ހިރިމަރަދޫ

ހިރިމަރަދޫ ރައްޔިތުން ތުލުސްދޫއަށް ބަދަލުވާން އެދިއްޖެ

ހދ. ހިރިމަރަދޫގެ ރައްޔިތުން ތުލުސްދޫއަށް ބަދަލުވާން އެދިފައިވާ ކަމަށް ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ހިރިމަރަދޫ ކައުންސިލާއެކު ބޭއްވި ބައްދަލުވުމަށް ފަހުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މިނިސްޓަރު ވިދާޅުވީ އެ ރަށުގެ ރައްޔިތުން ވަނީ އެހެން ރަށަކަށް ބަދަލުވާން ނިންމާފައި ކަމަށް ހިރިމަރަދޫ ކައުންސިލުގެ މެމްބަރުން ވިދާޅުވި ކަމަށެވެ. އެގޮތުން އެ ރަށުގެ ރައްޔިތުން ބޭނުންވަނީ ކ. ތުލުސްދޫއަށް ބަދަލުވާން ކަމަށްވެސް ބައްދަލުވުމުގައި ކައުންސިލަރުން ވިދާޅުވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހދ. ހިރިމަރަދޫއަކީ މަދު ބަޔަކު ދިރިއުޅެމުން އަންނަ ރަށެކެވެ. އެންމެ ފަހުގެ ބޯހިމެނެމުގެ ނަތީޖާއިން ދައްކާގޮތުގައި އެރަށުގެ އާބާދީއަކީ 293 މީހުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އަތޮޅުތަކަށްވެސް ޒަމާނީ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި އާބަން ސެންޓަރުތައް ތަރައްގީކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުދި ރަށްރަށުގެ ރައްޔިތުން އެފަދަ ރަށްތަކަށް ބަދަލުވުމަށް ބޭނުންވާނަމަ އެ ފުރުސަތު ދޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.