ހައުސިން ޔުނިޓް

ފްލެޓް ލިސްޓަށް ޝަރުތު ހަމަވީ 1،820 މީހުން

0%
50%
50%

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅަމުންދާ 4،000 ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވި މީހުން ކަމަށް ބުނެ އެކުލަވާލާފައިވާ ލިސްޓް އަލުން އިވެލުއޭޓް ކުރުމުން ޝަރުތު ހަމަވީ 1،820 މީހުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ނިމެމުން ދަނިކޮށް އެ ސަރުކާރުން ގެޒެޓުކުރި ލިސްޓުގައި 4،000 ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 8،660 މީހުންނެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިއަދު ހާމަކުރި މައުލޫމާތަށް ބަލާއިރު ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން 75 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިގެން ފްލެޓު ލިބެނީ 1,423 މީހުންނަށެވެ. ދެ ކޮޓަރީގެ ފްލެޓު ލިބޭ މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިގެން ފްލެޓް ލިބެނީ 397 މީހުންނަށެވެ. އެކަމަކު ރައީސް ސޯލިހްގެ ސަރުކާރުން އެކުލަވާލި ލިސްޓުގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ގޮތުގައި 3,721 މީހުން އަދި ދެ ކޮޓަރި ފްލެޓް ލިބޭ މީހުންގެ ގޮތުގައި 1,218 މީހުން ހިމަނާފައިވެ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަމުންދާ 4،000 ފްލެޓްގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފްލެޓެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގައި ހިމެނޭ ފްލެޓްތަކުގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓް ދޫކުރަން އޭރު ނިންމާފައި އޮތީ މަހަކު 5،000 ރުފިޔާ އަދި ތިން ކޮޓަރީގެ ފްލެޓް ދޫކުރަން ނިންމާފައި އޮތީ މަހަކު 7،000 ރުފިޔާ އަށެވެ. ކޮންމެ ފްލެޓަކަށްވެސް މަހަކު އިތުރު 1،000 ރުފިޔާ މެއިންޓަނަންސް ފީގެ ގޮތުގައިވެސް ނަގަން އޭރު ނިންމާފައިވެ އެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ފްލެޓަށް ޝަރުތު ހަމަވޭތޯ ބެލީ ހުށަހަޅާފައިވާ ފޯމާއި ކަމާ ގުޅޭ ލިޔުންތަކަށް ބަލައިގެން ކަމަށެވެ. ފޯމުތައް ފޯމުތައް ވެރިފައިކުރުމުގައި ތިން ކޮޓަރީގެ ލިސްޓުން 75 ޕޮއިންޓް ނުލިބޭ މީހުންނާއި ދެ ކޮޓަރީގެ ލިސްޓުން 73 ޕޮއިންޓު ނުލިބޭ މީހުންގެ ފޯމުތައް ޗެކްކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެހެންކަމުން ލިސްޓުގައި ހިމަނާފައިވާ މީހުން ފިޔަވާ އިތުރު ބައެއްގެ ފޯމު ބަލާފައެއް ނުވާނެ. ޝަރުތު ހަމަނުވާ ފަރާތްތަކާއި ކަނޑައަޅާފައިވާ މިންވަރަށް ވުރެ ދަށުން ޕޮއިންޓް ލިބުނު މީހުން، ފްލެޓު ނުލިބޭ މީހުންގެ ގޮތުގައި ވާނީ ކަނޑައަޅާފައި،" މުއްތަލިބް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފްލެޓް ނުލިބޭ މީހުންނަށް ނުލިބޭ ސަބަބު ޕޯޓަލް ތެރެއިން ފެންނަން ހުންނާނެ ކަމަށެވެ. އެހެންކަމުން އެފަދަ މީހުން ޝަކުވާ ހުށަހަޅަން ވަކި މުއްދަތެއް ދޭނެ ކަމަށާއި އެ މުއްދަތުގައި ޝަކުވާ ހުށަހެޅުމުން ސަރުކާރުން އަލުން އެ މައްސަލަ ބަލައި އެ މީހަކަށް ފްލެޓް ލިބޭތޯ ނުވަތަ ނޫންތޯ ޔަގީންކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ ފްލެޓް ލިސްޓްގައި ހިމެނޭ އެއްވެސް މީހަކަށް ފްލެޓް ލިބޭނަމަ ފުރަތަމަ އިސްކަންދޭނީ އެ މީހުންނަށް ފްލެޓް ދޭން ކަމަށާއި އިތުރު ބަޔަކަށް ފްލެޓް ދޫކުރަން ހުޅުވާލުމުގެ ވިސްނުމެއް މިވަގުތު އެއްވެސް ވަރަކަށް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.

މުއްތަލިބް ވަނީ ފްލެޓް ލިބޭ މީހުންގެ ލިސްޓް އެކުލަވާލިއިރު އުސޫލުތަކާ ހިލާފަށް ކުރީގެ ސަރުކާރުން ބައެއް މީހުންނަށް ފްލެޓް ދޭން ވެގެންް ކޮށްފައިވާ ބައެއް ކަންކަމުގެ މައުލޫމާތުވެސް ހިއްސާކޮށްފަ އެވެ. ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކުރި ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭނަމަ ކަމާ ގުޅޭ އިދާރާތަކުން އެކަންކަން ކުރަމުން ގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910