ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އިންޑިއާއަށް ވަޑައިގެންފި އެވެ.
މިއީ ޑރ. ޚަލީލް މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެކަމަކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ގެންދެވި މަތީ ފަންތީގެ ވަފްދުގައި ޚަލީލްވެސް ހިމެނިވަޑައިގަންނަވަ އެވެ.
ޚަލީލް ވިދާޅުވީ މިދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރާ މިއަދު ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.
ޑރ. ޚަލީލްގެ މިދަތުރާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ދިވެހި ސަރުކާރުންވެސް އަދި އިންޑިއާ ސަރުކާރުންވެސް ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ކުރީކޮޅު ދެ ގައުމު ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަވަރުވެފަ އެވެ. ނަމަވެސް ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅާ އެކު ދެ ގައުމުގެ ގުޅުން މިހާރު ދަނީ ހަރުދަނާވެ ވަރުގަދަ ވަމުންނެވެ.
އިންޑިއާ އިން ދަނީ ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށްވެސް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ރާއްޖެއިން އިންޑިއާއަށް ދައްކަންޖެހޭ ބައެއް ލޯންތައް ދެއްކުން ފަސްކޮށްދިނުމާ އެކު އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ދަށުން ބޭނުންކުރާ ރޫޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭނެ ގޮތްވެސް ވަނީ ހަމަޖައްސައިދީފަ އެވެ. އަދި އިންޑިއާ އިން ރާއްޖެ އަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ހަމަަޖައްސައިދިނުން ފަދަ ކަންކަން ދަނީ ކޮށްދެމުންނެވެ.