ކެބިނެޓް

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް އަލުން ފެށުމަށް ނިންމައިފި

ރާއްޖޭގައި ސަލާމަތާއި ރައްކާތެރިކަމާއެކު، އަލުން ހެލިކޮޕްޓަރު އުދުއްސުމުގެ ޚިދުމަތް ތައާރަފުކުރުމަށް ނިންމަވައިފި އެވެ.

ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ނިންމެވުން މިއަދު ނިންމެވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމެވީ "މެޑިވެކް" އާއި "ސާޗް އެންޑް ރެސްކިއު"ގެ ހިދުމަތްތައް ލާޒިމުކޮށް، ދެ އިންޖީނުލީ ހެލިކޮޕްޓަރު ބޭނުންކޮށްގެން، ހެލިކޮޕްޓަރު އޮޕަރޭޝަން ފެށުމަށް ކުރަންޖެހޭ ކަންކަން ކުރުމަށެވެ.

މެޑިވެކް އާއި ސާޗް އެންޑް ރެސްކިއު ފިޔަވާ އެހެން އާންމު ދަތުރުތައް ކުރަންވާނީ ހުއްދަ ދީފައިވާ ހެލިޕޯޓަކުން ކަމުގައިވެސް ރައީސް މިއަދު ނިންމެވި އެވެ.

ރައީސް މުއިއްޒު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެލިޕޯޓަކަށް ޖާގަ ހަމަޖެއްސުމަށް ކުރަންޖެހޭ ކަންކަން ކުރުމަށާއި، އިތުރު ސަރަހައްދެއްގައި ހެލިޕޯޓެއް ހަދަންޖެހޭ ކަމަށް ފާހަގަކުރެވޭނަމަ އެކަމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށްވެސް ނިންމަވާފަ އެވެ.

މީގެއިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ކަމާ ގުޅޭ އޮނިގަނޑު އިސްލާހުކޮށް، އިންޑަސްޓްރީއަށް ފަންނީ ގާބިލް މީހުން ޝައުގުވެރިކަން އުފައްދަވައި އެފަދަ މީހުން މި ދާއިރާގައި ދެމެހެއްޓުމަށް އެކަށީގެންވާ އެކަން ކުރެވޭވަރުގެ މުސާރައިގެ އޮނިގަނޑެއް އެކުލަވާލުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ނިންމެވި އެވެ.

ކެބިނެޓްގެ ނިންމުމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ކެބިނެޓްގެ ލަފައާއި އެކު ރައީސް ޑރ. މުއިއްޒުގެ ތަސައްވުރާއި ލީޑަޝިޕްގެ ދަށުން ރާއްޖޭގައި ހެލިކޮޕްޓަރު ދަތުރުތަކުގެ ހިދުމަތް އަލުން ފެށުމަށް ކެބިނެޓުން މިއަދު ނިންމީ ތާރީހީ ނިންމުމެއް ކަމަށެވެ.

"މިއީ 1999 ވަނަ އަހަރަށްފަހު ރާއްޖޭގައި އޭއޯސީގެ ދަށުން ހެލިކޮޕްޓަރު ދުއްވާ ފުރަތަމަ ފަހަރަށް ވާނެ،" އަމީން ވިދާޅުވި އެެވެ.

މިނިސްޓަރު ވިދާޅުވީ ކެބިނެޓްގެ ނިންމުމާ ގުޅިގެން މެޑިވެކް، ސަވައިލަންސް، ރެސްކިޔު އަދި މީހުން ގޮވައިގެން ވިޔަފާރި އުސޫލުން ދަތުރުތައް ވީހާވެސް އަވަހަށް ފެށުމަށް މަގުފަހިވާނެ ގާނޫނީ އޮނިގަނޑު އެކުލުވާލުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

"މިއީ ޓޫރިޒަމް އާއި މެހެމާންދާރީއާ ގުޅޭ ދާއިރާތަކަށް ސީޕްލޭނާ އެކު ފުރޮޅުލީ އުޅަނދުފަހަރުގެ އޮޕަރޭޝަންތައް ހިއްސާކުރާނެ ކަމެއް،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ވިޔަފާރި އުސޫލުން ހެލިކޮޕްޓަރު ދަތުރުތަކުގެ ހިދުމަތް އަލުން ފެށުމުގެ މަސައްކަތް ހަގީގަތަކަށް ހެދުމަށްޓަކައި އަމިއްލަ ފަރާތްތަކާއި އެހެނިހެން ސްޓޭކްހޯލްޑަރުންނާ ގާތުން މަސައްކަތް ކުރާނެ ކަމަށެވެ.

ރާއްޖޭގައި ކުރިން ވިޔަފާރި އުސޫލުން ހެލިކޮޕްޓަރު ދަތުރުތަކުގެ ހިދުމަތް ދިން ނަމަވެސް ރާއްޖޭގައި މިހިދުމަތް ހުއްޓާލީ އޭރު ހިދުމަތް ދިނުމަށް ބޭނުންކުރި ހެލިކޮޕްޓަރުތަކުގެ ސަލާމަތީ ކަންކަމާ މެދު ސުވާލު އުފެދި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ބަޔަކު މަރުވި ފަހުން 1999 ވަނަ އަހަރު އެވެ. އޭގެފަހުން ރާއްޖޭގައި ހެލިކޮޕްޓަރު ދަތުރުތަކުގެ ހިދުމަތް ވިޔަފާރި އުސޫލުން ދީފައެއް ނުވެ އެވެ. ނަމަވެސް އެމްއެެންޑީއެފް އިން ބަލި މީހުން އުފުލުމަށް އަދި މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތަކުގައި ކޮންމެވެސް ވަރަކަށް ހެލިކޮޕްޓަރު ބޭނުންކުރެ އެވެ.

ރާއްޖޭގައި އަލުން ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ޑިސެމްބަރު 2017ގައި އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ގުޅިގެން ދިރާސާއެއް ހަދާފަ އެވެ.