މަސްވެރިންނަށް މިފްކޯ އިން ދޭން ޖެހޭ ހުރިހާ ފައިސާއެއް ރޯދަ މަހުގެ ކުރިން ދީ ނިންމާނެ ކަމުގެ ޔަގީންކަން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އަނެއްކާވެސް ދެއްވައިފި އެވެ.
ރޯދަ ފެށުމުގެ ކުރިން މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ މިހަފްތާ ދެއްވާފަ އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ފައިސާ ދޭން ބެލިއިރު އެންމެ ބޮޑު ގޮންޖެހުމަކީ 17 ރުފިޔާއަށް މަސް ކިލޯއެއް ގަންނަމުން ދަނިކޮށް ނިމިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް 25 ކިލޯއަށް މިފްކޯއަށް މަސް ގަންނަ އަގު ބޮޑުކުރުން ކަމަށެވެ. މިފްކޯ އަށް މަސް ގަންނަ އަގު ބޮޑުކުރިއިރު ވެސް މިފްކޯ އަށް ދިޔައީ ގެއްލުންވަމުން ކަމަށްވާތީ މަސްވެރިންނަށް ފައިސާ ދިނުމުގައި ގޮންޖެހުން ކުރިމަތިވީ ފަހުން ބޮޑުކުރި ފައިސާ ދިނުމަށް ކަމަށްވެސް ވިދާޅުވި އެވެ.
"މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން މަސްވެރިންނަށް ފައިސާ ދޫކުރަމުން މިދަނީ. އެދުވަހު އެކަނިވެސް 50 މިލިއަން ރުފިޔާ ވާނީ ދޫކޮށްފައި. އުއްމީދަކީ ރަމަޟާން މަސް ފެށުމުގެ ކުރިން ބެކްލޮގް ކްލިއާ ކުރުން،" ޝިޔާމު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ކުރީ ސަރުކާރުން ނުދީ ހުރި ފައިސާއާ އެކު ޖުމްލަ 650 މިލިއަނެއްހާ ރުފިޔާ މިހާރު ވާނީ މަސްވެރިންނަށް ދީފައި ކަމަށެވެ. އެކަމަކު އަދިވެސް މަސްވެރިންނަށް ނުދީ 147 މިލިއަން ރުފިޔާ އެބައޮތް ކަމަށް ވިދާޅުވި އެވެ.
"މިހާރު މިވަނީ މިދިޔަ ޖެނުއަރީ 25 ވަނަ ދުވަހާ ހަމައަށް މަސްވެރިން ކިރާފައިވާ މަހަށް ފައިސާ ދޫކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ރ. ދުވާފަރު ރައްޔިތުންނާ ބައްދަލުކުރައްވާ މިމަހުގެ ތިންވަނަ ދުވަހު ރައީސް ޑރ. މުއިއްޒު ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދިނުމަށްފަހު ނުވަތަ "ބެކް ލޮގް" ސާފުކުރުމަށްފަހު މަސްވެރިންނަށް ދޭންވާ ފައިސާ އެއްވެސް ވަރަކަށް ފަހަށް ނުބަހައްޓައި، 48 ގަޑިއިރު ތެރޭގައި ދެމުން ގެންދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު މިދިޔަ މަހުގެ 11 ވަނަ ދުވަހު ވަނީ މިފްކޯއަށް މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ދަށްކޮށްފަ އެވެ.