މަސް ކިރުމަށްފަހު އަނބުރާ ފައިސާ ނުދޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ބުނެ މަސްވެރިންގެ ބަޔަކު މިފްކޯގެ މަސް ފެކްޓަރީ ހިންގަމުންދާ ކޫއްޑޫގައި މުޒާހަރާކުރަން ފަށައިފި އެވެ.
މުޒާހަރާ ކުރަމުންދާ މީހުން ބުނާ ގޮތުގައި އެމީހުންގެ އަތުން މިފްކޯއަށް މަސް ގަތުމަށްފަހު ލާރި ނުދޭތާ ތިން މަސް ވެއްޖެ އެވެ. މަސްވެރިންނަށް ލާރި ދޭ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން ޔަގީންކުރެވޭނެ ގޮތެއް ނެތް ކަމަށްވެސް ބައެއް މަސްވެރިން ބުނަމުންދެ އެވެ.
ކޫއްޑޫގައި ކުރަމުންދާ މުޒާހަރާގެ ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި އާންމުކޮށްފައިވާއިރު އެއްވެސް ހަމަނުޖެހުމެއް ނުހިނގައެވެ.
މިސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދީ 200 މިލިއަނެއްހާ ރުފިޔާ ހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ކުރިން ވިދާޅުވެފައިވެ އެވެ. އެހެންކަމުން ނިމިދިޔަ ސަރުކާރުގައި ނުދީ ހުރި ފައިސާއާއި އަދި މިސަރުކާރު ވެރިކަމާ ހަވާލުވެ މިފްކޯ އަށް ގަނެފައިވާ މަހަށް ދޭންޖެހޭ ފައިސާގެ ތެރެއިން ޖުމްލަ 329.95 މިލިއަން ރުފިޔާ މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދީފައިވާނެ ކަމަށް ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
"ސަރުކާރު ހިންގުމާ އަޅުގަނޑު ހަވާލުވިއިރު ސަރުކާރު ކުންފުނިތަކުން މަސްވެރީންނަށް ނުދީ ހުރި ފައިސާގެ ތެރެއިން އަޅުގަނޑުމެންގެ ސަރުކާރުން މިހާތަނަށް 329,953,144 އިއްޔެއާ ހަމައަށް ވާނީ މަސްވެރިންނަށް ދެވިފައި. އަދި ނުދެވި، ބާކީ ހުރި ފައިސާ ވީހާވެސް އަވަހަށް ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ދުވަހުން ދުވަހަށް މަސްވެރީންނަށް ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި ލޯނެއް ނަގައިގެން ނަމަވެސް އެކަން ކުރައްވާނެ ކަމުގައި ވިދާޅުވެފައިވެ އެވެ.
"އިރާދަކުރެއްވިއްޔާ އެކަން ވަރަށް އަވަހަށް އަޅުގަނޑުމެން ކުރާނަން،" ރައީސް ވިދާޅުވެފައިވެ އެވެ.
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ މަސްވެރިންނަށް ނުދީ ހުރި ފައިސާ ދިނުމަށް ރައީސް މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރޯދައިގެ ކުރިން އެކަން ހަމަޖެއްސޭތޯ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
މިފްކޯ އަށް މަސް ގަތުމަށްފަހު މަސްވެރިންނަށް ފައިސާ ދިނުން ލަސްވުމަކީ މިދިޔަ 12 ވަރަކަށް އަހަރުން ފެށިގެން މަސްވެރިން އަބަދު ކުރާ ޝަކުވާ އެކެވެ. އެކަމަކު އެއްވެސް ސަރުކާރަކަށް މި މައްސަލަ ހައްލުކޮށްދެވިފައެއް ނުވެ އެވެ.