މަހުގެ ވިޔަފާރި ކުރާ ކޫއްޑޫގައި ކޮވިޑްގެ ހާލަތު ގޯސްވެ، އެ ރަށުން އައިސް ވިއްކުމާއި މަސް ގަތުން މިވަގުތަށް މެދުކަނޑާލައިފި އެވެ.
ކޫއްޑޫގައި މިފްކޯގެ މަސް ފެކްޓަރީއެއް ވހިންގާ ކޫއްޑޫ ފިޝަރީޒްއިން ބުނީ އެ ކާރުހަނާ އާއި އެ މީހުންގެ މަސް ކިރުވާ ބައެއް ބޯޓު ފަހަރުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ މުވައްޒަފުން އެކަހެރި ކުރަން ޖެހުމުން މަސް ގަނެ ކިރުވައި އައިސް ދޫކުރަން ދަތިވެފައިވާ ކަމަށެވެ.
ކޫއްޑޫން ބުނީ އެހެން ދިމާވުމުގެ ސަބަބުން މަސް ކިރުވުމުގެ މަސައްކަތް ކޫއްޑޫ ބޭރު ބަނދަރުން މަހާކަލަމިންޖާ ބޯޓު އަދި ހުވަދޫ އަތޮޅުގައި ހަރަކާތްތެރިވާ މަސްކިރުވާ ބޯޓު ފަހަރުން ކުރާ ކަމަށެވެ.
ކޫއްޑޫގެ މަސް ކާރުހާނާއިން 90 މުވައްޒަފަކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. އޭގެ ތެރެއިން 25 މީހުން ބަލިން ރަނގަޅުވެފައިވާއިރު، 65 އެކްޓިވް ކޭސް އަދިވެސް އެބަ އުޅެ އެވެ.
ކޫއްޑޫއަކީ ދެކުނުގެ މަސްވެރިން މަސް ކިރުވުމަށާއި އައިސް ހޯދަން އެންމެ ބޮޑަށް ބަރޯސާވާ އެއް ސެންޓަރެވެ. ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ފެކްޓަރީ އަކާއި އެއާޕޯޓަކާއި އަދި ރިސޯޓެއްގެ ގޮތުގައި ވެސް ހިންގަމުންދާ ކޫއްޑޫ މޮނިޓަރިންގައި އޮންނަތާ މިހާރު ދެމަސް ދުވަސް ވެއްޖެ އެވެ އެކަމާ ގުޅިގެން މިފްކޯގެ އޮޕަރޭޝަންތަކަށް ވެސް ބައެއް ކަހަލަ ދަތިތައް ކުރިމަތިވި އެވެ.
މީގެ ކުރިން ޅ. ފެލިވަރު މަސްކާރުހާނާގެ ގިނަ އަދަދެއްގެ މުވައްވައްޒަފުން ވެސް ކޮވިޑަށް ޕޮޒިޓިވްވެ މަސައްކަތަތަށް ބުރޫއަރާފައި ވެއެވެ.