ހަބަރު

ހިޔާ ފްލެޓްގެ އަދަދުތައް ސަރުކާރުން އޮޅުވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމުގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ 7،000 ފްލެޓަށް ލިޔުން ދީފައި އޮތް ގޮތް ވެސް ސަރުކާރަށް އޮޅިއްޖެ އެވެ.

ސަރުކާރުން ވަނީ ހިޔާ މަޝްރޫއުގެ 7،000 ފްލެޓަށް 11،000 މީހުންނަށް ލިޔުން ދީފައިވާ ކަމަށް ބުނެފަ އެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ ހިޔާ މަޝްރޫއުގައި 7،000 ފްލެޓް ހިމެނޭ ކަމަށް ބުނި ނަމަވެސް ހުރީ 6،860 ފްލެޓް ކަމަށެވެ. އަދި އެ ފްލެޓްތައް ލިބޭނެ ކަމުގެ ލިޔުން 11،000 މީހަކަށް ދޫކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެއީ ހަގީގަތް އޮޅޭ ގޮތަށް ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް މަޝްރޫއު ހިންގެވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ޑރ. މުއިއްޒު މިއަދު "އަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، 25 ބުރީގެ ޓަވަރުތަކުގައި ހަދާފައިވާ 7،000 ފްލެޓަށް ދޫކޮށް ފައިނަލް ލިސްޓް ނެރެފައިވާނީ 7،000 މީހުންގެ ކަމަށެވެ.

އެ ލިސްޓަކީ ސަރުކާރުން ގެޒެޓް ވެސް ކޮށްފައިވާ ލިސްޓެކެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، 7،000 ފްލެޓްގެ އިތުރުން ވެސް ހަމަ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފްލެޓް މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އެގޮތުން އަލަތު ކައިވެނީގެ 1،000 ފްލެޓާއި ދެ ކޮޓަރީގެ 2،500 ފްލެޓްގެ މަޝްރޫއު، ހިޔާގެ ނަމުގައި ކުރިއަށް ދިޔަ ކަމަށެވެ.

ހިޔާ މަޝްރޫއުގެ 7،000 ފްލެޓަށް ކުރިމަތީ މީހުންގެ ތެރެއިން، 7،000 ހަމަވެ ދެން ރިޒާވްގައި ތިބި މީހުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު މީހުން އަނެއް 2،500 ފްލެޓަށް ހޮވައި، އެމީހުންގެ ނަންތައް ފައިނަލް ކުރެވުނު ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެ ލިސްޓް ވެސް ގެޒެޓް ކުރި ކަމަށެވެ. އަލަތު ކައިވެނީގެ 1،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ވެސް އިއުލާން ކުރި އެވެ.

އޭގެއިތުރުން ވެސް އެހެން ބައެއް ފްލެޓްތައް މީހުންނަށްދީ، ލިސްޓްތައް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނެރުނެވެ. މުއިއްޒު ވިދާޅުވީ އެހެންވީއިރު ހިޔާ ފްލެޓްގެ ގޮތުގައި ފްލެޓް ދީފައިވާ މީހުންގެ އަދަދު 11،000 އަށް އަރާނެ ކަމަށެވެ. އެހެންވީއިރު އެ 11،000 މީހުންނަށް ވެސް ފްލެޓް ހަމަޖެހިފައި ހުންނާނެ އެވެ.

"އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް، އޮޅުވާލުމެއް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި ފްލެޓްތަކުގެ ސައިޒްގެ ވާހަކަ މި ސަރުކާރުން ދައްކަމުންދާއިރު ރައީސް ޔާމީންގެ ސަރުކާރުން ވާނީ ތިން ކޮޓަރީގެ ބޮޑެތި ފްލެޓްތަކެއް އެޅުމުގެ މަޝްރޫއު ވެސް ހުޅުމާލޭގައި ފަށާފަ އެވެ. އެ ފްލެޓްތަކުގެ އޮނިގަނޑު ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެއީ 1530 ފްލެޓެވެ.

"އެކަމަކު މި ސަރުކާރަށް މިހާތަނަށް ހަމަ އެންމެ މަޝްރޫއުއެއް ވެސް ފެށިފައިވޭތޯ؟ ނެތް އެއްވެސް މަޝްރޫއުއެއް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން، 7،000 ފްލެޓްގެ ތެރޭގައި ވެސް އެ އަދަދަށް ފްލެޓް ނެތް ކަމަށް ސަރުކާރުން ބުނާ ބުނުމަށް ވެސް މުއިއްޒު ވަނީ ރައްދު ދެއްވާފަ އެވެ. މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުން އެ މަޝްރޫއު ކުރިއަށް ދިޔައިރު 7،000 ފްލެޓް ހުންނާނެ ކަމަށެވެ. އެ ފްލެޓްގެ އަދަދު މަދުވެފައިވާނަމަ އެ މަދުވެފައިވަނީ މި ސަރުކާރުން މަޝްރޫއުއަށް ގެނައި ބަދަލެއްގެ ސަބަބުން ކަމަށެވެ.

މި ސަރުކާރުން ވަނީ 7،000 ފްލެޓް އަޅާ ޓަވަރުތަކުގެ ގްރައުންޑް ފްލޯ، ފިހާރަތަކަށް ދޫކުރަން ނިންމާފަ އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެއީ ކުރީ ސަރުކާރުން އެކަން ނިންމާފައި އޮތް ގޮތެއް ނޫނެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުން މަޝްރޫއުއަކަށް ބަދަލެއް ގެންނަ ނަމަވެސް އެކަން ގެންނަން ވާނީ ރައްޔިތުންނަށް ގެއްލުން ނުވާނެ ގޮތުގެ މަތިން ކަމަށެވެ.