ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާއާއެކު އެފްޓީއޭ ގާއިމުކުރަން ރާއްޖެއިން ހުށަހަޅައިފި

ރާއްޖެއާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގާއިމުކުރަން ރާއްޖެއިން ހުށަހަޅައިފި އެވެ.

އިންޑިއާއާއެކު އެފްޓީއޭ ގާއިމުކުރަން ދިވެހި ސަރުކާރުން ހުށަހެޅީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުއާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކުގަ އެވެ.

މި މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ މިނިސްޓަރު ޒަމީރު ވިދާޅުވީ ދެ ގައުމުގެ މެދުގައި ފްރީ ޓްރޭޑް އެގްރީމެންޓް ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ހުށަހަޅުއްވާފައިވާ ކަމަށެވެ.

އެފްޓީއޭއާއެކު ދެގައުމުގެ ވިޔަފާރީގެ މުއާމަލާތްތައް ފަސޭހަވެގެންދާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ. އެފްޓީއޭއާއެކު އިތުރު ވިޔަފާރިތަކަށް ހުޅުވިގެންދާނެކަން ޒަމީރު ފާހަގަކުރެއްވި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވީ އިއްޔެ އެވެ.

ޖައިޝަންކަރުގެ މި ދަތުރުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާތައް ބާއްވާފަ އެވެ.