ކޫއްޑޫ

ބަންދަސް، ކޫއްޑޫ އުފެއްދުން ލިބޭނެ: މިފްކޯ

ރާއްޖޭގައި މަހުގެ ވިޔަފާރި ފުޅާ ދައިރާއެގައި ކުރަމުންދާ ކޫއްޑޫއިން ކޮވިޑްގެ ކޭސްތަކެއް ފެނި ބަންދުގައި އޮތް ނަމަވެސް އުފެއްދުންތައް ލިބޭނެ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ބުނެފި އެވެ.

ކޫއްޑޫގައި މިފްކޯގެ މަސް ފެކްޓަރީ ހިންގާ ކޫއްޑޫ ފިޝަރީޒުން ވަނީ މުވައްޒަފުންގެ މެދުގައި ކޮވިޑް ކޭސްތައް އިތުރުވެފައިވާތީ އެ ރަށަށް މަސް ކިރުމާއި އައިސް ވިއްކުން ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. މިފްކޯގެ އިސް ވެރިއެއް ކަމަށްވާ އަހުމަދު ޒާހިރު އަވަސް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަސް ކިރުމުގެ މަސައްކަތް ކޫއްޑޫ ބަނދަރުގައި އޮންނަ ބޯޓަކުން ކުރާ ކަމަށެވެ.

އެ ރަށުން އައިސް ވިއްކަން ފަށާނެ ދުވަހެއް އޭނާ ވިދާޅެއްނުވެ އެވެ. ނަމަވެސް ޒާހިރު ވިދާޅުވީ ހުވަދު އަތޮޅުގައި ގާއިމް ކޮށްފައިވާ ހަތަރު އައިސްޕްލާންޓުން ދަތި ކަމެއްނެތި ލިބެމުންދާނެ ކަމަށާއި ކޫއްޑޫ ބަންދު ނަމަވެސް ދޯނި ފަހަރަށް އައިސް ލިބުމުގައި ދައްޗެއް ނުވާނެ ކަމަށެވެ.

މި ދުވަސްވަރު މަސްވެރިކަން ދަށް އިރު ޒާހިރު ވިދާޅުވި ގޮތުގައި ކޫއްޑޫގެ މަސް ކާރުހާނާއަށް ދުވާލަކު ލިބެނީ 80 ޓަނުގެ މަސް ނަމަވެސް ދަތިކަމެއްނެތި އުފެއްދުންތައް ލިބޭނެ ކަމަށެވެ.

ކޫއްޑޫ މިހާރު އޮތީ އެޗްޕީއޭގެ ބަންދުގަ އެވެ. ކޫއްޑޫގެ މަސް ކާރުހާނާއިން 119 މުވައްޒަފަކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. އޭގެ ތެރެއިން 40 މީހުން ބަލިން ރަނގަޅުވެފައިވާއިރު، 79 އެކްޓިވް ކޭސް އުޅެ އެވެ.

ކޫއްޑޫއަކީ ދެކުނުގެ މަސްވެރިން މަސް ކިރުވުމަށާއި އައިސް ހޯދަން އެންމެ ބޮޑަށް ބަރޯސާވާ އެއް ސެންޓަރެވެ. މިފްކޯގެ ފެކްޓަރީ އަކާއި އެއާޕޯޓަކާއި އަދި ރިސޯޓެއްގެ ގޮތުގައި ވެސް ހިންގަމުންދާ ކޫއްޑޫ މޮނިޓަރިންގައި އޮންނަތާ މިހާރު ދެމަސް ދުވަސް ވެއްޖެ އެވެ.