އަހުމަދު ޝިޔާމް

ފެނަކައިން ހިންގި އައިސްޕްލާންޓްތައް ހޮނިހިރު ދުވަހުގެ ކުރިން މިފްކޯއާ ހަވާލުކުރަނީ

ފެނަކައާ ހަވާލުކޮށްފައި ހުރި ހުރިހާ އައިސްޕްލާންޓެއް މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން މިފްކޯގެ ދަށަށް ބަދަލުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ އައިސްޕްލާންޓްތަކަށް މައްސަލަ ދިމާވީ މިދިޔަ ސަރުކާރުން އައިސްޕްލާންޓްތައް ހިންގުން ފެނަކައާ ހަވާލު ކުރުމުން ކަމަށެވެ.

މިފްކޯ ބަލަހައްޓަމުންދިޔަ އައިސްޕްލާންޓްތައް ފެނަކައާ ހަވާލުކުރިއިރު ފެނަކައިގައި ފަންނީ ގާބިލު މުވައްޒަފުން ނެތް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އައިސްޕްލާންޓްތަކާ ގުޅޭ އިންޖިނިއަރުން ނެތުން، ރެފްރިޖަރޭޝަން ދާއިރާގެ ބޭފުޅުން ނެތުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެކި ހިސާބުތަކުގައި ގާއިމުކުރެވިފައިވާ އައިސްޕްލާންޓްތަކަށް ވަރަށް ބޮޑަށް މައްސަލަ ޖެހެމުންދާކަން އަދި ބައެއް އައިސްޕްލާންޓްތައް އޮޕަރޭޝަނުން ބޭރުގައި ހުރިކަން ފާހަގަކުރަން،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ފެނަކައިން ހިންގި އައިސްޕްލާންޓްތައް މިމަހުގެ 15 ގައި ހުންނާނީ މިފްކޯގެ ބެލުމުގެ ދަށުގަ އެވެ. އަދި އައިސްޕްލާންޓްތަކަށް މިހާރު ދިމާވާ މައްސަލަ ހައްލުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

މަސްދޯނިތަކުން އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރަށް ބޮޑު ހޭދައެއް ހިނގާކަން ފާހަގަކުރައްވާ ޝިޔާމް ވަނީ އައިސްޕްލާންޓުތަކަށް ބަރޯސާވުން ނިމުމަކަށް ގެންނަން 50 ފޫޓުން ފެށިގެން ބޮޑު ހުރިހާ މަސް ބޯޓެއްގައި ލޮނު ފެނުން މަސް ފިނިކުރެވޭ ގޮތަށް ހުޅުވާލި ފެސިލިޓީގައި ދޯނިތަކުން ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ފެނަކައިން އައިސްޕްލާންޓް އިމާރާތްކުރުމާއި ހިންގުމުގެ ހިދުމަތް ހުއްޓާލީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.