ޓޫރިޒަމް

ދެ މިލިއަން ވަނަ ފަތުރުވެރިޔާގެ އަމާޒު ބުރާސްފަތި ދުވަހު

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރާ ދެ މިލިއަން ވަނަ ފަތުރުވެރިޔާ އަންނަ ބުރާސްފަތި ދުވަހު ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު ދެ މިލިއަން ވަނަ ފަތުރުވެރިޔާ އަންނާނެ ކަމަށް ބެލެވެނީ ބުރާސްފަތި ދުވަހު ކަމަށެވެ.

ރާއްޖެއިން މި އަހަރު ފަތުރުވެރިކަމަށް ކަނޑައެޅި އަމާޒަކީ ދެ މިލިއަން ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ނުވަ ޕަސެންޓް އިތުރުވެފަ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ – 260،900
  • ރަޝިއާ – 216،00
  • އިނގިރޭސިވިލާތް – 173،900
  • ޖަރުމަނު – 151،200
  • އިޓަލީ – 133،700
  • އިންޑިއާ – 126،000
  • އެމެރިކާ – 66،700
  • ފްރާންސް – 51،700
  • ސްޕެއިން – 46،100
  • ސްވިޓްޒަލޭންޑް – 39،000

ރާއްޖެއަށް މިމަހުގެ މިހާތަނަށް އެވަރެޖްކޮށް ދުވާލަކު 6،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.

ރާއްޖެއަށް މިހާރު 23 ގައުމަކުން 40 އަށްވުރެ ގިނަ އެއާލައިނުން ސީދާ ދަތުރުތައް ކުރެ އެވެ.

ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް ޖުމްލަ 1،262 ތަނެއް ދަނީ ހިންގަމުންނެވެ.

މީގެ ތެރޭގައި 172 ރިސޯޓާއި 920 ގެސްޓްހައުސް އާއި 155 ސަފާރީ އަދި 15 ހޮޓާ ހިމެނެ އެވެ. މިތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 63،118 އެވެ.