މިނިސްޓަރު އިބްރާހީމް ފައިސަލް

ފަތުރުވެރިކަމުގެ އާމްދަނީ ހަތް ބިލިއަން ޑޮލަރަށް އިތުރުކުރުމަކީ އަމާޒެއް: ފައިސަލް

ރާއްޖެއަށް އަހަރަކު އަންނަ ފަތުރުވެރިންގެ އަދަދު ހަތަރު މިލިއަނަށް އަދި ފަތުރުވެރިކަމުގެ އާމްދަނީ އަހަރަކު ހަތް ބިލިއަން ޑޮލަރަށް އިތުރުކުރުމަކީ އަމާޒެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަށް ޕްލޭންތަކެއް އެބަހުރި ކަމަށެވެ.

ޕްލޭންތަކަށް މަސައްކަތް ކުރެވިއްޖެނަމަ މި ފަސް އަހަރު ނިންމާލާނީ އަހަރަކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 3.5 މިިލިއަން ނުވަތަ ހަތަރު މިލިއަން ފަތުރުވެރިން އިތުރުކުރުމަށްފަހު ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު ރާއްޖެއަށް މި އަހަރު ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. އަދި މިދިޔަ އަހަރު ރާއްޖެ އައީ 1.8 މިލިއަން ފަތުރުވެރިންނެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.

"މިހާރު ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖޭގެ އިގުތިސާދަށް މި ކޮންޓްރިބިއުޓްކުރާ 4.5 ބިލިއަން ޑޮލަރު ގާތްގަނޑަކަށް 7 ބިލިއަން ޑޮލަރަށް މި ސަރުކާރު ނިމިގެންދާއިރު އަޅުގަނޑުމެންނަށް ޖެއްސޭނެ،" ފައިސަލް ވިދާޅުވި އެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ 9.6 ޕަސެންޓް އިތުރު އަދަދެކެވެ.