މިފްކޯގެ އާ އުސޫލުގެ ދަށުން މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށުމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހު އެންމެ ގިނަ އަދަދެއްގެ ފައިސާ މަސްވެރިންނަށް ދޫކޮށްފި އެވެ.
އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު މަސްވެރިން ކިރުވި މަހަށް 6.5 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވައުދެއް ކަމަށްވާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމުގެ އުސޫލު ތަންފީޒުކުރަން ފަށާފައި މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެންނެވެ.
މި އުސޫލާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތުރުވެފައިވާ ކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު މަސްވެރިންނަށް 117 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. މިއީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު 122 އިންސައްތައިގެ އިތުރުވުމެކެވެ. ޑިސެމްބަރު މަހު ދޫކޮށްފައިވަނީ 52 މިލިއަން ރުފިޔާ އެވެ.
މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މަސްވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ހައްލު ގެނެވޭނެ ކަމަށް މީގެ ކުރިން ފިޝަރީޒް މިނިސްޓްރީން ބުނެފައިވެ އެވެ. މީގެ ތެރޭގައި މިފްކޯގެ ހިންގުން ހަރުދަނާކޮށް، ދެމެހެއްޓެނިވި ފައިދާ ލިބޭ ވިޔަފާރިއަކަށް އެތަން ބަދަލުކުރުމުގެ މަސައްކަތްވެސް ހިމެނެ އެވެ.