ޓޫރިޒަމް

ފަތުރުވެރިކަން ކުރިއަރުވަން އިންޑިއާއާއެކު މަޝްވަރާކޮށްފި

ރާއްޖެއަށް އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާއި ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އިންޑިއާގެ ބައެއް ވަޒީރުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފި އެވެ.

މިނިސްޓަރު ފައިސަލް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އިއްޔެ ވަނީ އެ ގައުމުގެ ޓޫރިޒަމް މިނިސްޓަރު ޝްރީ ގަޖެންދްރާ ސިންގް ޝެކާވަތުގެ އިތުރުން އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ޝްރީ ކިންޖަރަޕޫ ރަމަމޯހަން ނައިޑޫއާ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުންތަކުގައި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

އެ ގޮތުން އިންޑިއާ އިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާއި އިންވެސްޓްމަންޓްތައް ގެނައުމާއި ގުޅޭ ގޮތުން މަޝްވަރާވަނީ ކޮށްފަ އެވެ.

އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް "ވެލްކަމް އިންޑިއާ" ގެ ނަމުގައި ބޮޑު ހަރަކާތެއް ވަނީ ފަށާފަ އެވެ.

އިންޑިއާއިން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 71،198 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 6.1 ޕަސެންޓެވެ.