ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާ އިން ރާއްޖޭގެ ބަޖެޓް ސަޕޯޓަށް އެހީ ދީފި

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް އިތުރުކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.

މިއީ މިއަހަރުގެ ޓްރެޒަރީ ބިލްގެ ދެވަނަ ބައި ކަމަށްވާއިރު، ފުރަތަމަ ބައި ވަނީ މިއަހަރުގެ މެއި 13 ވަނަ ދުވަހު ރޯލްއޯވާކޮށްފަ އެވެ.

މި އަހަރުގެ މެއި މަހުގެ 8 އިން 10 އަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވެވި ދަތުރުފުޅުގައި މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ އިންޑިއާ ސަރުކާރާ މަޝްވަރާ ކުރައްވައި، މިކަމަށް އެދިވަޑައިގެންފަ އެވެ.

ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ދިން ލުޔާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ އިންޑިއާއަށް ޝުކުރު އަދާކޮށްފަ އެވެ.

ދިވެހި ސަރުކާރުން ބުނީ އިންޑިއާގެ މިއެހީތެރިކަން ލިބިގެން މިދިޔައީ އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފިސްކަލް ކޮންސޮލިޑޭޝަން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން ދަނިކޮށް ކަމަށެވެ.

އިންޑިއާގެ އެހީ އަކީ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރާ މެދު ޒަމާނުއްސުރެ އޮތް އަހަންމިއްޔަތުކަން ދައްކުވައިދޭ ރަމްޒެއް ކަަމަށްވެސް ދިވެހި ސަރުކާރުން ބުނެ އެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި ތަނަވަސްކަމަށްޓަކައި މިގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުއްމީދު ކުރާ ކަމަށްވެސް ދިވެހި ސަރުކާރުން ބުނެފައިވެ އެވެ.