ހދ. ހިރިމަރަދޫގެ ހުރިހާ ރައްޔިތުން ކ. ތުލުސްދޫއަށް ބަދަލުވާން އެދޭނަމަ އެކަމަށް މަރުހަބާ ކިޔަން ތައްޔާރަށް ތިބި ކަމަށް ތުލުސްދޫ ކައުންސިލުން ބުނެފި އެވެ.
ހދ. އަތޮޅުގައި އާބާދީ އެންމެ ކުޑަ ރަށުގެ ގޮތުގައި އޮތް ހިރިމަރަދޫގެ ރައްޔިތުން ތުލުސްދޫއަށް ބަދަލުވުމަށް އެދިފައިވާ ކަމަށް ސަރުކާރުން ހާމަކުރީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
މިކަމާ ގުޅިގެން އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ތުލުސްދޫ ކައުންސިލްގެ އަސްލަމް މޫސާ ވިދާޅުވީ ހިރިމަރަދޫގެ ހުރިހާ ރައްޔިރުން އެއްކޮށް ތުލުސްދޫއަށް ބަދަލުވާން ތިބިނަމަ އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.
"ހިރިމަރަދޫ ރައްޔިތުން ތުލުސްދޫއަށް ބަދަލުވަންޏާ ބަދަލުވާން އަޅުގަނޑުމެން އެދެނީ އެ ރަށުގެ ހުރިހާ ރައްޔިތުން އެއްކޮށް،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތުލުސްދޫ އަކީ މިހާރުވެސް ވަޒީގެ ފުރުސަތުތައް ފަހި އަދި މުސްތަގުބަލުގައިވެސް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވެން އޮތް ރަށެއް ކަމަށެވެ. އެހެންވެ ތުލުސްދޫގައި އުފެދޭ ވަޒީފާތަކަށް މީހުން ބޭނުންވާ ކަމަށާއި އަދި އާބާދީ ބޮޑުވުމަކީވެސް ރަށެއްގެ ތަރައްގީއަށް ލިބިގެންދާ ކުރިއެރުމެއް ކަމަށްވާތީ ހިރިމަރަދޫ ރައްޔިތުންނަށް މަރުހަބާ ކިޔާނެ ކަމުގައި ވިދާޅުވި އެވެ.
"އާބާދީ ބޮޑުވުމަކީ ރަށެއް ތަރައްގީކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއް. ސަރުކާރަށް ވެސް ފަސޭހަތަކެއް ލިބޭނެ ކަމެއް. ތުލުސްދޫގެ އާބާދީ މިހާރަށް ވުރެ އިތުރުކުރުމަކީ އަޅުގަނޑުމެންވެސް ބޭނުންވާ ކަމެއް،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތުލުސްދޫއަކީ ކ. އަތޮޅުގެ ވެރިކަން ކުރާ ރަށަށްވީ ނަމަވެސް އާބާދީގެ ގޮތުން މާބޮޑު ރަށަކަށް ނުވާތީ ރަށް ތަރައްގީކުރަން އަދި ރަށުން ވީހާވެސް ގިނަ ހިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހާމަޖެއްސުމަށް ދަތިތައް ހުރި ކަމަށެވެ. ވަކިން ހާއްސަކޮށް ތައުލީމާއި ސިއްހީ ހިދުމަތް ރަށުގައި ފުޅާކުރުމަށްޓަކައި އާބާދީ އިތުރު ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވާނެ ކަމަށްވެސް ވިދާޅުވި އެވެ.