ޑރ. މުހައްމަދު މުއިއްޒު

ޓޫރިޒަމާއި ވިޔަފާރީގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުމްބާއީއަށް

ޓޫރިޒަމާއި ވިޔަފާރީގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އިންޑިއާގެ ވިޔަފާރީގެ މައި ރަށް -- މުމްބާއީ އަށް ވަޑައިގެންފި އެވެ.

ރައީސް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު މުމްބާއީއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ މުމްބާއީ ނިސްބަތްވާ މަހަރާސްތުރާ ސްޓޭޓްގެ އިސްވެރިންނެވެ.

މުމްބާއީގައި ބާއްވަން ހަމަޖެހިފައިވާ ޓޫރިޒަމާއި ވިޔަފާރީގެ ހާއްސަ ހަރަކަތުގައި ރައީސް ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހަރަކާތުގައި އިންޑިއާގެ އިންވެސްޓްމަންޓް ކުންފުނިތަކުގެ އިތުރުން މަޝްހޫރު އެކި ސެލެބްރިޓީން ވެސް ބައިވެރިވާނެ އެވެ.

ނިއުދިއްލީގައި އިއްޔެ ބޭއްވި "އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމް"ގައި ވެސް ރައީސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މި ހަރަކާތުގައި ރައީސް ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަދައްކަވާފަ އެވެ. އަދި ރާއްޖޭގެ ވިޔަފާރީގެ ދައިރާގައި އިންޑިއާގެ މުހިއްމުކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

މުމްބާއީގައި ބާއްވަން ހަމަޖެހިފައިވާ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާއާއެކު ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއާއި ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމދު އަމީން ވެސް ވާހަކަދެއްކެވުމަށް ހަމަޖެހިފައިވެ އެވެ.

ރައީސް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުުފުޅު މިމަހުގެ 6 އިން 10 އަކަށް ކުރިއަށް ދާނެ އެވެ.