ގައުމާއި ސަރަހައްދީ ހަމަޖެހުމާއި ރައްކާތެރި ކަމަށް އިންޑިއާއާއެކު މަސައްކަތް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ދެ ބޭފުޅުން ބައްދަލުކުރައްވައި ނެރުއްވި ބަޔާނުގައި މިނިސްޓަރު ޒަމީރު ވަނީ އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާފަ އެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ ދެ ގައުމުގެ ގުޅުން އިތުރުކުރުމަށް މަސައްކަތް ކުރުމުގައި ސާބިތުކަމާއެކު ތިއްބަވާނެ ކަމަށާއި ގައުމާއި ސަރަހައްދީ ހަމަޖެހުމާއި ރައްކާތެރިކަމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެ ގޮތުން ޓެރަރިޒަމާއި ހަރުކަށިފިކުރާއި މަސްތުވާތަކެތި ހުއްޓުވުމުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
މި ބަޔާނުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ވިދާޅުވީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އިންޑިއާއިން އަބަދުވެސް ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.
އެ ގޮތުން ދިފާއީ ދާއިރާއިންނާއި އިގުތިސާދީ ގޮތުން ދެ ގައުމު ގުޅިގެން ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މި ދަތުރުގައި ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރައްވާނެ ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.
ޖައިޝަންކަރު ވިދާޅުވި ގޮތުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުމަކީ ދެ ގައުމަށް ދިމާވާ ގޮންޖެހުންތަކުގައި އެކުގައި މަސައްކަތް ކުރުމަށް ލިބޭ ބާރެކެވެ.