ދިވެހި ސަރުކާރުގެ އިސް ބޭފުޅުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާ ރައްޔިތުންނަށް ސޯޝަލް މީޑިއާގައި ބޭއަދަބީ ބަސްތަކުން މަލާމާތްކޮށް ފުރައްސާރަ ކުރި މައްސަލަ ދެން ތަކުރާރު ނުވާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޒަމީރު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ގައުމުގެ މީޑިއާއެއް ކަމަށްވާ އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އޭއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާއަށް ނިސްބަތްކޮށް ދިވެހި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކަކީ ދިވެހި ސަރުކާރުގެ ވިސްނުން ނޫން ކަމަށެވެ.
ބޭއަދަބީ ބަސްތަކުން މަލާމާތްކޮށް ފުރައްސާރަ ކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.
"އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް މި ދަނީ ފިޔަވަޅުތައް އަޅަމުން،" ޒަމީރު ވިދާޅުވި އެވެ.
ސަރުކާރުގެ އިސްވެރިންނާއި ބައެއް އާންމު ދިވެހިންގެ މަލާމާތް މޯދީއަށް އަމާޒުވީ އިންޑިއާގެ ލަކްޝަދީބްގައި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި މޯދީ އެރަށަށް ވަޑައިގެން ނެންގެވި ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލްމީޑިއާގައި އާންމުކުރުމާ އެކު އިންޑިއާގެ ފަތުރުވެރިން ދެން ރާއްޖެއަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ ރާއްޖެ ދައްކޮށްލުމުގެ ނިޔަތުގައި އިންޑިއާގެ ބައެއް ރައްޔިތުން ސޯޝަލްމީޑިއާގައި ފާޅުކުރި ޝުއޫރުތަކަކަށްފަހު އެވެ.
މައްސަލަ ހޫނުވީ ސަރުކާރުގެ އިސް އޮފިޝަލުންގެ ތެރޭގައި ހިމެނޭ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ޔޫތު މިނިސްޓްރީގެ މަރިޔަމް ޝިއުނާ އާއި، މަލްޝާ ޝަރީފާ އަދި އަބްދުﷲ މަހްޒޫމް މާޖިދު، މޯދީއަށް އަމާޒުކުރައްވާ ބޭނުންކުރި ބޭއަދަބީ ބަސްތަކެއްގެ ސަބަބުންނެވެ.
މައްސަލަ ހޫނުވުމާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ މި ތިން ބޭފުޅުން ވަޒީފާ އިން ސަސްޕެންޑްކޮށް، ބޭރު ގައުމުތަކުގެ ވެރިންނާ މެދު އިހާނެތި ގޮތްގޮތަށް ވާހަކަދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށް ބުނެ ބަޔާނެއްވެސް ނެރެފަ އެވެ.