މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ، 1700 ހައުސިން ޔުނިޓުގެ މަޝްރޫއުއަށް ފައިނޭންސް ހަމަޖެހިފައިނުވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި މަޝްރޫއުގެ ބިންގާ އަޅާފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. މިއީ ފަހި ދިރިއުޅުމާއި ސައިނޯ ހައިޑްރޯ ކޮންސްޓްރަކްޝަން ކުންފުނި ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއުއެކެވެ. އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 15 އަދި 16 ބުރީގެ 11 ޓަވަރެވެ. މިއީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1020 އެޕާޓްމަންޓާއި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 680 އެޕާޓްމަންޓެވެ.
މިމަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ މޭ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައި ކަމަށް ހައުސިން މިނިސްޓްރީން އޭރު ބުނެފައިވެ އެވެ. ދެ އަހަރު ދުވަހު ނިންމަން ހަވާލު ކުރި މި މަޝްރޫއަށް 133 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ހައުސިން އިން ލަފާ ކުރި އެވެ.
ޑރ. މުއިއްޒު މިއަދު އެ މަޝްރޫއުއަށް ފާޑުވިދާޅުވަމުން ވިދާޅުވީ ބިންގާ އެޅިއިރު 85 ޕަސެންޓް ފައިނޭންސް ހަމަޖެހިފައިނުވާ ކަމަށާއި އަދިވެސް އެ ހަމަޖެހިފައިނުވާ ކަމަށެވެ. އަދި ހަމަޖެހުމުގެ ފުރުސަތު ވެސް ވަރަށް ހަނި ކަމަށެވެ.
"އަދި ހުޅުމާލެ ދެވަނަ ފިޔަވަހިން ފެންނަނީ ހަމައެެކަނި ރައީސް ޔާމީން ފައްޓަވާފައިވާ މަޝްރޫއުތައް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
މި ސަރުކާރުން ގެންދަނީ ރައީސް ޔާމީންގެ ސަރުކާރުގެ ހިޔާ މަޝްރޫއުއަކީ ދަރަނީގެ ދަންތުރައެއް ކަމާއި ކޮތަރު ކޮށިތަކެއް ގޮތަށް ސިފަ ކުރަމުންނެވެ. ނަމަވެސް މި ސަރުކާރުން މިހާތަނަށް ބޯހިޔާވަހިކަމުގެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފަށާފައިނުވާތީ ފާޑުކިޔުންތައް ގިނަ އެވެ.
މާލޭގެ ރައްޔިތުންނަށް 4،000 ހައުސިން ޔުނިޓު އަޅުއްވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް ސޯލިހް ވަނީ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންފައިވެ އެވެ. މާލޭ ސިޓީ ސްޓްރީޓް ސްކޭޕިން މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ މާލޭ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ވަރަށް އަވަހަށް 1700 ހައުސިން ޔުނިޓާއި 1300 ހައުސިން ޔުނިޓުގެ ބިންގާ އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ވިިދާޅުވެފަ އެވެ.