ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ނުވަ ފަރާތްތަކާ އެކު ހަދާފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކަކީ ބާތިލް އެއްބަސްވުންތަކެއް ކަމަށް ކަނޑައަޅައި އެ އެއްބަސްވުންތަކަށް އަމަލުކުރަން ނުޖެހޭ ކަމަށް ބަންޑާރަނައިބް އަހުމަދު އުޝާމް ކަމާ ގުޅޭ އިދާރާތަކަށް އަންގަވައިފި އެވެ.
މިސަރުކާރުން މިއަދު ބާތިލްކުރި އެއްބަސްވުންތަކަކީ "ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ނަމުގައި ނޮވެމްބަރު 28، 2022 ގައި އެކުލަވާލާފައިވާ އުސޫލުގެ ދަށުން ސޮއިކޮށްފައިވާ އެއްބަސްވުންތަކެކެވެ.
ރައީސް ސޯލިހްގެ ސަރުކާރުން އެކުލަވާލި އުސޫލަކީ ގާނޫނީ ހައިސިއްޔަތާއި ބާރު ލިބިގެން ނުވާ އުސޫލެއް ކަމަށް ނޮވެމްބަރު 21، 2023 ގައި ބަންޑާރަނައިބް އުޝާމް ދެއްވި ގާނޫނީ ލަފައާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން އެ އުސޫލު ވަނީ އުވާލައްވާފަ އެވެ. އަދި އުވާލި އުސޫލުގެ ދަށުން ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކުގެ މައްސަލަ ދިރާސާކުރަން ރައީސް މުއިއްޒު އޮތީ ބަންޑާރަނައިބް އޮފީހާ ކުރިން ހަވާލުކުރައްވާފަ އެވެ.
ސެޓްލްމަންޓް އެއްބަސްވުން ހަދާފައިވާ ކުންފުނިތައް
- ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
- އެގްޒޯޓިކް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑް
- ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
- އަމްސަން އެންޑް ފުޑް ބެވަރޭޖު ޕްރައިވެޓް ލިމިޓެޑް
- ކްލިއަ ސޭންޑްސް ޕްރައިވެޓް ލިމިޓެޑް
- ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް
- އަބްދުﷲ އަލީ | ހ. ގިރިތެރޭގެ | މ. ތްރީއޭވިލާ
- ޖޭއެޗް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް
- ލެޝަ ބީޗް ޕްރައިވެޓް ލިމިޓެޑް (ފަހުން އެ ކުންފުނީގެ ހައްގުތައް ބަދަލުކުރީ އެމްރޮކް އިންވެސްޓްމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)އަށް
ބަންޑާރަނައިބް އޮފީހުން ބުނީ "ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު"ގެ ދަށުން ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތައް ބާތިލްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާތީ އާއި އަދި އެ އުސޫލުގެ ދަށުން ބަދަލު ދީފައިވާނަމަ އެ ބަދަލެއް އަނބުރާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުން އެ އޮފީހަށް އަންގާފައިވާ ކަމަށެވެ.
"މިމައްސަލަތައް މިއޮފީހުން ދިރާސާކުރިއިރު އެ އުސޫލަކީ ގާނޫނުއަސާސީއާއި ގާނޫނާ ހިލާފަށް އެކުލަވާލާފައިވާ އުސޫލެއް ކަމާއި، އެ އުސޫލުގެ ދަށުން ނިންމާފައިވާ ނިންމުންތަކާއި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކަކީ ދައުލަތުގެ އޮޑިޓާ ޖެނަރަލްގެ ބަހެއް ނެތި، ތައައްސުފީ ގޮތެއްގައި ވަކި ފަރާތްތަކަކަށް ނުހައްގު މުއްސަނދިކަމެއް ލިބޭގޮތަށް ނިންމާފައިވާ ނިންމުންތަކެއްކަން ފާހަގަކުރެވިފައިވެ އެވެ،" ބަންޑާރަނައިބް އޮފީހުގެ ބަޔާނުގައިވެ އެވެ.