ދިވެހި އިންޑިއާގެ ގުޅުން

ރާއްޖެއާއި އިންޑިއާގެ ހާރިޖީ ވަޒީރުން ބައްދަލުކުރައްވައިފި

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ބައްދަލުކުރައްވައިފި އެވެ.

މި ދެ ބޭފުޅުން މިއަދު ބައްދަލުކުރެއްވީ ޔޫގަންޑާގެ ކަމްޕާލާގައި މިހާރު ކުރިއަށް ގެންދާ ނޮން އެލައިންޑް މޫވްމަންޓް (ނާމް)ގެ މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި ދެ ގައުމުގެ ގުޅުމާ ގުޅޭގޮތުންނާއި ވަކިން ހާއްސަކޮށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމާ ބެހޭ ގޮތުން ދެ ގައުމުގެ އިސްވެރިން ހިމެނޭހެން އެކުލަވާލާފައިވާ ކޮމިޓީގެ މަޝްވަރާތައް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ދެ ބޭފުޅުންގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެ އެވެ.

މީގެއިތުރުން ނާމް ސަމިޓާއި ސާކް ސަމިޓާ ގުޅޭ ގޮތުންނާއި ދެ ގައުމު ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ މަޝްވަރާތައްވެސް ކުރެވުނު ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާ ސަރުކާރަށް މުހުލަތެއް ދީފަ އެވެ. އެގޮތުން މިއަހަރުގެ މާޗް 15 ވަނަ ދުވަހުގެ ކުރިން އިންޑިއާ ސިފައިން ބޭލުމަށް ވަނީ އަންގާފަ އެވެ.