ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނޫ މަހާވަރު ބައްދަލުކުރައްވައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިބައްދަލުވުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ދެ ގައުމަށްވެސް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
މިބައްދަލުވުމުގައި ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށާއި އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިބައްދަލުވުން ކުރިއަށް ގެންގޮސްފައި މިވަނީ މިނިސްޓަރު ފައިސަލް ވަރަށް އަވަހަށް އިންޑިއާއަށް ރަސްމީ ދަތުރެއްވެސް ކުރެއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.
ރާއްޖެއަށް މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާ އިން ކަމަށްވީ ނަމަވެސް މިދިޔަ ޖެނުއަރީ އިން ޖޫންގެ ނިޔަލަށް އިންޑިއާ އިން ރާއްޖެ އައި ފަތުރުވެރިންނަށް މިއަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި އިންޑިއާ ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފަ އެވެ.
ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓްގައި އިންޑިއާ މިވަގުތު އުޅެނީވެސް ހަ ވަނައިގަ އެވެ.