މަސްވެރިން

މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް އަންނަ މަހު ދެނީ

މަސްވެރިންނަށް ނުދީ ހުރި ހުރިހާ ފައިސާއެއް ކުރިއަށް އޮތް މާޗް ފަސްވަނަ ދުވަހުގެ ނިޔަލަށް ދީ ނިންމާނެ ކަމުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝިޔާމު މިހެން ވިދާޅުވެފައި މިވަނީ މަސް ކިރުމަށްފަހު އަނބުރާ ފައިސާ ނުދޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ބުނެ މަސްވެރިންގެ ބަޔަކު މިފްކޯގެ މަސް ފެކްޓަރީ ހިންގަމުންދާ ކޫއްޑޫގައި މިއަދު މުޒާހަރާކުރަމުން ދަނިކޮށެވެ.

މަސްވެރިންގެ މުޒާހަރާއާއި ގުޅިގެން މިނިސްޓަރު ޝިޔާމު ވިދާޅުވީ ކޫއްޑޫގައި މުޒާހަރާކުރަމުންދާ މަސްވެރިންގެ ނުތަނަވަސް ކަމަކީ މިވަގުތު ސަރުކާރަށް އެކަމެއްގެ ކަންބޮޑުވުން އެންމެ ބޮޑަށް އޮތް އަދި އެންމެ ބާރަށް ހައްލުކުރަން މަސައްކަތް ކުރަމުން ގެންދާ މައްސަލަ ކަމަށެވެ.

މިނިސްޓަރު ޝިޔާމު ވިދާޅުވީ ޑިމޮކްރެޓިކް މުޖުތަމައު ތަކުގައި ހައްގު ހޯދަން ކުރާ ސުލްހަވެރި އިހުތިޖާޖުތަކަށް ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށެވެ.

"ކޫއްޑުގެ އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ މާހައުލެއް އޮތުމަކީ އިހުތިޖާޖުގައި ބައިވެރިނުވާ އެތައް ދޯންޔެއްގެ މަސްވެރިންގެ ވަރަށް ބޮޑު އެދުމެއް. އަދި އެ މާހައުލު ގާއިމުކޮށްދެއްވުމަށް އަޅުގަނޑުވެސް މިވަގުތު އިހުތިޖާޖުގައި ތިއްބެވި މަސްވެރިންގެ އަރިހުން އެދެން،" މިނިސްޓަރު ވިދާޅުވި އެވެ.

ޝިޔާމު ވިދާޅުވީ މަސްވެރިންނަށް ނުދީ ހުރި ފާއިސާގެ ތެރެއިން މިސަރުކާރަށް ވާރުތަވީ 250 ވަރަކަށް މިލިޔަން ރުފިޔާއާ އެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިއަން ރުފިޔާގެ ބެކްލޮގު އެއްކޮށް އަންނަ މާޗް ފަސްވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމަށެވެ. މިސަރުކާރުން މަހުގެ އަގު މުރާޖައާ ކުރި ދުވަހުން ފެށިގެން ކިރުނު މަހަށްވާ 26 މިލިއަން ރުފިޔާ ކޮންމެ ހަފްތާއަކު މިފްކޯއަށް ކިރާ މަހަށް ހަފްތާއެއް ތެރޭ ފައިސާ ދެވޭނެ އިންތިޒާމުގެ ތެރެއިން މިހަފްތާ އެ ފައިސާ މިފްކޯ އިން ހަމަޖައްސާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މަސްވެރިންގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުން. ކޫއްޑޫގައި ތިއްބެވި މަސްވެރިންނާ ބައްދަލުކޮށްލަން އަޅުގަނޑު ކޫއްޑޫއަށް ދިއުމަށްޓަކައި ށ. އަތޮޅުން އެބަ ދަތުރުކުރުރަން. މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އަދި މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރާނީ އަޅުގަނޑުމެން،" ކޫއްޑޫގައި ތިބި މަސްވެރިންނާ ބައްދަލުކުރައްވަން ވަޑައިގަންނަވާ ކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މިފްކޯ އަށް މަސް ގަތުމަށްފަހު މަސްވެރިންނަށް ފައިސާ ދިނުން ލަސްވުމަކީ މިދިޔަ 12 ވަރަކަށް އަހަރުން ފެށިގެން މަސްވެރިން އަބަދު ކުރާ ޝަކުވާ އެކެވެ. އެކަމަކު އެއްވެސް ސަރުކާރަކަށް މި މައްސަލަ ހައްލުކޮށްދެވިފައެއް ނުވެ އެވެ.