ޑރ. އަބްދުﷲ ޚަލީލް

ފޮރިން މިނިސްޓަރު ޚަލީލް ޔޫއޭއީއަށް ފުރާވަޑައިގެންފި

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މިނިސްޓަރު ހަލީލް ޔޫއޭއީއަށް ވަޑައިގަންނަވަނީ އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ޝެހިޙް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންގެ ދައުވަތަކަށެވެ.

މިނިސްޓަރު ހަލީލްގެ މި ދަތުރުފުޅުގައި އަބްދުﷲ ބިން ޒަޔެދް އަލް ނަޙްޔާންއާ ބައްދަލުކުރައްވާ ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރައްވާނެ އެވެ. އަދި މުސްތަގުބަލުގައި ދެ ގައުމުން ގުޅިގެން މަސައްކަތްކުރެވިދާނޭ އިތުރު ދާއިރާތަކާބެހޭގޮތުންވެސް މަޝްވަރާކުރައްވާނެ އެވެ.

މީގެ އިތުރުން، ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ހޯއްދެވުމަށް މިނިސްޓަރު ހަލީލްގެ މި ދަތުރުފުޅުގައި ޔޫއޭއީ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

މި ދަތުރުފުޅު މިނިސްޓަރު ހަލީލްގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް އަބްދުﷲ ޙަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވަ އެވެ.

މިނިސްޓަރު ހަލީލް ވަނީ މިމަހު އިންޑިއާއަށްވެސް ވަޑައިގެންފަ އެވެ.