ޑރ. އަބްދުﷲ ޚަލީލް

މިނިސްޓަރު ޚަލީލް އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޙަލީލް އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

މިނިސްޓަރު ޙަލީލްގެ މި ދަތުރުފުޅަކީ ރައިސީނާ ޑައިލޮގްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައިއީނާ ޑައިލޮގް ކުރިއަށް ދިޔައީ އިންޑިއާގެ ނިއު ދިއްލީގައި މިމަހުގެ 17 އިން މިއަދުގެ ނިޔަލަށެވެ.

މި ޑައިލޮގްގައި ކުރިއަށްދިޔަ "ކްލައިމެޓް ކެޓެކްލިސަމް: އެޑެޕްޓޭޝަން އެޖެންޑާ އިޒް ގެސްޕިންގް"ގެ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ޙަލީލް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ޙަލީލް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ދަތިތަކާއި އެ ދަތިތަކުން އަރައިގަތުމަށް ކުދި ޖަޒީރާ ގައުމުތަކަށް ލިބޭ މާލީ އެހީތެރިކަން ހަރުދަނާކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

މިނިސްޓަރު ޙަލީލް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ހަވާސާގައި ވަނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލު ކުރެއްވުމުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.