އިންޑިއާ ދެކެ ދިވެހިން ނުރުހެނީ ކީއްވެތޯއެވެ. މިއީ ޖަވާބު ހޯދަން ޖެހޭ ސުވާލެކެވެ. އެކަމަކު މިއަދާ ހަމައަށް ވެސް މި ސުވާލުގެ ޖަވާބެއް ނުލިބެ އެވެ.
ދިވެހިން ނުރުހެނީ އިންޑިއާ ރައްޔިތުން ދެކެތޯއެވެ. ނޫނީ އިންޑިއާގެ އެވަގުތެއްގެ އޮންނަ ސަރުކާރެއް ދެކެތޯއެވެ. މިއީ ހައްތަހާވެސް ސުވާލެވެ. މިއީ އަރަތެއް ކަހަލަ ކަމެކެވެ.
އިންޑިއާ ރައްޔިތުން ދެކެ ދިވެހިން ނުރުހެނީތޯ އެވެ. އެކަމަކު ދިވެހިންގެ އަމަލުން އެކަމެއް ނުފެނެއެވެ. ދިވެހި އަންހެނުންނާއި ފިރިހެނުންގެ ތެރެއިން ގިނަ މީހުންނަށް ހިންދީ ބަސް ކޮންމެވެސް ވަރަކަށް އެގެއޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ހިންދީ ބަހަކީ ދިވެހި މަދަރަސާއެއްގަ، ކޮލެޖެއްގަ ނުވަތަ ޔުނިވަސިޓީއެއްގަ ކިޔަވާދޭ ބަހެއް ނޫނެވެ.
ދިވެހިން ހިންދީ ބަސް ދެނެގަންނަނީ ދެން ކޮންގޮތަކަށް ހެއްޔެވެ. ހިންދީ ފިލްމު ތަކާއި ހިންދީ ޑްރާމާ ތަކުންނެވެ. ދިވެހިންގެ ސިންޓިންގް ރޫމްތައް ފަޅު ފިލުވައިލަ ދެނެނީ މިދެންނެވި ފިލްމުތަކާއި ޑްރާމާތަކުންނެވެ. އަދި ދިވެހިންގެ މޯޅި ވެފައިވާ ހިތްތަކަށް އަރޯކަން ގެނުވަނީ އިންޑިޔާގެ ލަވަކިޔުންތެރިން ގެ ހިތްގައިމު އަޑުތަކުން ވިރުވާ އަޅަމުންދާ ރާގުތަކުންނެވެ.
ދިވެހިންގެ ތެރޭ އެންމެ މަގްބޫލު ސިނަމާއަކީ ހިންދީ ސިނަމާއެވެ. އާދެ ބޮލީވުޑެވެ. ބޮލީވުޑްގެ ތަރިންގެ "ގޮސިޕް" ތަކަކީ ދިވެހިންގެ ތެރޭ، އަމުދުން ކަނބަލުންގެ މެދުގައި އެންމެ ހިނގާ ވާހަކަތަކެވެ. އަމީތާބާއި ރޭކާ ނޭގޭ ހަރުފުރައިގެ މީހަކު ނޫޅެއެވެ. ރަންބީރާއި ދިޕިކާ ނޭގޭ ޒުވާނަކު މަދެވެ. ޝާހުރުކް ހާން، ސަލްމާން ހާން އަދި އަމިރު ހާންގެ "ޑައި ހާޑް" އެތައް ސަޕޯޓަރުންނެއް ދިވެހިން ތެރޭ އުޅެނީ މަދެއްކޮށް ނޫނެވެ.
ހިންދީ ލަވަވެސް ހަމަ އެގޮތެވެ. ފޫހިފިލުވާލަން ނުވަތަ ހިތްހަމަ ޖައްސާލަން ހިންދީ ލަވަ ނުޖަހާ އަދި އެލަވަތައް އަޑުނާހާ މީހަކު މަދެވެ. އަދި އެންމެ އަޖައިބު ކުރަނިވި ކަމަކީ ހިންދީބަސް ނުދަންނަ މީހުންވެސް އެލަވަތަކާއި މިއުޒިކު އަޑު އަހައިގެން ހޯދާ ހިތްހަމަ ޖެހުމެވެ.
ދިވެހި ގިނަ ލަވަ ތަކަކީ ހިންދީ ރާގުތަކަށް ކިޔާފައި ހުންނަ ލަވަތަކެވެ. ދިވެހިންގެ "ރަން އަޑު" އަލީ ރަމީޒްގެ ގިނަ ލަވަތަކަކީ ހިންދީ ރާގުތަކެވެ. މިއަދުވެސް ދިވެހިންގެތެރޭ އެންމެ މަގްބޫލު އެއް ލަވަކިޔުންތެރިޔަކީ އަލީ ރަމީޒެވެ. ލަވައިގެ ދުނިޔެއަށް އަލީ ރަމީޒް އަލްވަދާއު ކިއި ނަމަވެސް އަލީ ރަމީޒް ހިންދީ ރާގުތަކަށް ކިޔާފައިވާ ލަވަތަކާއި ދިވެހިން ވަކިވުމެއް ނެތް ކަހަލައެވެ.
ދިވެހި ކަރޯކޭ ގްރޫޕުތަކުގައި އެންމެ ހިންގާ ޓްރެކްތަކަކީ މިދެންނެވި ހިންދީ ރާގުތަކަށް އަލީ ރަމީޒްގެ ހިތްގައިމު އަޑުން ހުށައަޅާދީފައި ހުރި ލަވަތަކުގެ ޓްރެކްތަކެވެ. އަދި އަނެއްބައި ގްރޫޕްތަކުން އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިން ކަމައްވާ މުހައްމަދު ރަފީއުއާއި ކިޝޯރު ކުމާރުގެ ލަވަތަކުގެ ޓްރެކް ހަދައިގެން ޓިކްޓޮކް އާއި ޔޫޓީއުބުން ލައިވްވެސް ކުރަނީއެވެ.
އިންޑިޔާގެ ކެއުމަކީވެސް ދިވެހިން އެހާމެ ޝައުގުވެރިވާ ކެއުމެކެވެ. އިންޑިއަން ސްޓައިލްގެ ބިރިޔާންޏާއި ބަޓާ ޗިކަންއާއި ތަންދޫރީ ޗިކަންއާއި ދޯސާއާއި ފާޑުފާޑުގެ އިންޑިޔާ ރިހަގަނޑު ތަކަކީ ދިވެހިންގެ ސުފުރާތަކުގައި އެންމެ ހިންގާ ކެއުމުގެ ބާވަތްތަކެވެ.
އެހެންކަމުން މިހަގީގަތްތަކަށް ބަލާއިރު އިންޑިއާ މީހުންދެކެ ދިވެހިން ނުރުހެއޭ ބުނުމަކީ އިންސާފެއް ހެއްޔެވެ.
ދެން އޮތް ސުވާލަކީ އިންޑިޔާގަ އެވަގުތެއްގެ އޮންނަ ސަރުކާރަކާ ދިވެހިން ނުރުހެނީ ހެއްޔެވެ. ދިވެހިންގެ ފަހުގެ ތާރީހަށް ބަލާއިރު ދިވެހިންނަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި އިންޑިއާގެ އެހީތެރިކަން ޝުކުރު ހައްގުވާ މިންވަރަށް ލިބެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
ދިވެހިން މަދަދަށް އެދި އިންޑިއާގެ އެހީތެރިކަމަށް އެދޭ ކޮންމެ ވަގުތެއްގައި، އެއީ ކޮންގްރެސް ޕާޓީ ނުވަތަ ބީޖޭޕީ ސަރުކާރެއް ނަމަވެސް އެކަމެއް ދިވެހިންނަށް މިހާތަނަށް އޮތީ ކޮށްދީފަ އެވެ.
އިންޑިއާ ދެކެ ކިތައްމެ ރުޅިއަޔަސް އަދި ކިތައްމެ ހިނި އަޔަސް މި ހަގީގަތާއި މެދު ދެކޮޅުހެދޭކަށް ނެތެވެ. މިއީ އަޅުގަންޑުމެންގެ ލޯކުރިމަތީ މިއަދުގެ މިވަގުތުވެސް ތަމަސީލްވަމުންދާ ހަގީގަތެކެވެ.
އަޅުގަޑުމެންގެ ގައުމުގެ އިގްތިސޯދީ ހާލަތެވެ. މި ވަގުތު އޮތީ "ކޯމާ" އެއްގައެވެ. އެކަށީގެންވާ އަވަސް މިނެއްގައި ފަރުވާ ނުކުރެވިއްޖެނަމަ ވިޔަފާރިތަކަށާއި ދިވެހިންގެ ދިރިއުޅުމަށް އެގޭ ނުރަގަޅު އަސަރު އިންތިހާއަށް ކުރާނެއެވެ.
މިދިޔަ ނުވަ ވަރަކަށް މަސްތެރޭ ދިވެހި ސަރުކާރުން " ނާށި" ގަނޑު ހިފައިގެން ނުދާ ގައުމެއް މަދެވެ. އެކުވެރި ދައުލަތްތަކާއި އެކުވެރި ބައިނަލްއަގުވާމީ ޖަމާތަތްތަކާއި އިދާރާތްތަކުގެ ވެރިން ނާއި ބައްދަލުކޮށް މި އިގްތިސޯދީ އަޑިގަނޑުން އަރައިގަތުމަށް އެހީތެރިކަމަށް "އާދޭހު ގެ ސަލާން" ޖަހަން މަޖްބޫރުވިއެވެ. ހުރިހާ އެންމެން ވެސް ދިނީ ބީރު ކަންފަތެކެވެ. ދިވެހި ހަރުބަހުގައި ބުނާ ގޮތަށް މަރުވާ ގެރި މަރުވާން ދޫކޮށްލީ އެވެ.
ދިވެހި ދައުލަތް ހިންގެވުމަށް ހަވާލުވެ ތިބި ވެރިންނަށް އެނޫން ގޮތެއް ނެތިގެން އިންޑިއާގެ އެހީ ތެރިކަމަށް އެދުނެވެ. އިންޑިއާއިން ދިވެހި ސަރުކާރުން އެދުނު އެދުމަށް އިޖާބަދީ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވެޕްއަކަށް އެބަސްވިއެވެ. އަދި އިތުރު 365 މިލިޔަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮއްދިނުމަށް އެބަސްވިއެވެ.
މިއީ މިވަގުތަށް މި އޮތް އިގްތިސޯދީ އަނދަވަޅުން އަރައިގަތުމަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. ވަރަށް ބޮޑު ފަސޭހައެކެވެ.
މިއީ މިއަދު އޮތް އިންޑިއާ ސަރުކާރުގެ ވާހަކައެވެ. އިންޑިޔާ ސަރުކާރާއި ގުޅުން ހުރި އިއްޔެގެ ވާހަކަތައްވެސް ހުރީ ހަމަ މިގޮތަށެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ޑިސެންބަރުގައި އާންމުވި ކޮވިޑްގެ އާލަމީ ވަބާގައި ދިވެހިންނަށް މަދު ނުވާނޭހެން، އެވަގުތު އިންޑިއާއިން އެހެން ގައުމުތަކަށް ބޭރު ކުރުން މަނާ ބޭހާއި ސިއްހީ ކަންކަމަށް ބޭނުންވާ ސާމާނު ދިވެހި ސަރުކާރަށް ފޯރުކޮއްދިނެވެ.
އަދި ކޮވިޑްގެ ވެކްސިން މުޅި އިންޑިއާއަށް ހުޅުވާލިތާ 96 ގަޑި އިރު ތެރޭ ދިވެހިންނަށް ފޯރުކޮއްދިނެވެ. އިންޑިޔާ، ސްރީ ލަންކާ އަދި ބަންގްލަދޭޝް ފަދަ ގައުމުތަކުގައި އެތައް މޭލަކަށް ކިއުޖެހިގެން ވެކްސިން ގެ އިންތިޒާރުގައި އެތައްބައެއް ތިބި އިރު އަޅުގަޑުމެން ދިވެހިންވީ ފަސޭހައިން ވެކްސިން ޖަހާލެވުނު ބަޔަކަށެވެ.
އެތައް ގައުމަކުން ވެކްސިން ނުލިބި އިންޑިއާގެ "ސިރަމް" ކުންފުނީގައި ކިޔު ޖެހިގެން ތިބި އިރު ދިވެހިންވީ އިންޑިޔާ ނަގާފަ ވެކްސިން ލިބުނު އެންމެ ފުރަތަމަ އެއް ގައުމަށެވެ. މިއީ ކުޑަކަމެއް ނޫނޭވެ. އެދުވަހުގެ ބިރުވެރިކަމާއި ނާމާންކަން ތަޖްރިބާ ކުރެވުނު މީހުނަށް މިކަމުގެ ބޮޑުކަން މިއަދު އިހްސާސް ކުރެވޭނެކަމީ ޔަގީންކަމެކެވެ.
މާލޭ ފެން ކުންފުނީގައި 2014 ވަނަ އަހަރު ޑިސެންބަރު ހަތަރު ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން މުޅި މާލެ ފެނަށް ޖެހުނު ދުވަސްވަރު، އެންމެ ފުރަތަމަ އެހީތެރިކަމެއް ފޯރުކޮއްދިން އެއްގައުމަކީ އިންޑިއާއެވެ.
އަދި ދިވެހިންގެ މި ފަހުގެ ތާރީހް ގައި އައި އެންމެ ކަޅު، ނާމަން ދުވަސް ކަމުގައިވާ 1988 ވަނަ އަހަރު ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ދިވެހިންގެ މިނިވަންކަމާއި އިސްތިގްލާލްގެ ހިމާޔަތުގައި ދިވެހި ސަރުކާރުގެ އެދުމަށް، އިންޑިއާ ސިފައިން އައިސް "ހާއިނުން" ގެ ކިބައިން މި ލޮބުވެތި ވަތަން މިނިވަން ކުރުމަށް ދިން އެހީތެރިކަމާއި އެއްބާރުލުމަކީ ދިވެހި ތާރީހްގައި ރަން އަކުރުން ފަވާލެވިގެން ދާނެ ދިވެހި-އިންޑިއާ ސަރުކާރު ގުޅުމުގެ ލާމަސީލު މިސާލެކެވެ.
އެހެންކަމުން މަތީގައި ބެނވި ދިޔަ ކަންކަމަށް ބަލާއިރު ދިވެހިން އިންޑިއާ މީހުންދެކެ ނުރުހެއޭ ބުނެވޭނެ ޖާގައެއްނެތެވެ. ދިވެހިންގެ ބަހާއި އަމަލުން ފެންނަނީ އިންޑިއާ މިހުންނާއި އިންޑިއާގެ އާދަތަކަށް ހިތްޖެހިފައިވާ މިންވަރެވެ.
އަދި ދިވެހީން އެއިރަކު އޮންނަ އިންޑިއާ ސަރުކާރާއި މެދު ނުރުހެނީ ތޯ ކުރެވޭ ސުވާލުގެ ކޮޅެއް މެދެއް ނުފެނެއެވެ. އެކަމަކު ފެންނަން އޮތް، ދެބަސްނުވެވޭ ހަގީގަތަކީ އިންޑިއާގެ އެއްވެސް ސަރުކާރަކުން، އެއްވެސް އިރެއްގައި ދިވެހި ސަރުކާރުން ބޮޑުކަމެއްގައި އެދިގެން އެކަން ބޮލާލައި ނުޖަހާކަމެވެ.
އެހެން ކަމުން އަދިވެސް އުފެދޭ ސުވާލަކީ މި ހުރިހާކަމެއް މިހެން ހުރި އިރުވެސް ހަމަ ހަގީގަތުގައި ވެސް ދިވެހިން އިންޑިޔާއާއި ނުރުހެނީތޯއެވެ.