މިފްކޯ

ބައެއް ބޯޓުތައް ފެލިވަރަށް ބަދަލުކުރުމުން މަސްވެރިންނަށް ފަސޭހަވާނެ: މިފްކޯ

މިފްކޯގެ ބޯޓުފަހަރުގެ އޮޕަރޭޝަނަށް ގެނައި ބަަދަލުގެ ސަބަބުން މަސްވެރިންނަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް މިފްކޯ އިން ބުނެފި އެވެ.

މިފްކޯ އިން ބުނީ ގއ. ކޫއްޑޫގައި އޮޕަރޭޓް ކުރަމުން ދިޔަ ހަތަރު ބޯޓެއް ޅ. ފެލިވަރަށް ބަދަލުކުރުމުގެ ސަބަބުން މަސްވެރިން މަސްކިރުވުމުގައި އުފުލަންޖެހޭ ތަކުލީފުތަކަށް ލުޔެއް ލިބޭނެ ކަމަށެވެ.

މިފްކޯއިން ބުނީ ރާއްޖޭގެ ދެކުނުގައި މީގެކުރިން މަސް ކިރުމަށް ބޭނުންކުރި 27 ޓަނުގެ މަސް ކިރޭ ހަތަރު ބޯޓެއް މިހާރު ފެލިވަރަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މިފްކޯގެ ޖެނެރަލް މެނޭޖަރު އަހްމަދު ޒާހިރު ވިދާޅުވީ ފެލިވަރަކީ ދަޅުބަންދުކުރާ ފެކްޓްރީއަކަށް ވުމާއެކު އެތަނަށް ބޭނުންވާ ތާޒާ މަސް ހޯދުމަކީ އެ ކުންފުނިން އިސްކަންދޭ ކަމެއް ކަމަށެވެ.

ޒާހިރު ވިދާޅުވީ މި ބަދަލުގެ ސަބަބުން ރާއްޖޭގެ އުތުރުގައި ކަނޑުމަހުގެ މަސްވެރިކަން ކުރާ މަސްވެރިންނަށް މަސް ކިރުމުގައި އިތުރު ޔަގީންކަމެއް ލިބިގެންދާނެ ކަމަށާއި ދެކުނުގައި މިހާރު ގަނޑުކުރެވޭ މަސް ވެސް އިތުރު ވެގެންދާނެ ކަމަށެވެ.

މިފްކޯ އިން މައުލޫމާތު ދިން ގޮތުގައި 100 ޓަނުގެ މަސް ފިނިކުރެވޭ އަދި ކުރިން ފެލިވަރުގައި އޮޕަރޭޓް ކުރަމުންދިޔަ ޖަޒީރާ 102 މިހާރު ވަނީ ކޫއްޑޫއަށް ގެންގޮސްފަ އެވެ.

މިފްކޯއިން ބުނީ އެ ކުންފުނީގެ ފްލީޓާއި ފަހުން ގުޅުނު ޖަޒީރާ-105 އަދި ޖަޒީރާ-106 މަސް ގަތުމުގައި މިހާރު ހަރަކާތްތެރިވާ ކަމަށާއި ޖަޒީރާ-104 ވެސް މަސް ގަތުމުގައި ވަރަށް އަވަހަށް ބޭނުންކުރަން ފަށާނެ ކަމަށެވެ.

މިފްކޯއިން ބުނީ މި ބަދަލަކީ ޒުވާނުންގެ މެދުގައި އަދި މަސްވެރިކަމަށް ވަނުމަށް ބޭނުންވާ މީހުން އެކަމަށް އޮންނަ ޝައުގުވެރިކަން އިތުރު ކޮށްދޭނޭ ބަދަލަކަށް ވާނެ ކަމަށް އެ ކުންފުނިން ދެކޭ ކަމަށެވެ.