ސްޓޭޓް ބޭންކް އޮފް އިންޑިއާ

އެސްބީއައިއަށް 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި

ދިވެހި ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ގަނެފައިވާ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި އެވެ.

ޓްރެޝަރީ ބޮންޑުގެ ގޮތުގައި ގަނެފައިވާ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފައި މިވަނީ ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދުމާ ގުޅިގެންނެވެ.

ފައިސާ ދެއްކުން ފަސްކޮށްދީފައިވާ މި ބޮންޑަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން 2019 ވަނަ އަހަރު އިންޑިއާ ސަރުކާރާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ނަގާފައިވާ 200 މިލިއަން ޑޮލަރުގެ ބޮންޑްގެ ތެރޭގައި ހިމެނޭ އަދަދެކެވެ.

އެސްބީއައި އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފައި މިވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިދިޔަ ހަފްތާގެ ތެރޭގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މިކަމަށް އެދިފައި ވަނިކޮށެވެ.

ފޮރިން މިނިސްޓްރީން ބުނީ ނިމިދިޔަ ސަރުކާރުން ބަޖެޓް ސަޕޯޓްގެ ގޮތުގައި ނަގާފައިވާ 200 މިލިއަން ޑޮލަރުގެ ބޮންޑްގެ ތެރެއިން 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދިނީ އެއް އަހަރަށް ކަމަށެވެ.

އިންޑިއާ ސަރުކާރުގެ ނިންމުމަށް މިބަޔާނުގައި ޝުކުރު އަދާކޮށް ބުނެފައިވަނީ އިންޑިއާގެ އެހީގައި ރާއްޖޭގެ ތަރައްގީ މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވަނީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ އެކި ލޯންތައް ދެއްކުން ފަސްކޮށްދިނުމަށް އެކި ގައުމުތަކުގައި އެދެމުންނެވެ. ނަމަވެސް މިކަމުގައި ސަރުކާރަށް ލިބުނު ކުރިއެރުމެއް އަދި ސާފެއް ނުވެ އެވެ.