ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ތިން ރަށުގައި މަސް ފެކްޓަރީ ހަދަނީ

މަސް ބަންދުކުރާ ތިން ކާރުހާނާ ހެދުމަށް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރޯނިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެ ކުންފުންޏާ އެކު މިއަދު އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އެވެ.

މިއެއްބަސްވުމުގެ ދަށުން ކާރުހާނާ ހެދުމަށް ނިންމާފައިވަނީ ޅ. ފެލިވަރާއި، ދ. މާދެލި އަދި ގދ. ފިޔޯރީ ގައެވެ.

މިނިސްޓަރު ޝިޔާމު ވިދާޅުވީ ފެލިވަރުގައި މިހާރު ހުރީ 50 ޓަނުގެ މަސް ބަންދުކުރުމުގެ ކެޕޭސިޓީ ކަމަށްވީ ނަމަވެސް އެތަނުގައި ބަންދުކުރެވެނީ 40 ޓަނުގެ މަސް ކަމަށެވެ. ނަމަވެސް ފެލިވަރުގައި އަލަށް ހެދުމަށް ހަމަޖެހިފައިވާ ކާރުހާނާ އަކީ 100 ޓަނުގެ މަސް ބަންދުކުރެވޭ ފެކްޓަރީއަކަށް ވާނެ ކަމުގައިވެސް ވިދާޅުވި އެވެ. ފެލިވަރު ފެކްޓަރީއަކީ 50 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

މިމަޝްރޫއުގެ ދަށުން ދ. މާދެލީގައި ހެދުމަށް ހަމަޖެހިފައިވަނީ 50 ޓަނުގެ މަސް ބަންދުކުރެވޭ ކާރުހާނާއަކާއި 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. މިތަން ހެދުމަށް 100 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ގދ. ފިޔޯރީގައި ހެދުމަށް ހަމަޖެހިފައިވަނީ 3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 100 ޓަނުގެ މަސް ބަންދުކުރާ ކާރުހާނާ އެކެވެ. މި ކާރުހާނާ ހެދުމަށް 75 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މި ތިން ރަށުގެ މަސައްކަތް ނިންމާ އޮޕަރޭޝަނަށް ތަން ގެނައުމަށް ދީފައިވަނީ 18 މަސް ދުވަހުގެ މުއްދަތެވެ.

މިނިސްޓަރު ޝިޔާމު މިއަދު އިތުރަށް ވިދާޅުވީ ރާއްޖެއިން މިހާރު ރޯމަހުގެ ގޮތުގައި ބޭރުކުރާ މަހުން އެވްރެޖުކޮށް 91 މިލިއަން ޑޮލަރުގެ އާމްދަނީއެއް ރާއްޖެއަށް ލިބޭ ކަމަށެވެ. ނަމަވެސް މިއަދު ހަވާލުކުރި ކާރުހާނާތައް އޮޕަރޭޝަނަށް ގެނެވުމާ އެކު ރޯމަސް ރާއްޖޭގައި ބަންދުކުރެވޭ އަދަދު އިތުރުކުރެވޭނެތީ މިހާރު ރޯ މަސް ބޭރުކޮށްގެން ލިބޭ އާމްދަނީ ކައިރި މުސްތަގުބަލެއްގައި ދެގުނަ ކުރެވޭނެ ކަމަށެވެ.