އާބާދީ މަދު ރަށްތައް ހިމެނޭ ގޮތަށް މުޅި ރާއްޖެ ތަރައްގީކުރުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ގޮތުގައި ގިނަ މީހުން ފާހަގަކުރަނީ ޖަޒީރާ ރަށްތަކަކަށް ރާއްޖެ ބެހިފައި އޮތުމެވެ.
އަނެއްކޮޅުން ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގުތަކެއް ގާނޫނުއަސާސީގައި ވަނީ ކަނޑައަޅާފަ އެވެ. މި ހައްގުތަކުގެ ތެރޭގައި ރަނގަޅު ކާނާ އާއި ސާފު ފެން ފުދޭ މިންވަރަށް ލިބުމާއި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތައް ލިބުމާއި ދަތުރުފަތުރުކުރުމުގެ ވަސީލަތްތައް ހިމެނެ އެވެ.
މީގެ އިތުރުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ މިންވަރުގެ ނަރުދަމާ ނިޒާމެއް ގާއިމުވެފައި އޮތުމާއި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ މިންވަރަށް ކަރަންޓުގެ ހިދުމަތް ގާއިމްވެފައި އޮތުމުގެ ހައްގު ވެސް ހިމެނެ އެވެ.
ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަން ހުރި މިންވަރަކަށް އެ ހައްގުތައް ރައްޔިތުންނަށް ހޯދޭނޭ މަގު ތަނަވަސްކޮށްދިނުމަށް ދައުލަތުން މަސައްކަތްކުރާންވާނެ ކަމަށްވެސް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެ އެވެ. އެހެންވެ އާބާދީ ބޮޑު ރަށަކާއި ޖެހިގެން އޮތް އާބާދީ މަދު ރަށުގައިވެސް ވަސީލަތްތައް އެއް ހަމައަކުން ގާއިމުކުރަން ޖެހެ އެވެ.
ނަތީޖާއަކީ ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުން ތަރައްގީގެ މަޝްރޫއުތަކަށް ބޮޑު ހޭދައެއް ކުރަންޖެހުމެވެ.
އެއްފަސްކުރުމުގެ ވާހަކަ އެކި ސަރުކާރުތަކުގައި ދެއްކި އެވެ. ޑިސެމްބަރު 26، 2004 ގައި ކުރިމަތިވި ސުނާމީއަށްފަހު ބައެއް ރަށްރަށް އެއްކޮށް ހަލާކުވުމުން، އެ ރަށްރަށުން މީހުން އެހެން ރަށްރަށަށް ބަދަލުކުރެވުނެވެ. އެރަށްތަކުގައި ވަސީލަތްތައް ގާއިމުވެސް ކުރި އެވެ. ނަމަވެސް އާބާދީ މަދު ރަށެއްގެ އެންމެން، އެހެން ރަށަކަށް ބަދަލުވުމަށް އެއްބަސްވެ އެކަމަށް ހުށަހެޅުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. އާންމުކޮށް ފެންނަނީ އާބާދީ މަދު ނަމަވެސް އެ ރަށަށްވެސް ފުރިހަމަ ވަސީލަތްތައް ގާއިމުކޮށްދިނުމަށް އެދޭ މަންޒަރެވެ.
މިކަމުގައި ތަފާތު ދެއްކީ ހދ. ހިރިމަރަދޫ އެވެ. އެ ރަށުގެ ރައްޔިތުން ވަނީ ކ. ތުލުސްދޫއަށް ބަދަލުވުމަށް އެދި ހުށަހަޅާފަ އެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ ހިރިމަރަދޫގެ ހުރިހާ ރައްޔިތުން ތުލުސްދޫއަށް ބަދަލުވާން އެދޭނަމަ އެކަމަށް މަރުހަބާ ކިޔަން ތައްޔާރަށް ތިބި ކަމަށް ތުލުސްދޫ ކައުންސިލުން ބުނުމެވެ.
"ހިރިމަރަދޫ ރައްޔިތުން ތުލުސްދޫއަށް ބަދަލުވަންޏާ ބަދަލުވާން އަޅުގަނޑުމެން އެދެނީ އެ ރަށުގެ ހުރިހާ ރައްޔިތުން އެއްކޮށް،" އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ތުލުސްދޫ ކައުންސިލްގެ އަސްލަމް މޫސާ ވިދާޅުވި އެވެ.
ތުލުސްދޫ އަކީ މިހާރުވެސް ވަޒީފާގެ ފުރުސަތުތައް ފަހި އަދި މުސްތަގުބަލުގައިވެސް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވެން އޮތް ރަށެކެވެ. އެހެންވެ ތުލުސްދޫގައި އުފެދޭ ވަޒީފާތަކަށް މީހުން ބޭނުންވާ ކަމަށާއި އަދި އާބާދީ ބޮޑުވުމަކީވެސް ރަށެއްގެ ތަރައްގީއަށް ލިބިގެންދާ ކުރިއެރުމެއް ކަމަށްވާތީ ހިރިމަރަދޫ ރައްޔިތުންނަށް މަރުހަބާ ކިޔާނެ ކަމުގައި އަސްލަމް ވިދާޅުވި އެވެ.
ތުލުސްދޫއަކީ މީގެ ކުރިންވެސް މީހުން ހިޖުރަކޮށްފައިވާ ރަށެކެވެ. އެގޮތުން ސުނާމީއަށްފަހު ދ. ރިނބުދޫގެ ގިނަ ބަޔަކު ވަނީ ތުލުސްދޫއަށް ބަދަލުވެފަ އެވެ. އެމީހުންގެ ދިރިއުޅުން މިއަދު އުޖާލާވެފައި ތަނަވަހެވެ.
ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުވާން ނިންމީ ބައެއް ވަސީލަތްތައް ރަށުގައި ހުރި ނަމަވެސް ފުރިހަމަ ހިދުމަތެއް ނުދެވޭތީ އެވެ. ރަށުގެ އާބާދީ މަދުވުމުން މުޅި އާބާދީ އެކަހެރިވެ ރަށުގެ ދިރުން ގެއްލިފައިވުމަކީވެސް ހިރިމަރަދޫ މީހުން ހިޖުރަކުރަން ވިސްނި ސަބަބެކެވެ.
އެކި ރަށްރަށުން މީހުން ހިޖުރަކޮށްގެން ތަރައްގީކޮށްފައިވާ ރަށްތަކުގެ ތެރޭގައި ހދ. ހަނިމާދޫ އާއި ށ. ފުނަދޫ އާއި ބ. އޭދަފުށީގެ އިތުރުން ދ. ކުޑަހުވަދޫ އާއި އދ. މާމިނގިލި އަކީ މިއަދު މުޅި ރާއްޖޭގައިވެސް އެންމެ ބާރަށް ކުރިއަރާ ތަރައްގީވަމުން އަންނަ ރަށްތަކެވެ. އެހެންކަމުން ހިޖުރަ ކުރުމަކީ ތަރައްގީއަށް ހުޅުވޭ ދޮރެއްކަން މި ރަށްރަށަށް ބަލާލުމުންވެސް އެނގެ އެވެ.
ހިރިމަރަދޫގެ ނިންމުމަކީ އާބާދީ މަދު އެހެން ރަށްތަކުން ނަމޫނާއަކަށް ނެގުން ރަނގަޅު ނިންމުމެކެވެ. އާބާދީ ކިތަންމެ މަދަސް އަމިއްލަ ފަސްގަނޑަށްވާތީ ތަރައްގީ އަންނާނެ ކަމަށް މަޑުކޮށްގެން ތިބުމަކީ ކުދި އާބާދީ ހިމެނޭ ރަށްތަކަށް ހެދޭ ގޯހެކެވެ. އެކަމުގެ ސަބަބުން އެ ރަށްރަށުގެ އެތައް ޖީލެއްގެ މުސްތަގުބަލަށް އެކަމުން ހިޔަނި އެވެ. އެހެންކަމުން މިފަހަރު ހިރިމަދޫ އިން އެ ދެއްކީ ހަމަ ނަމޫނާ އެކެވެ.