ބިދޭސީން

އައްޑޫ މަސްވެރިން ފައިސާ ހޯދަން މުޒާހަރާގައި

އައްޑޫ ސިޓީގެ ހުޅުމީދޫގައި މަސްވެރިން އަނެއްކާވެސް މުޒާހަރާ ކުރަން ފަށައިފި އެވެ.

އައްޑޫ މަސްވެރިން ވަނީ ނިމިދިޔަ ހަފްތާގައިވެސް އެ މީހުން މިފްކޯއަށް ކިރުވި މަހަށް ފައިސާ ނުލިބޭތާ ދެމަސް ދުވަސް ވެއްޖެ ކަމަށް ބުނެ މުޒާހަރަކޮށްފަ އެވެ.

ފުލުހުން ބުނީ 80 މަސްވެރިޔަކު މުޒާހަރާ ކުރި ކަމަށާއި އެމީހުންނަށް ފައިސާ ނުދޭނަމަ ހުޅުމީދޫގައި ހުންނަ މިފްކޯގެ ފެކްޓަރީން މުވައްޒަފުން ނެރެ އެތަނުގެ ހިންގުމަށް ހުރަސްއަޅާނެ ކަމަށް މަސްވެރިން ބުނާ ކަމަށެވެ.

މަސްވެރިން ބުނާ ގޮތުގައި މިފްކޯއަށް ކިރާފައިވާ މަހަށް ލިބެންޖެހޭ 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބެ އެވެ. އެ ފައިސާ ނުލިބޭތީ އެމީހުންގެ އާންމު ދިރިއުޅުމަށް ދަތިވެ ޒަރޫރީ ބައެއް ކަންކަންވެސް ކުރަން އުދަނގޫވެފައިވާ ކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.

މަސްވެރިންނަށް މިދިޔަ ހަފްތާގެ މިފްކޯ އިން ޖަމާކޮށްދޭން ބުނި 46 މިލިއަން ރުފިޔާ އަދިވެސް ނުލިބޭ ކަމަށްވެސް މަސްވެރިން ބުނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިދިޔަ މެއި މަހުގެ 19 ދުވަހުގެ ނިޔަލަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެފައިވެ އެވެ.

ރ. ދުވާފަރު ރައްޔިތުންނާ ބައްދަލުކުރައްވާ މިދިޔަ މާޗް މަހުގެ ތިންވަނަ ދުވަހު ރައީސް ޑރ. މުއިއްޒު ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދިނުމަށްފަހު ނުވަތަ "ބެކް ލޮގް" ސާފުކުރުމަށްފަހު މަސްވެރިންނަށް ދޭންވާ ފައިސާ އެއްވެސް ވަރަކަށް ފަހަށް ނުބަހައްޓައި، 48 ގަޑިއިރު ތެރޭގައި ދެމުން ގެންދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.