ޕޮލިޓިކްސް

ކުރީގެ ރައީސުން: ވެރިކަމުގެ އަލާނުކެނޑުން

ވެ ރިކަމަކީ މަސްތެއް ކަމުގައި ބުނެވެ އެވެ. ވެރިކަމުގެ މަސްތުގައި ޖެހުމުގެ ކުރިން އެއިގެން ނެއްޓުމަކީ ކޮންމެހެންވެސް ކުރާންޖެހޭ ކަމެކެވެ. އެހެން ނުވާނަމަ އެކަމުގެ އަލާ ނުކެނޑި މުޅި އުމުރު އުޅެންޖެހޭތަން އާދެ އެވެ. އަޅުގަޑުމެންގެ ޑިމޮކްރަސީގެ ކުރު ތާރީހުން އެކަން ވަރަށް ރަގަޅަށް ވަޒަންވެސް ކުރެވެ އެވެ.

މައުމޫނުގެ ވެރިކަން ވެއްޓި ނަޝީދުގެ ތަރި އަރާ އޮއްސުން

ރައީސް މައުމޫން އަބްދުލްގައްޔޫމު 30 އަހަރު ވެރިކަން ކުރެއްވި އެވެ. ގިނަ ބަޔަކަށް ހީވީ ރައީސް މައުމޫނުގެ ޒަމާންވީ ވެރިކަން ނިމުމުން އެ މަނިކުފާނު ސިޔާސީ ކަންކަމާއި ދުރުގައި ހުންނަވާނެކަމަށެވެ. އެހެންނަމަވެސް އެވިސްނުންވީ ގޯސް ވިސްނުމަކަށެވެ.

ރައީސް މައުމޫނުގެ ވެރިކަން ވެއްޓުމާއި، ރައީސް މުހައްމަދު ނަޝީދުގެ ތަރި އެރުމާއި އެކު، މާ ގަދަ ފޯރިޔަކާއި އެކު ރައީސް މައުމޫނު ދެން ފެނުނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްގެ ލީޑަރުގެ ގޮތުގައެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް މައުމޫނު ހަންމަތަ ކުރުންވީ އުނދަގޫ ކަމަކަށެވެ. ސިޔާސީ ހަލަބޮލިކަން އިތުރުވެ ރައީސް މައުމޫނު ހައްޔަރުކުރާ ހަމައަށް ކަންތައް ދިޔައެވެ. އެހަލަ ބޮލިކަންމަތީ މާ ގިނަ ދުވަސްތަކެއްނުވެ، ފުރަތަމަ ގިނަ ޕާޓީތަކެއް އެކުލެވޭ ގޮތަށް ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ނަޝީދުގެ ވެރިކަން ބިމާ ހަމަވިއެވެ. ދެއަހަރާ ދުވަސްކޮޅެއްގެ ތެރޭ އެ ވެރިކަން ނިމިއްޖެއެވެ.

ދެން ފެނިގެންދިޔައީ މި ފަހުގެ ތާރީހްގައި ދިވެހިންދުއް އެންމެ ބިރުވެރި އަންދިރި ދުވަސްތަކެވެ. އާދެ، ރައީސް ނަޝީދު އެބޭފުޅާގެ ވަފާތެރިންނާއި އެކު ނުކުމެވަޑައިގެން "ބަގާވަތުން" ވައްޓާލި ކަމައް ބުނާ އެމަނިކުފާނުގެ ވެރިކަން އަލުން އަންބުރާ ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދެވި މަންޒަރެވެ. ވެރިކަން އަންބުރާ ހޯއްދެވުމަށް ރައީސް ނަޝީދު ކުރެއްވި މަސައްކަތްޕުޅު ގެ ނަތީޖާ އަކީ ކޮބައިތޯއެވެ. އާދެ، އޭގެ ނަތީޖާއަކަށްވީ އެތަކެއް ބައެއް ޖަލައްލާ ދިވެހި ދައުލަތުގެ އިމާރާތްތަކަށް ގެއްލުންދީ އަލިފާން ޖަހާ އަޅިއަށް ހަދާލުމެވެ.

މި މުހިއްމު ހައްސާސް ވަގުތުގައި ދިވެހި ދައުލަތުގެ ހުންގާނުގައި ހިއްޕަވައިގެން ވިސްނުންތެރިކަމާއި ހިކްމަތްތެރިކަމާއި އެކު ދިވެހި ޖުމްހޫރިއްޔާގެ އޮޑި އަމާން ބަދަރަކަށް ގެންދެވީ އެހެން ދެވަނަ ދެ ބޭފުޅެއް ނޫން އިގޭތޯއެވެ. އެއްވެސް ޝައްކެއްނެތެވެ. އެބޭފުޅަކީ ރައީސް ނަޝީދުގެ ނައިބު ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކެވެ.

މި ދުވަސްކޮޅު ވެގެން ދިޔައީ މި ފަހުން ފެނުނު އެންމެ "ހައްދުފަހަނަ" އަޅައިގެން ދިޔަ ސިޔާސީ ހަރަކާތްތައް ފެނުނު ދުވަސް ވަރަށެވެ. ރައީސް ނަޝީދު އިސްވެހުންނަވައި އެމްޑީޕީގެ ސަފުތައް ރުކުރުވާލުމަށް ފަހު މަގުމަތީގެ ހަރަކާތްތައް ފެށިގެންދިޔައެވެ. ވެރިކަމުގައި ހުންނެވި ރައީސް ވަހީދުއަށް ލަވަ ހަދައިގެން އަޑުގަދަ ކުރާއިން ޖެހެމާއި މާލޭ މަގުތަކުގައި ދުން އެޅުން ފަދަ ކަންކަން އާންމުވިއެވެ.

ހެންވޭރު ކޮޅު އުސް ފަސްގަޑުގައި ކޭންޕުޖަހާ އެތަނުގައި ފެން ކިޔެވުމާއި "ކާޅު" ކަތިލައި އޭގެ ލޭ އެތަނަށް ބުރުވަމުން ދިޔައެވެ. ރޭގަނޑު އިރު އޮއްސުމާއެކު ވެރިކަން ކުރާ ފުރަ މާލޭއަށް ބިރުވެރި ކަމެއް ފެތުރިފައި އޮންނަ ކަހަލައެވެ. މިފަދަ ހާލެއްގައި އޮވެ ޑރ.ވަހީދުގެ ވެރިކަން ނިމުމަކަށް އައީ ޕީޕީއެމްއިން ރައީސް އަބްދުﷲ ޔަމީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމާއި ހަމައިންނެވެ.

ޔާމީނު އެމްޑީޕީ ހައްމަތަކުރި، އެކަމަކު މައުމޫނުވީ ބޮޑު ގޮންޖެހުމަކަށް

ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ނަޝީދުއާއި ވާދަކުރައްވައި ގެންނެވެ. އެހެންކަމުން ގިނަ ބަޔަކަށް ހީވެފައި އޮތީ ރައީސް ނަޝީދުވެސް ދެން ސިޔާސީ ކަންކަމުން ދުރައްޖެހިލާ ޒުވާން ލީޑަރުންނަށް ފުރުސަތު ދެއްވާނެކަމަށެވެ. އެހެންނަމަވެސް ކަން ހިންގީ ދިމާ އިދިކޮޅަށެވެ.

ރައީސް ނަޝީދު ނިންމެވީ ސިޔާސީ ކަންކަމުގައި އެމްޑީޕީއާއި އެކު ކުރިޔަށް ވަޑައިގަންނާށެވެ. ފަސްދީ ބެލުމެއް ނެތެވެ. ރައީސް ޔާމީންނަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ކުރީގެ ރައީސް ނަޝީދުއާއި އެކަންޏެއް ނޫނެވެ. ހުރިހާ ކަމަކަށް ވުރެ ބޮޑު ގޮންޖެހުމަކަށް ރައީސް ޔާމީނައް ވެވަޑައިގަތީ އެމަނިކުފާނުގެ ޕާޓީގެ ރައީސް، ކުރީގެ ރައީސް މައުމޫނާއި ދެމެދު ހިނގި ކުރިމަތިލުމެވެ.

ރައީސް މައުމޫނު ގަބޫލުކުރެއްވީ ޔާމީން ވެރިކަން ހޯއްދެވީ އެމަނިކުފާނު ގެ "ފޮޓޯ" ދައްކަވައިގެން ކަމަށެވެ. އަދި އޭގެ އިތުރުން އެމަނިކުފާނަކީ ޕީޕީއެމްގެ ރައީސްކަމުން އެމަނިކުފާނުގެ ހިއްސާ ރައީސް ޔާމީނުގެ ސަރުކާރުގައި އޮތުން މުހިއްމު ކަމަށެވެ. އެހެން ކަމުން އެމަނިކުފާނު ގަބޫލުވާ ބަޔަކު ރައީސް ޔާމީނުގެ ކެބިނެޓްގައި ތިބެން ޖެހޭކަމަށް ގަބޫލުކުރެވުނެވެ. އެހެން ނަމަވެސް ރައީސް ޔާމީން ގަބޫލުފުޅު ކުރައްވަނީ ރައްޔިތުން އިންތިހާބު ކުރެއްވީ އެމަނިކުފާނުކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ފަރާތަކީ ހުދު އެމަނިކުފާނު ކަމުގައެވެ. އަދި ސަރުކާރު ހިންގުމުގެ ހުރިހާ އަމްރު މައުރޫފެއް އޮންނަންޖެހޭނީ ސިދާ އެމަނިކުފާނުގެ އަތްޕުޅުގައިކަމެވެ.

ރައީސް ޔާމީނުގެ ވިސްނުންފުޅު އަމުދަކުން ގޯހެއްނޫނެވެ. ސަލާމަތް ބުއްދި ހުރި ހަމަ ކޮންމެ މީހަކު ހެޔޮވިސްނުން އިސްކޮށް ފިކުރުކޮށްފިނަމަ ރައީސް ޔާމީނުގެ ވިސްނުންފުޅަށް މިކަމުގައި ތާއީދުކުރާނެކަން ޔަގީނެވެ. ރައީސް މައުމޫނުގެ ވިސްނުންފުޅުވެސް ރަގަޅެވެ. ރައީސް މައުމޫނު ހުންނެވީ ދެންވެސް ރައީސް ޔަމީން ވެރިކަމަށް ވަޑައި ގަންނަވަން ބެނުންފުޅުވާނަމަ އެކަމަށް އޮތް "ސަވާރީ" އެމަނިކުފާނުގެ މުށުތެރެއަށް ލައްވައިގެންނެވެ.

އާދެ، ޕީޕީއެމްގެ ފުރިހަމަ ކޮންޓްރޯލް އޭރު އޮތީ ރައީސް މައުމޫނުގެ އަތްޕުޅުގައެވެ. ޕީޕީއެމްއާއި ޕީޕީއެމްގެ ކައުންސިލް ރައީސް މައުމޫނުގެ އަތްޕުޅުގައި އޮތުމަކީ ނުރައްކަލެއްކަން ރައީސް ޔާމީނަށް އަބަދުމެ އެގިވަޑައިގަންނަވައެވެ. ރައީސް ޔާމީން ޕީޕީއެމްއިން ބޭރުކޮއްލައިފިނަމަ ރައީސް ޔާމީނު ކަނޑުވީކަން ހުދު އެމަނިކުފާނަށް އެނގިލައްވައެވެ.

ދެ ރައީސުންގެ "ފިނި ހަނގުރާމަ" ސިދާ ހަނގުރާމައަށް ބަދަލުވުމާއި އެކު ސިޔާސީ "ޗާލާކީ" އުކުޅަކުން ޕީޕީއެމް، ރައީސް މައުމޫނުގެ އަތްމަތިން ރައީސް ޔާމީނުގެ މުށުތެރެއަށް ފިރުކާލިއެވެ. އެންމެ ފަހުން ރައީސް މައުމޫނު އުފެއްދެވި ޕާޓީން ވެސް ބޭރު ކުރެއްވިއެވެ. އަދި އެވަރު ނުވެގެން ހުރަ ގެއަށްވެސް ލީއެވެ.

ރައީސް މައުމޫނު އެންމެ ތަންފުކެއްވެސް ދޫނުދެއްވައެވެ. އެމްޑިޕީއާއި އެކު ބައިއަތު ހިއްޕެވިއެވެ. އެމްޑީޕީގެ ޖަގަހަތަކުގައި "ތިޔައީ ޒައީމޭ މިގައުމު ފަހުރުވެރިވާ..." ފަދަ ލަވަތަކުން ގުގުމާލިއެވެ. "ވަތަން އެދޭ އިއްތިހާދު" ން ނުކުމެ ރައީސް ޔާމީނުގެ ގަދަ ފަދަ ވެރިކަން ހިމުންކޮއްލިއެވެ. ވެރިކަން ނިންމާލިއެވެ.

ރައީސް މައުމޫން އިސްވެ އެމްއަރުއެމް އުފައްދާވާ "ވަތަން އެދޭ އިއްތިހާދު" ގެ ބައިވެރިޔަކަށް ވެވަޑައިގަތެވެ. އަދިވެސް ސިޔާސީ މަސައްކަތުގައެވެ. އަދިވެސް ވެރިކަމުގެ އަލާކެނޑޭ ގޮތެއް ނުވެއެވެ.

ރައީސް ޔާމީނުގެ ވެރިކަން، ރައީސް ޔާމީނުގެ އެއްބަފާ ބޭބޭފުޅު، ރައީސް މައުމޫނުގެ ތާއިދާއި މަދަދާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވާލެއްވި އެވެ. ރައީސް ޔާމީނަށް ފަހު ދެން ދިވެހިން ކުރިމަތިލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޒައާމަތާއެވެ.

ނަޝީދުވީ ސޯލިހުގެ ވެރިކަން ނިމުމުގެ ސިއްކައަށް

ރައީސް ސޯލިހަށް އެންމެ ބޮޑު ގޮންޖެހުމަކަށްވީ އިދިކޮޅު ޕީޕީއެމްގެ ޕްރެޝަރ އެއް ނޫނެވެ. އެކަމަކު އެބޭފުޅާގެ ކުޑައިރުގެ ރަހްމަތްތެރިޔާ، ކުރީގެ ރައީސް މުހއްމަދު ނަޝީދެވެ.

ރާއީސް ސޯލިހަށް ވެރިކަން ލިބިވަޑައިގަތުމާއެކު ސްރީލަންކާގައި އޭރު ހުންނެވި ރައީސް ނަޝީދު ބޭނުންފުޅުވީ މާލެ ވަޑައިގަންނަވާށެވެ. ރައީސް ސޯލިހް ބޭނުންފުޅުވީ ރައީސް ނަޝީދު ލަންކާގައި ދުވަސްކޮޅަކު މަޑުކޮއްލަވައިގެން ހުނެވުމަށެވެ. އަދި އެމަނިކުފާނު ހުވާކުރެއްވުމަށް ފަހު ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލުހުކުމަށް ސްޕްރީމް ކޯޓުން ފަރުވާއެއް ހޯދެވެންދެން މާލެ އައުން ފަސްކޮއްލެވުމަށެވެ.

ރައީސް ސޯލިހް ބޭނުންފުޅުވި ގޮތަށް އެކަން ކުރަން ވަގުތެއް ލިބިވަޑައެއް ނުގަތެވެ. ރައީސް ނަޝީދާއި އެމަނިކުފާނުގެ ވަފާތެރިންގެ ޕްރެޝަރުގެ ނަތީޖާއަކަށްވީ ރައީސް ސޯލިހް ހުވާ ކުރެއްވިތާ 10 ވަނަ އަށްވީ ދުވަހު ސްޕްރީމް ކޯޓުން ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުން ބާތިލްކުރުމެވެ.

ރައީސް ނަޝީދު މިނިވަންވުމާއި އެކު މާލެ ވަޑައިގެންނެވުމަށް ބޭއްވި ބިޔަ ބޮޑު އިވެންޓުވީވެސް ބޮޑު މައްސަލަ ގަޑަކަށެވެ. ޕާޓީއާއި ސަރުކާރުގެ އެއްބާރުލުން ނުލިބުމުން މުޅި އިވެންޓް އިންތިޒާމް ކުރުމުގައި އުޅުނީ ރައީސް ނަޝީދުގެ ވަފާތެރިންނެވެ. ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެ އަވަދިނެތި މަސައްކަތުގައި އުޅުއްވުމުގެ ސަބަބުން އެހަފްލާ ލަސްކުރަން އެދުނު ނަމަވެސް ރައީސް ނަޝީދު ބޭނުންފުޅުވީ ރައީސް ސޯލިހަށް ބައިވެރިވެ ވަޑައި ނުގަނެވޭނަމަ އަމިއްލަފުޅަށް ގިނިކަންޏާވެސް އެކަން ކުރާށެވެ.

ރައީސް ސޯލިހްގެ ވަފާތެރިން ގަބޫލުކުރައްވާ ގޮތުގައި ގައުމުގެ ރައީސް ހުންނަވަނިކޮށް، އެމަނިކުފާނަށް ވުރެ "މާ ބޮޑުކޮށް" ކުރީގެ ރައީސް ނަޝީދު، އެކަނި ފެންނަގޮތަށް ފުރުސަތު ދެއްވާކަށް ނުޖެހެއެވެ. އެހެން އެގޮތަށް ފެނިއްޖެނަމަ ރައީސް ސޯލިހަކީ ވަރަށް ނިކަމެތި ރައީސް އެއްގެ ގޮތުގައި އާންމުނަށް ފެންނާނެކަމަށް އެބޭފުޅުންނަށް ގަބޫލުކުރެވުނެވެ. އަދި ރައީސް ސޯލިހަކީ، ރައީސް ނަޝީދުގެ ހިޔާނީގައި ހުންނެވި ބޭފުޅެއްގެ ގޮތުގައި ސިފަ ކުރެވޭނެކަމެވެ.

ރައީސް ސޯލިހް ބުއްދި އިސްކުރައްވާ ރައީސް ނަޝީދު ކުޅުއްވަން އުޅުއްވި ޗަރުކޭހަށް ފުރުސަތު ނުދެއްވާ ވަރަށް އޮމާން، އަމާންކޮށް އެހަފްލާގެ ކަންތައް ނިންމާލެއްވިއެވެ. ވަކިން ހާއްސަކޮށް ރައީސް ނަޝީދު އަރިހަށް ލަންކާއަށް ވަޑައިގެން ރައީސް ނަޝީދު އާއިއެކު މާލެވަޑައިގަތުމުން ދޭވޭ މެސެޖަކީ އެއްވި މީހުން އެއްވީ އެމްޑިޕީގެ 2 ރައީސުންނަށާއި އަލަށް އިންތިހާބުވި ރައީސަށް މަރުހަބާ ކިއުމުގެ ގޮތުންކަން ދެއްކުމެވެ. އެއީ ކޮންމެހެން ރައީސް ނަޝީދަށް އެކަނި ކިއި މަރުހަބާއެއް ނޫންކަން ބުނެދިމުގެ ބޭނުމުގައެވެ.

އެ ހަފްލާއަކީ ވަރަށް ގިނަ އަދަދަކަށް އެމްޑީޕީ ސަޕޯޓަރުންނާއި އާންމުން އެއްވި ހިތްގައިމު ހަފްލާއެކެވެ. އެ އިވެންޓުގައި ނަގާފައި ހުރި ފޮޓޯތަކާއި ވިޑިއޯތައް ބަލާލުމުން ސިޔާސީ ބޭފުޅުންގެ ކުޅަދާނަކަން ހާމަވާނެއެވެ. މޫނުމައްޗަށް ރުލެއް އަރުވާ ނުލާ ކުރީގެ ރައީސް ނަޝީދާއި ރައީސް ސޯލިހް ހިނިތުންވުމާއި އެކު ތަރީހްގެތެރެއަށް އުއްކާލެއްވި އެތަކެއް ހިތްގައިމު ފޮޓޯތައް އެދުވަހުވަނީ ފެނިގެންގޮއްސައެވެ. އެހެން ނަމަވެސް އެދުވަހުގެ، އެވަގުތު އެ ދެ ބޭފުޅުންގެ ހިތު ތެރޭ އަންދަމުން ދިޔަ އަލިފާން މޮޅަށް ދެނެވޮޑިގެން ވާނީ ގަދަ ފަދަ ކީރިތި ވަންތަ މާތް ﷲ އެވެ.

މައުމޫނެކޭ އެއްފަދައިން ރައީސް ސޯލިހްގެ ވެރިކަމަކީ ރައީސް ނަޝީދު ތަބަކަށް ލައްވާފައި ދެއްވި އެއްޗެއްކަމަށް ރައީސް ނަޝީދާއި ރައީސް ނަޝީދުގެ ވަފާތެރިން ގަބޫލުކުރެއެވެ. އެހެންކަމުން ވަޒީރުކަމަށް އައްޔަންކުރަން ރައީސް ނަޝީދު ބޭނުންފުޅުވާ ބޭފުޅުންނާއި ސަރުކާރުގެ ކުންފުނިތަކަށް ލައްވަން ބޭނުންފުޅުވާ ބޭފުޅުންގެ ނަންތައް ރައީސް ސޯލިހަށް ރައީސް ނަޝީދު ނުފޮނުވަންވީ ސަބަބެއް ނެތްތާއެވެ. އެހެންނަމަވެސް އެލިސްޓްތަކާއި ހުށައެޅުންތަކަށް ރައީސް ސޯލިހްގެ ފަރާތުން ރައީސް ނަޝީދު އުންމީދު ކުރިވަރާ ގާތަށްވެސް އިޖާބައެއް ނުލިބުނެވެ.

ރައީސް ޔާމީނެކޭ އެއްގޮތަށް ރައީސް ސޯލިހަވެސް ގަބޫލުކުރެއްވީ ރައްޔިތުން ވެރިކަމުގެ މައްސޫލިޔަތު ހަވާލުކުރެއްވީ ހުދު އެބޭފުޅާއާއި ކަމަށެވެ. އެހެން ކަމުން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ދުވަހަކުން އެކަން ކުރަންވެސް ހުންނާނީ ހުދު އެބޭފުޅާ ކަމަށެވެ.

ދެން އައީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބެވެ. އެ އިންތިހާބުގައި ރައީސް ނަޝީދު ބޭނުންފުޅުވީ ހުރިހާ ގޮންޑިޔަކަށް އެމްޑީގެ މެންބަރުން ކުރިމަތި ލެއްވުމަށެވެ. އެހެންނަމަވެސް އިންތިހާބުގެ ކުރިން އިއްތިހާދުވި ޕާޓީތަކަށް ރައީސް ސޯލިހް ދެއްވި ޔަގީންކަމަކީ އެމްޑިޕީން ހުރިހާ ގޮނޑިތަކަށް ކުރިމަތި ނުލައްވާނެކަމުގެ ޔަގީންކަމެވެ. ބައެއް ގޮނޑިތަށް އެމަނިކުފާނާއި އިއްތިހާދުވި ޕާޓީތަކަށް ދޫކޮށްލައްވާނެކަމުގެ ކަށަވަރު ކަމެވެ.

ރައީސް ނަޝީދު ކުޑަ ތަންކޮޅެއްވެސް ދޫނުދެއްވާ އެގޮތަށް ކުރިޔަށް ގެންދެވިއެވެ. އަދި ހުދު އެމަނިކުފާނު މަޖިލިހުގެ މައްޗަންގޮޅި މެދު ދާއިރާއަށް ނުކުންނަވަން ނިންމެވިއެވެ. ރައީސް ނަޝިދު މަޖިލިހަށް ނުކުންނެވުންވެސް އެއީ ރައީސް ސޯލިހް ބޭނުންފުޅުވި ކަމަކަށް ނުވެއެވެ. އެހިސާބުން ރައީސް ސޯލިހަށް ހަނގުރާމައިގެ ވިލާގަނޑު ބޯމަތިވަމުންދާ މަންޒަރު ރަގަޅަށް އިހްސާސްކުރެވު ކަހަލައެވެ.

ރައީސް ނަޝީދު މަޖިލިހަށް އިންތިހާބުވެ މަޖިލހުގެ ރައީސް އަކު ކަންޑައެޅުމުގެ ހަންގުރާމަ ފެށުނެވެ. ރައީސް ނަޝީދު ބޭނުންފުޅުވީ އަފީފް މަޖިލިހުގެ ރައީސްކަމަށް ގެންނަވާށެވެ. ރައީސް ސޯލިހް ބޭނުންފުޅުވީ އަސްލަމް ރައީސްކަމަށް ގެންނަވާށެވެ. އެންމެ ފަހުވަގުތު ރައީސް ސޯލިހް އެހަނގުރާމަ ކާމިޔާބު ކުރައްވާނެކަން ރައީސް ނަޝީދަށް ކަށަވަރުވުމުން ހުދު އެމަނިކުފާނު ރައީސް ކަމަށް ކުރިމަތި ލެއްވިއެވެ. އެހާ ހިސާބުން ރައީސް ސޯލިހް ހުދު ދިދަ ނަންގަވައި އަމާން ދެއްވިއެވެ. ރައީސް ނަޝީދު ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް އިސްކުރެވުނެވެ.

ރައީސް ނަޝީދު މަޖިލިހުގެ ރައީސް ކަމަށް އަދި އިވާ ނައިބު ރައީސްކަމަށް ވަޑައިގެން ރައީސް ސޯލިހްގެ ސަރުކާރު ކުޑަކަކުލަށް ތިރިކުރުމުގެ މަސައްކަތްފެއްޓެވި އެވެ. ދައުރުގެ މެދުން ބަރުލަމާނީ ނިޒާމް ތައާރަފް ކުރަން ސަރުކާރަށް ޕްރެޝަކުރުމާއި ރައީސް ސޯލިހްގެ ވަޒީރުންނަށާއި ސިޔާސަތުތަކަށް ފާޑުކިޔުން ދިޔައީ އާންމުވަމުންނެވެ.

އެހުރިހާ ކަމެއް އެހެން އޮއްވާ ކުއްލިޔަކަށް ރައީސް ނަޝީދުގެ ގެ ކޮޅުން ނުކުންނަވަނިކޮށް އެއްޗެއް ގޮއްވާލާ އެމަނިކިފާނު މަރުގެ ތުންފަތް މައްޗަށް ވެއްޓުނެވެ. އަދި އެމަނިކުފާނަށް ދެވުނު ހަމަލާގެ ތުހުމަތު ސީދާ ރައީސް ސޯލިހަށް އަމާޒުކުރެވުނެވެ. އޭރުވެސް ދެބައިވެފައި އޮތް އެމްޑީޕީ އެ ހަމާލާއަށް ފަހު މުޅިންހެން ރޫޅިގެން ދިޔައެވެ. ރައީސް ނަޝިދު ފަރުވާއަށް ފަހު މާލެ ވަޑައިގެން ކުރިޔަށް ވުރެ ފާޅުކަން ބޮޑުގޮތެއްގައި ސަރުކާރަށް ފާޑުވިދާޅުވެ އެންމެ ފަހުން އެމަނިކުފާނު އިސްވެ ހުންނަވައި ދަ ޑިމޮކްރެޓްސް ނަމުގައި މުޅިން އާ ސިޔާސީ ޕާޓީއެއް އުފައްދަވައި މަސައްކަތް ފެއްޓެވިއެވެ.

އާ ޕާޓީއާއި އެކު ރައީސް ނަޝިދު މަސައްކަތް ފައްޓަވައި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއި ވަދަ ކުރައްވަން އެ ޕާޓީން ކެނޑިޑޭޓަކު ނެރުއްވިއެވެ. ރައީސް ނަޝީދުގެ ދި ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.
ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުގައި ރައީސް ޑރ. މުއިއްޒުއަށް ލިބިވަޑައިގަތީ 101635 ވޯޓެވެ. ސޯލިހަށް ލިބިވަޑައިގަތީ 86161 ވޯޓެވެ. ދި ޑިމޮކްރެޓްސް ގެ 15839 ވޯޓާއި އެކު ރައީސް ސޯލިހްގެ ވެރިކަން "ސަންދޯކަށް" ލާ ވަޅަށް ތިރި ކުރެވުނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ރައީސް ޑރ. މުއިއްޒު ކާމިޔާބުކުރެއްވީ ރައީސް ސޯލިހަށް ވުރެ 19291 ވޯޓް އިތުރަށް ހޯއްދަވައިގެންނެވެ. އިންތިހާބު ނާކާމިޔާބުވުމާ އެކު ރައީސް ސޯލިހްގެ ވެރިކަމަށް ފަސްއެޅި ފޮރުވިގެން ދިޔަ އެވެ. އެމްޑީޕީއާއި ރައީސް ސޯލިހްގެ ވެރިކަމުގެ ނިމުމުގެ "ސިއްކަ" ޖެއްސެވީ ދެވަނަ ދެބޭފުޅެއް ނޫނެވެ. ރައީސް ނަޝީދު އެވެ.

މިފަހުން ފެނިގެން ދިޔަ ހުރިހާ ވެރިކަމެއް ހަލާކުވެފައި ހުރީ ހަމަ އެވެރިކަމެއްގެ ތެރެއިން "ފަނި" އަޅައިގެންނެވެ. އެ އެއްޗަކުން އެ އެއްޗެއްގައި ވިހަ ލައިގެންނެވެ. މިއިން ކޮންމެ ވެރިކަމެއް ނިމިގެން ދިޔައިރު އެވެރިކަމެއްގެ ނިމުން ގުޅިފައި ހުރީ ކުރީގެ ރައީސުންނާ އެވެ.
މިއަދު މި އޮތް ވެރިކަންވެސް މި ފެންނަނީ ހަމަ އެ މަގުން ތަރުތީބުވަމުންދާ މަންޒަރެވެ.