ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގައި ހިމެނޭ 4،000 ފްލެޓް ލިބޭ ބައެއް މީހުން ހިމަނައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަހުން އެކުލަވާލި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު މިސަރުކާރުން އާންމު ކުރި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ކުރިން ފުރުސަތު ހުޅުވާލީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ހައުސިން މިނިސްޓްރީން މިއަދު ވަނީ އެ މުއްދަތު ކުރިއަށް އޮތް އޭޕްރީލް 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ މާދަމާ އިން ފެށިގެން އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވާތީ އެވެ.
ޝަކުވާ ހުށަހަޅަން ދީފައިވާ މުއްދަތު މިހާރުވެސް ލިބިފައި ހުރި ޝަކުވާތައް ބަލައި އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. ޝަކުވާ ހުށަހަޅާ ފަރާތްތަކުން ވީހާވެސް ތަފްސީލްކޮށް ޝަކުވާ ހުށަހެޅުމަށް އެދޭ ކަމަށާއި ޝަކުވާ ހުށަހެޅުމުން ސަރުކާރުގެ އިދާރާތަކުގައި ހުރި މިނިސްޓްރީއަށް ޗެކްކުރެވެން ހުރި މައުލޫމާތުތަކަށް ރިއާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާނަމަ، އެ ފަރާތްތަކަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަންވެސް މިނިސްޓްރީން ދެ އެވެ.
ހުޅުމާލޭގައި އަޅަމުންދާ 4،000 ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވި މީހުން ކަމަށް ބުނެ އެކުލަވާލާފައިވާ ލިސްޓް މިސަރުކާރުން އަލުން އިވެލުއޭޓް ކުރުމުން ޝަރުތު ހަމަވީ 1،820 މީހުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ކުރިން ވިދާޅުވެފައިވެ އެވެ.
ރައީސް ސޯލިހްގެ ސަރުކާރު ނިމެމުން ދަނިކޮށް އެ ސަރުކާރުން ގެޒެޓުކުރި ލިސްޓުގައި 4،000 ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 8،660 މީހުންނެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިމަހުގެ 27 ވަނަ ދުވަހު ހާމަކުރި މައުލޫމާތަށް ބަލާއިރު ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން 75 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިގެން ފްލެޓު ލިބެނީ 1,423 މީހުންނަށެވެ. ދެ ކޮޓަރީގެ ފްލެޓު ލިބޭ މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިގެން ފްލެޓް ލިބެނީ 397 މީހުންނަށެވެ. އެކަމަކު ރައީސް ސޯލިހްގެ ސަރުކާރުން އެކުލަވާލި ލިސްޓުގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ގޮތުގައި 3,721 މީހުން އަދި ދެ ކޮޓަރި ފްލެޓް ލިބޭ މީހުންގެ ގޮތުގައި 1,218 މީހުން ހިމަނާފައިވެ އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަމުންދާ 4،000 ފްލެޓްގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފްލެޓެވެ.