޭގައި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 25،000 ޓަނަށް އިތުރު ކުރުމަށެވެ.

ކޯލްޑް ސްޓޯރޭޖުތައް ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން ގއ. ކޫއްޑޫގައި 4،000 ޓަން، ގދ. ފިޔޯރީގައި 3،000 ޓަން، ގދ. ތިނަދޫގައި 1،000 ޓަން އަދި ސ. ހުޅުދޫގައި 500 ޓަނުގެ މަސް ރައްކާ ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިހާރު ކުރިއަށް އެބަދެ އެވެ.

މީގެއިތުރުން ފ. ނިލަންދޫގައި 1،500 ޓަން އަދި މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖުތަކެއް ގާއިމުކުރުމަށްވެސް ސަރުކާރުން ނިންމާފައިވެ އެވެ.