މިފްކޯ

މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ޖަމާކޮށްފި

މަސްވެރިން މިފްކޯއަށް ކިރާފައި ހުރި މަހުގެ ފައިސާގެ ގޮތުގައި 53 މިލިއަން ރުފިޔާ މިރޭ ޖަމާކޮށްފި އެވެ.

މިފްކޯ އިން މިއަދު ބުނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އޮޑިވެރިންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާނެ ކަމަށާއި އެއީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިފްކޯއަށް ކިރާފައިވާ މަހުގެ ފައިސާ ކަމަށެވެ. އެހެންކަމުން މިހާރު މަސްވެރިންނަށް ނުދީ އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ޖަމާކުރުމާ ގުޅިގެން އައްޑޫ ސިޓީގައި މަސްވެރިން ކުރަމުން ދިޔަ އިހްތިޖާޖުވެސް މިހާރުވެސް ވަނީ ނިންމާލާފަ އެވެ.

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ މިއަދުން ފެށިގެން މިފްކޯއަށް މަސް ގަންނާނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރާއި، މަސް އެކްސްޕޯޓް ކުރުމަށް ހޭދަވާ ހަރަދުތަކަށް ބެލުމަށްފަހު ކަމަށެވެ.

މިފްކޯއަށް މަސް ގަންނަ އަގު މީގެ ފަހުން ކޮންމެ ހަފްތާއަކުވެސް ކަނޑއަޅާ އިއުލާން ކުރާނެ ކަމަށްވެސް މިފްކޯއިން ޝިޔާމު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދަކީ މަސްވެރިން ބާނާ މަހަށް ގިނަވެގެން 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމެވެ. އެކަމަކު ސަރުކާރުން މިހާރު ބުނަނީ އެ ވައުދު ފުއްދޭނީ މިފްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ހަދައިގެން ކަމަށެވެ.

މިފްކޯ އިން ބައިނަލްއަގްވާމީ ބާޒާރުގައި މަސް ގަންނަ އަގުގައި މަސް ގަތުމަށް ނިންމާފައި މިވަނީ އެ ކުންފުނީގެ ދަރަނި 1.2 ބިލިއަނަށް ވުރެ މައްޗަށް ގޮސް ކުންފުނި ބަނގުރޫޓް ވުމާ ހިސާބަށް ގޮސްފައި ވަނިކޮށެވެ. މިފްކޯ އިން ބުނާ ގޮތުގައި އެ ކުންފުންޏަށް މަސްވެރިންނަށް ފައިސާ ދިނުން ލަސްވަމުން ދިޔައީ ނިމިގެން ދިޔަ ސަރުކާރުން ސިޔާސީ ބޭނުމެއްގައި އެއްވެސް ކަމަކަށް ބެލުމެއް ނެތި ބޮޑު އަގުގައި މަސް ގަންނަން ނިންމި ހިސާބުން ކަމަށެވެ.