ކަނޑުއޮތްގިތި

ކަނޑުއޮތްގިރީގެ މަސައްކަތްތައް ހުޅުމާލެއަށް ބަދަލުކުރަނީ

ކ. ކަނޑުއޮތްގިރީގައި މިފްކޯ އިން ކުރިއަށްދާ ހުރިހާ މަސައްކަތްތަކެއް ހުޅުމާލެއަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ޝިޔާމް މިކަން ހާމަކުރެއްވީ މަސްވެރިން އިއްޔެ ހުޅުމާލެ އާއި މާލޭގެ ބަނދަރުގައި އިހްތިޖާޖު ކުރަމުން ދަނިކޮށް އެތަނަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ ކަނޑުއޮތްގިރި އަކީ މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު ތަފާތު އުފެއްދުންތައް އުފައްދާ ތަނަކަށްވީ ނަމަވެސް މިހާރު އެ ރަށުގެ އެއްގަމު ތޮށި ހަލާކުވުމާއި ބަނދަރު ސަރަހައްދުވެސް ތިލަވެފައިވާތީ އެރަށަށް މަސް ދޯނިތައް ކައިރިކުރަން ބޮޑެތި ދަތިތައް ހުރި ކަމަށެވެ. އެހެންވެ ސަރުކާރުގެ ވިސްނުމަކީ ހުޅުމާލެ އިން ބިމެއް ހޯދުމަށްފަހު ކަނޑުއޮތްގިރީގައި ކުރިއަށްދާ މަސައްކަތްތައް ހުޅުމާލެއަށް ބަދަލުކުރުން ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ އެޗްޑީސީއާ މުއާމަލާތް ކުރަމުން ކަނޑުއޮތްގިރި ސުވޮޕް ކުރެވޭތޯ. ކަންޑުއޮތްގިރި އާއި ހުޅުމާލެއިން ބިމަކާ،" ޝިޔާމް ވިދާޅުވި އެވެ.

ކަނޑުއޮތްގިރީގައި ކުރިއަށްދާ މަސައްކަތްތައް ހުޅުމާލެއަށް ބަދަލުކުރުމަށްޓަކައި އެޗްޑީސީއާ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށްވެސް މިފްކޯ އިންވެސް ޔަގީންކޮށްދީފައިވެ އެވެ.