ވާހަކަ

މިލްކުވާނެބާ

(12 ސެޕްޓެމްބަރ 2024 އާ ގުޅޭ )

"ކިހިނެއް ހަދަންވީ؟. ކީއްކުރީމަ މިޔާއަށް ޔަޤީންކަން ލިބޭނީ އަހަރެން ހަޤީޤަތުގައި ވެސް މިއުޅެނީ މިޔާ ބޭނުންވެގެންކަން. އަހަރެންގެ އަނތްބެއްގެ ގޮތުގައި މުޅިއުމުރަށް މިޔާ ބައިންދަން ބޭނުންވަނީ. މިޔާދެކެ ލޯބިވެވިއްޖެ... ވަރަށް ބޮޑަށް ލޯބިވެވިއްޖެ." އިޒީކިއަލް ކުރިޔަށް ޖެހިލައި ވާހަކަދެއްކީ ނިކަން މަޑުންނެވެ. އޭނާ މިޔާގެ ކޯތާފަތުގައި ކަނާއަތްތިލަ ޖައްސާލި އެވެ. އެ ދެ ލޮލަށް ގެއްލިފައި މާޔާއަށް ހުރެވުނު އިރު ސިކުނޑީގައި ހިނގަންފެށި ޚިޔާލުތަކުން އޭނާގެ ދެ ލޯ ކަރުނުން ބަންޑުންވަމުން ދިޔަ އެވެ.

އިޒީކިއަލްގެ ދުލުން އިވިގެން ދިޔައީ އެ ލަފުޒުތަކެއް އެހުމަށް ޓަކައި މާޔާ ބޭގަރާރުކަމާއެކު އެތައް އަހަރެއް ވަންދެން އިންތިޒާރު ކުރަމުން އައި ލަފުޒުތަކެކެވެ. ހަމަ އެންމެ ފަހަރަކު ވިޔަސް އިޒީކިއަލް އޭނާދެކެ ލޯބިވެޔޭ ބުނާނޭ ނަމައޭ މާޔާގެ ހިތް އާދޭސްކުރި އެވެ. ނަމަވެސް އެ ލަފުޒުތައް އިވުމަކުން މާޔާއަށް މިއަދު އުފާވެރިކަމެއް ނުލިބުނެވެ. ބަދަލުގައި އޭނާގެ ހިތް ވޭނުން ރޯލީ އެވެ. ލޯބިވެޔޭ ބުނާން ހާލަތު އިޒީކިއަލްއަށް މަޖުބޫރު ކުރިއްޔޭ މާޔާގެ ހިތް ބުނަމުންދިޔަ އެވެ. ހައިކްއާއެކު މާޔާ ހުއްޓުވެން އޮތް ހަމައެކަނި މަގު އިޒީކިއަލް ޚިޔާރު ކުރިއްޔޭ މާޔާގެ ޟަމީރު ވެސް ޤަބޫލުކުރެ އެވެ. ނަފްސަށް މަޖުބޫރުވެގެން ހާމަކުރާ ޖަޒުބާތަކީ ހަމައެކަނި ހާލަތައް ބިނާވެފައި އޮންނަ އިޙްސާސެކެވެ. އެދެމުންދާ އެދުންތައް ޙާޞިލްވުމާއެކު އެ ހިތެއްގެ ހަޤީޤީ ކުލަވަރު ފާޅުވާން ފަށާނެކަން ޔަޤީނެވެ. މިހާ ދުވަހު އިޒީކިއަލްގެ ދުލުން ފާޅުނުކުރެވުނު އިޙްސާސްތަކެއް ކުއްލިއަކަށް މިއަދު ފާޅު އެކުރީ އޭނާއަށް ގޮތް ހުސްވީ ހެއްޔެވެ؟. ނޫނީ ހަޤީޤަތަށް ވެސް އޭނާއަށް މާޔާދެކެ ލޯބިވެވުނީ ހެއްޔެވެ؟.

"މިޔާ ވަރަށް ރޮއެފި. އިތުރަށް ރޮއްވާކަށް އަހަރެން ބޭނުމެއްނޫން. ސޯ ޕްލީޒް... ދެން ހުއްޓާލާ. އަހަރެން އިތުރަށް މިޔާއަށް ތަކުލީފުތަކެއް ޖައްސާކަށް ނެތިން. އެކަމަކު... މިޔާ އެދުނަސް އަހަރެންނަށް ހައިކްއެއް ނުދެވޭނެ. މިޔާ ބޭނުން އިރަކު އެ ދަރިފުޅާ ބައްދަލުވެވޭނެ. ތި ދެ މީހުން ދުރުކުރުމުގެ ވިސްނުމެއްނެތް. އަދިވެސް މިބުނަނީ... އަހަރެންނަށް ހައިކްއެކޭ އެއްފަދައިން މިޔާ ވެސް މުހިންމު... އަހަރެންގެ ޢާއިލާއާ ބައްދަލުކޮށްދީ މިޔާއާ ކައިވެނި ކުރާން އަހަރެން ބޭނުން. އައި އޭމް ރެޑީ ފޯ ކޮމިޓްމެންޓް. ސޯ ޕްލީޒް... ޕްލީޒް މިޔާ. އަހަރެންނަށް މި ފުރުޞަތު ދީ. ވަން ލާސްޓް ޗާންސް... ރާހިންއާ ކައިވެނި ނުކޮށް އަހަރެންގެ ގާތަށް އެނބުރި އާދޭ. މިފަހަރު އަހަރެން ގޯހެއް ނުހަދާނަން. އައި ޕްރޮމިސް." މާޔާގެ ކޯތާފަތުން ކަރުނަތައް ފުހެލަދެމުން އިޒީކިއަލް ވާހަކަދެއްކި އެވެ.

"ޑޯންޓް ޔޫ ތިންކް އިޓްސް ޓޫ ލޭޓް." ހިންދިރުވާލުމާއެކު މާޔާ ބުންޏެވެ. އަދި އަމިއްލައަށް ދެ އަތުން އޭނާގެ ލޮލުން ކަރުނަތައް ފުހެލައިފި އެވެ.

އިޒީކިއަލްގެ މޫނު މިލައިގެންދިޔަކަން މާޔާއަށް ވެސް ފާހަގަވި އެވެ. އެ ދެ ލޮލުން ހިތާމައާއި މާޔޫސްކަން ފާޅުވޭވޭ ހުއްޓެވެ. ދެން ފެނުނީ މާޔާގެ ދެ އަތްތިލާގައި ހިފާލުމާއެކު އޭނާގެ ކުރިމަތީ ދެ ކަކޫ މައްޗަށް ތިރިވީތަނެވެ.

"އައި އޭމް ސޮރީ... ޕްލީޒް ފޮގިވް މީ. އައިމް ބެގިން ޔޫ މިޔާ. ޕްލީޒް، ޕްލީޒް... ޑޯންޓް ލީވް މީ." އިޒީކިއަލް އިސްއުފުލާލައި މިޔާއަށް ބަލަން އިނދެ އާދޭސްކުރި އެވެ. މާޔާގެ ދެ ތުންފަތް ދުރުވެލީ ލިބުނު ހައިރާންކަމުގައި އަޖައިބުވެގެންނެވެ. އެފަދަ ބަލިކަށި ގޮތަކަށް މާޔާއަށް އިޒީކިއަލް ފެނުނީ ފުރަތަމަ ފަހަރަށެވެ. މީހެއްގެ ކައިރިން މަޢާފަށް އެދޭކަށް އިޒީކިއަލްގެ ފަޚުރު ތަނެއް ނުދޭނެކަން މާޔާއަށް އެނގެ އެވެ. އަބަދުވެސް މާޔާއަށް އިޒީކިއަލް ފެނިފައި ހުރީ އަމިއްލަ ނަފްސާމެދު ބޮޑާވާ އަދި އަމިއްލަ އެދުން ބޮޑު މީހެއްގެ ގޮތުގަ އެވެ. ނަމަވެސް އޭނާގެ ކުރިމަތީ ދެ ކަކޫ މައްޗަށް ތިރިވެ އިނދެ އާދޭސް ކުރަމުން ދިޔަ އިޒީކިއަލްގެ އެ ބޮޑާކަން ދިޔައީ ކޮންތާކަށް ކަމެއް ނޭނގެ އެވެ. އިޒީކިއަލްގެ ދެ ލޮލަށް ބެލިވަރަކަށް އެ ދެ ލޮލުގައި ހުފެހެއްޓިފައިވާ ކަރުނަތައް މާޔާއަށް ފެންނާން ގިނައިރެއް ނުނެގި އެވެ.

ކުއްލިއަކަށް އިޒީކިއަލްގެ ދެ އަތުން މާޔާއަށް އަތް ދަމައިގަނެވުނެވެ. ދެ އަތް ޖޯޑުކޮށްލަމުން ގެނެސް މާޔާގެ މޭގައި ޖައްސާލި އެވެ. އޭނާގެ ހިތަށް އުނދަގޫވަނީ އެވެ. މޭގައި ރިހުން ގަދަވަނީ އެވެ. އިޒީކިއަލްއަށް ބަލަން ހުރެ މާޔާ ތުންފިއްތާލަމުން ދެ ފަރާތަށް ބޯހޫރާލި އެވެ.

"އިޒިކް..." މަޑުމަޑުން މާޔާ ގޮވާލި އެވެ. އިޒީކިއަލްގެ އަސަރުގައި ނުޖެހޭން އޭނާ އަމިއްލަ ނަފްސާ ހަނގުރާމަ ކުރާ ކަހަލަ އެވެ.

"ޔެސް. އައި އޭމް ހިއާ... ދެން ދުވަހަކުވެސް މިޔާ ދޫކޮށްލާފައި ނުދާނަން. ދުވަހަކުވެސް މިޔާ ދެރައެއް ނުކުރާނަން. އައި ލަވް ޔޫ. އައި ރިއަލީ ޑޫ." އިޒީކިއަލްގެ އަޑު މަޑުވެފައި އެ އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ. އޭނާގެ ހިތަށް ވެސް ކުޅަދާނަނުވާ ހިސާބަށް ހިނގައްޖެކަން އަޑުން ދޭހަވެ އެވެ.

"އައި... އައި ޑޯންޓް ނޯ... ނޯ!... އައި ކާންޓް." މާޔާ ކުއްލިއަކަށް ތަންކޮޅެއް ބާރަށް ބުންޏެވެ. އަދި މަޑުކޮށްލުމެއްނެތި އޭނާ ނިކަން ހަލުވި ފިޔަވަޅުގައި ކޮޓަރިން ނުކުމެއްޖެ އެވެ.

"ކިހިނެއްވީ؟." މާޔާ އަވަސް ފިޔަވަޅުތަކެއްގައި ނުކުމެގެން އައިތަން ފެނި ރާހިން ކަންބޮޑުވި އެވެ.

"އަހަރެންނަށް ހައިކް ހޯދާ ދޭނަންތަ؟." ރާހިންގެ ކުރިމަތީ ހުއްޓިލުމާއެކު މާޔާ ސުވާލުކޮށްލި އެވެ. ކުއްލިއަކަށް ޖަވާބެއްދޭން ރާހިންއަށް އުނދަގޫވި އެވެ. އެހެންވެ އަނެއްކާ ވެސް މާޔާ ގާތުގައި އޭނާއަށް އަހާލެވުނީ ކަމެއްވީތޯ އެވެ. އޭރު އިޒީކިއަލް ވެސް ކޮޓަރިން ނުކުމެއްޖެ އެވެ.

"ރާހިން ކައިރީ މި އަހަނީ. އަހަރެންގެ ދަރިފުޅު އަހަރެންނަށް ހޯދާ ދެވޭނެތަ؟. އެހެންނަމަ އަހަރެން ރެޑީ... މެރީ ކުރަން ހިނގާ." މޭގައި ހިތް ގިސްލާ ރޮމުން ދަނިކޮށް މާޔާ އެ ހިތަށް ރަޙުމެއް ނުކުރި އެވެ. އޭނާ އެ ހިތުގެ އަޑަށް ބީރުކަންފަތެއް ދީ ގޮތް ނިންމާލީ އެވެ. ރާހިންނަށް ވަގުތުން ބަލާލެވުނީ އެމީހުންގެ ކައިރިޔަށް އައިސް މަޑުކޮށްލި އިޒީކިއަލްއަށެވެ. އޭނާއަށް މާޔާ ދެއްކި ވާހަކަ އިވޭނެކަން ރާހިންނަށް އެނގެ އެވެ.

"މާޔާ... އިޒީކިއަލް ނޫޅޭ ހައިކްއާ މާޔާގެ ގުޅުމަށް ހުރަސް އަޅާކަށް." ޒާހިލް ކުއްލިއަކަށް ވާހަކަދެއްކި އެވެ. މާޔާގެ ނިންމުން ބަދަލުކުރާން އޭނާ ވެސް ބޭނުންވަނީ އެވެ.

"އެހެންވީމަ އަހަރެމެން ދެން ބައްދަލުވާނީ ކޯޓުން." މާޔާގެ ކަނާއަތުގައި ހިފާލުމާއެކު ރާހިން ބުނީ އިޒީކިއަލްއާ ނަޒަރު ސީދާކޮށްލަމުންނެވެ.

"މިޔާ ޑޯންޓް ޑޫ ދިސް." އިޒީކިއަލް ބުންޏެވެ. އެއާއެކު މާޔާ ކައިރިވެލީ ރާހިންނާ އެވެ.

"އިޓްސް އޯވަރ... އަހަރެންނަށް ހީވަނީ މާޔާ ދައްކަން އޮތް ވާހަކައެއްވިއްޔާ މިހާރު އިޒީކިއަލްއާ ދައްކައިފިހެން. ރުހުމުގައި މާޔާއަށް ދަރިފުޅު ނުދެންޏާ އެކުއްޖާ ހޯދާނީ ކޯޓުން. އަހަރެމެންނަށް މިތާ ތިބެވޭކަށްނެތް. ފުރަންވާއިރަށް ކުރަންޖެހޭ ބައެއް ތައްޔާރީތައް އެބަހުރި." ރާހިން ބުންޏެވެ.

އިޒީކިއަލްއަށް ދަތްކުނޑިވިކާލެވުނެވެ. ރާހިންދެކެ އޭނާއަށް ރުޅި އާދެވެނީ އިޚްތިޔާރަކާ ނުލަ އެވެ. ނަމަވެސް މުއްކަވާލި އަތާއެކީ އިޒީކިއަލް ރުޅި ކޮންޓްރޯލް ކޮށްފި އެވެ. އޭނާގެ ކޮނޑުގައި ޒާހިލް އަތް ބާއްވާލި އެވެ.

"ހައިކްއަށް މަންމަ އެކަންޏެއް ބޭނުންވަނީ. މިޔާގެ ތި ނިންމުން ރަނގަޅެއްނޫން. އަހަރެން ވެސް ދަރިފުޅަށް ޓަކައި ފައިޓް ކުރާނަން." އިޒީކިއަލް ބުންޏެވެ.

"ލެޓްސް ގޯ." އިޒީކިއަލްގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ޒާހިލް ބުންޏެވެ.

ޒާހިލްއާއެކީ އިޒީކިއަލް އެ އެޕާޓްމެންޓުން ނުކުތެވެ. ލޯ މަތިން އިޒީކިއަލް ގެއްލެންދެން މާޔާ ހުރި ފަދަ އެވެ. އޭނާ ވަގުތުން ރާހިންގެ އަތުން ދޫކޮށްލައި ދުރަށް ޖެހިއްޖެ އެވެ. މާޔާގެ އަވަސް ހަރަކާތައް ރާހިންއަށް ބަލާލެވުނެވެ.

"އާ ޔޫ އޯކޭ." ރާހިން އަހާލި އެވެ.

"ނިދާލަން ބޭނުމީ." މާޔާ ބުންޏެވެ. ހަޤީޤަތުގައި އޭނާ ބޭނުމީ އެކަނިވެލާށެވެ.

"އެހެންވިއްޔާ ހިނގާ ދަމާ." ރާހިން ބުންޏެވެ. ނަމަވެސް މާޔާ ހިނގައިގަންނާކަށް ނޫޅުނެވެ.

"ކިހިނެއްވީ." ރާހިންއަށް އަހާލެވުނެވެ.

"އައިމް ކޮމްފޯޓަބަލް ހިއާ. ކޮޓަރީގައި އޮވެ ނިދާލަން ބޭނުމީ... ހެނދުނުން ވާހަކަދައްކާނީ. ރާހިން ދާންވީނު." މާޔާ ބުންޏެވެ.

"ވަޓް. މާޔާ އެކަނި ބަހައްޓާފައި." އަޖައިބުވެފައި ރާހިންނަށް ބުނެވުނެވެ.

"އަހަރެން މީ ކުޑަކުއްޖެއްނޫނޭ. ޕްލީޒް ރާހިން. މިރޭ ދެން އިތުރަށް ވާހަކައެއް ދައްކާނޭހާ ހިތްވަރެއް އަހަރެންގެ ނެތް. މާދަމާ ދެ މީހުން ދިމާވާނެއެއްނު." މާޔާއަށް އުނދަގޫވެފައި ހުރެ ބުންޏެވެ.

"އަހަރެން ދާންވީތަ؟." އިރުކޮޅަކަށް މަޑުޖެހިލާފައި ރާހިން އަހާލި އެވެ.

"ހޫމް... އަހަރެން ވަރަށް ވަރުބަލިވެއްޖެ." މާޔާ ބުންޏެވެ.

"ހެނދުނު އަށްގަޑިބައިގަ އަންނާނަން. މާޔާއާއެކީ ސައިބޯނީ." ރާހިން ބުންޏެވެ.

ޖަވާބެއް ދިނުމުގެ ގޮތުން މާޔާ ހަމައެކަނި ބޯޖަހާލީ އެވެ. އެޕާޓްމެންޓުން ނުކުންނަން ރާހިން ހިނގައިގަތުމުން އޭނާއާއެކީ ދޮރާ ހަމައަށް މާޔާ އައެވެ. ދޮރުމަތިން ވަކިވުމުގެ ކުރީން ބާއްޖަވެރި ރޭގަނޑަށް އެދި އަރާމުކޮށް ނިދާލަން ރާހިން ބުންޏެވެ. އަދި އޭނާ އެ ދަނީ މާޔާގެ އެދުމަށް އިޚްތިރާމް ކުރާންވެގެންކަން ބުނެލި އެވެ. އޭނާ އަމިއްލައަށް މާޔާ އެކަނިކޮށްލާފައި ދިއުމުގެ ވިސްނުމުގައެއް ނޫންކަން ރާހިން ހާމަކޮށްލި އެވެ. ރާހިންއަށް މާޔާ ދިނީ ޝުކުރިއްޔާ އެކެވެ. ދާން ބޭނުންނުވެފައި ހުރި މީހަކުހެން އިރުކޮޅަކު ރާހިން ހުރެފައި ހިނގައިގަތެވެ. އޭނާ ފުރަގަސް ދިނުމާއެކު މާޔާ އެޕާޓްމެންޓަށް ވަދެ ދޮރު ލައްޕައިފި އެވެ. ދޮރު ތަޅުލާފައި މާޔާ އައިސް ވަނީ ކޮޓަރިއަށެވެ.

ދޮރުފަތުގައި ލެނގިލައިގެން މާޔާއަށް ހުރެވުނީ ކޮޓަރި ތެރެއަށް ގެއްލިފަ އެވެ. މީގެ ކުޑައިރުކޮޅެއް ކުރީން އެ ކޮޓަރީގައި އިޒީކިއަލް އުޅުނު ގޮތް މާޔާގެ ލޮލަށް ސިފަވާން ފެށި އެވެ. އިޒީކިއަލް ދެއްކި ވާހަކަތައް ކަންފަތަށް އިވެން ފެށި އެވެ. ދެ ލޯ މަރާ ބާރުކޮށްލުމާއެކު ކަނާއަތް ގެނެސް މާޔާގެ މޭގައި ޖައްސާ އޮބާލި އެވެ. މަދު ސުކުންތުކޮޅެއްގެ ތެރޭ ކޮޓަރިތެރެއިން މާޔާގެ ރުއިމުގެ އަޑު އިވެންފެށި އެވެ. މަޑުމަޑުން އޭނާގެ ރުއިން ގަދަވެ މޫނުގައި ދެއަތް އަޅައި ފޮރުވާލަމުން ދޮރުކައިރީ ތަޅުންމަތީ އޭނާ އިށީނީ ކޮޅަށް ނުހުރެވިގެން ކަހަލަ އެވެ. ހިތަކަށް ކުޅަދާނަނުވެގެން މާޔާއަށް ގިސްލެވުނެވެ.

"ބައްޕާ... ބައްޕާ..." އަހަރުތަކަކަށް ފަހު މާޔާއާ ވަކިވެ ގޮސްފައިވާ ބައްޕައަށް ގޮވާލެވުނެވެ. އެ ބައްޕަގެ ހިމާޔަތެއް ނުހަނު ބޮޑަށް ބޭނުންވެގެންނެވެ. އޭނާގެ ހިތަށް ލިބެމުންދާ ތަކުލީފާއި ވޭން އެ ބައްޕަ ހުރިނަމަ ލުއިކޮށްދޭނެކަން މާޔާއަށް ޔަގީންވަނީ އެވެ. އޭނާއަށް ގޮތެއް ނިންމަން އުނދަގޫ ކޮންމެ ކަމެއްގައި ރަނގަޅު ގޮތް ބުނެދޭން ބައްޕަ ހުންނާނޭކަން ގައިމެވެ. އެކަމަކު އޭނާގެ ބައްޕަ އެ ވަނީ އެފަދަ އެހީތެރިކަމެއް ފޯރުކޮށް ނުދެވޭނެހާ ދުރަށް ގޮސްފަ އެވެ. އެއްވެސް އިންސާނަކު މަރުވުމަށްފަހު އަލުން ދުނިޔެއަށް އެނބުރި އައުމެއް ނުވެ އެވެ.

"ހައިކް ބޭނުންވީމާ އަހަރެންތަ ގޯސްވީ... އިޒީކިއަލް ކުރި އެއްވެސް ކަމެއް ގޯހެއް ނުވޭތަ؟. ކީއްވެ މިހާރު އަހަރެން ބޭނުންވާންވީ؟. ފަސް އަހަރު ވެގެން ދިޔައިރު އަދިކިރިޔާތަ އިޒީކިއަލްއަށް އަހަރެން މުހިންމުވީ؟... ނޫން... ބުނާނެކަމެއްނެތް." މާޔާ ކުއްލިއަކަށް ދެކަންފަތުގައި އަތް އެޅި އެވެ. އޭނާގެ ކަންފަތަށް އިޒީކިއަލް ލޯބިވެޔޭ ބުނި އަޑު އިވެނީ އެވެ. ކަންފަތް ބަންދުކުރާން ބޭނުންވީ އެ އަޑު ނޭހުމަށެވެ. އިޒީކިއަލްގެ އަޑާއި އޭނާ ދެއްކި ހުރިހާ ވާހަކައެއް ވަނީ އޭނާގެ ހިތާއި ސިކުނޑީގައި ރައްކާކުރެވިފައި ކަމެއް އޭނާއަށް ނޭނގޭ ކަހަލަ އެވެ. އޭނާއަށް އަދިވެސް ހީވަނީ ކޮޓަރި ތެރެއިން އިޒީކިއަލްގެ އަސަރު ފިލައިގެން ނުދާހެންނެވެ.

ރޮއެރޮއެ ވަރުބަލިވެފައިވާ ހާލު މާޔާ ކޮޅަށް ތެދުވި އެވެ. މަޑުމަޑުން އައިސް އެނދުގައި އޮށޯވެލި އެވެ. ހަށިގަނޑު ކުޑަކޮށްލައިގެން އޮވެ އޭނާ ދެ ލޯ މަރާލި އެވެ. އިޒީކިއަލް އޭނާ ވަރިކޮށްލި އިރުގެ ހަނދާންތައް އިޔާދަވެ ފުނިޖެހެމުން އައެވެ.

"ރާހިންއާ ދިމާވުން އެއީ ނަސީބުތަ؟. އިޒީކިއަލްގެ ފަރާތުން އަހަރެން ބޭނުންވީ ލޯތްބާއި އޯގާތެރިކަން އަހަރެންނަށް ލިބެން އޮތީ ރާހިންގެ ފުށުންތަ؟. ތަޤްދީރު އަހަރެމެން ބައްދަލުކުރުވީ އެހެންވެތަ؟... ރާހިން އަހަރެންނަށް ޓަކައި ވަރަށް ގިނަ ކަންކަން ކޮށްދިން. އޭނާގެ ހެޔޮކަމުގެ ބަދަލު ދޭންވީ ވަގުތުތަ މީ؟. އެކަމަކު އަހަރެންނަށް އެ ނިންމުމުން ހަމަޖެހުމެއް ނުލިބިގެން މިއުޅެނީ ކީއްވެތަ؟. ރާހިންދެކެ ލޯބި ނުވާތީތަ؟... ރާހިންގެ އެއްވެސް އުނިކަމެއް ނެތްއިރު ވެސް އެފަދަ ގޮތަކަށް އޭނާ ބަލައިގަންނަން މިހާ އުނދަގޫ މިވަނީ ކީއްވެތަ؟. މި އުނދަގޫކަމާއި ދުރުކަން ކައިވެންޏަށްފަހު ގާތްވެދާނެތަ؟..."

ސުވާލުތަކުން ފުރިފައި އޮވެ ނިދީގެ ފުންކަމުގެ ތެރެއަށް މާޔާ ގެއްލި ޚަބަރު ހުސްވީ ކޮންއިރަކު ކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެ އެވެ. ނިދިފައި އޮތްއިރު ވެސް އޭނާގެ އެސްފިޔަތަކުގައި ކަރުނައިގެ ތެތްކަން ފާޅުވޭވޭ ހުއްޓެވެ.

(ނުނިމޭ)