ކަނޑުއޮތްގިރި ހުސްކުރަން ދީފައިވާ މުއްދަތު އިތުރުކޮށްފި އެވެ.
މިފްކޯއިން ބުނީ ކަނޑުއޮތްގިރި ހުސްކުރުމަށް އެމްއެންޑީއެފް އިން ދީފައިވާ މުއްދަތު މަހަކަށް އިތުރުކޮށްފައިވާ ކަމަށެވެ.
ކ. ކަނޑުއޮތްގިރިީގައި މިފްކޯއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތައް ހުއްޓާލައި އެތަން އެމްއެންޑީއެފްއަށް ހަވާލުކުރީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު އެވެ.
އެމްއެންޑީއެފް އިން އެތަން ހުސްކުރުމަށް މިފްކޯއަށް ކުރިން މުއްދަތު ދީފައި އޮތީ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް މި މުއްދަތު ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްދީފަ އެވެ.
މިފްކޯއިން ބުނީ ކަނޑުއޮތްގިރި ހުސްކުރުން ލަސްވަނީ ހެވީ ޑިއުޓީ އެކިއުޕްމަންޓް ހިމެނޭ މުދާތައް އެތަނުގައި ހުރުމުގެ ސަބަބުން ކަމަށެވެ. އަދި އެތަކެތި ނެގުމަށް ޖެހެނީ ކްރޭނާއި ލޭންޑިން ކްރާފްޓް ބޭނުންކުރަން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މިފްކޯއިން އިތުރަށް ބުނީ ކަނޑުއޮތްގިރީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންތައް ފެލިވަރަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަން މި ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށްވެސް ބުންޏެވެ.
މީގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ ކަނޑުއޮތްގިރީގައި ކުރަމުން ދިޔަ މަސައްކަތްތައް ހުޅުމާލޭގައި ފެށުމަށްޓަކައި މާލީ އެހީތެރިކަން ލިބިފައިވާ ކަމަށެވެ.
މިފްކޯ އިން ކަނޑުއޮތްގިރީގައި ކުރި މައިގަނޑު މަސައްކަތަކީ މަސް ކާރުހާނާއެއް ހިންގުމެވެ.