ހައުސިން މިނިސްޓްރީ

ހައުސިން ކޮމިޓީއަށް އިތުރު ތިން ބޭފުޅުން އައްޔަންކުރައްވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ފްލެޓާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތަކުގައި ހައުސިން މިނިސްޓްރީއަށް ލަފާ ދިނުމަށް އެކުލަވާލާފައިވާ ހައުސިން ކޮމިޓީއަށް އިތުރު ތިން ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

ހައުސިން ކޮމިޓީ އެކުލަވާލާ އެ ކޮމިޓީއަށް އެންމެ ފުރަތަމަ ފަސް މެންބަރުން އައްޔަންކުރެއްވީ މިދިޔަ ފެބްރުއަރީ 14 ގައެވެ.

މި ކޮމިޓީއަށް އެންމެ ފުރަތަމަ އައްޔަންކުރެއްވި މެންބަރުންގެ ތެރެއިން ކޮމިޓީގެ ޗެއާ އަކަށް އައްޔަންކުރެއްވި ކުރީގެ ވަޒީރު އަނީސާ އަހްމަދު ވަނީ ސިއްހީ ސަބަބުތަކަށްޓަކައި މިދިޔަ މަހުގެ 24 ވަނަ ކޮމިޓީން އިސްތިއުފާ ދެއްވާފަ އެވެ.

ކޮމިޓީއަށް އަލަށް އައްޔަންކުރެއްވި ތިން ބޭފުޅުންނަކީ ކުރީގެ ވަޒީރު މައުރޫފް ޖަމީލް އާއި ފާތުމަތު ސައީދުގެ އިތުރުން އާމިނަތު ޝާއިރާ އެވެ.

ހައުސިން ކޮމިޓީގައި ހިމެނޭ ހަތް މެންބަރުން

  • އާމިނަތު އީނާސް (ކޮމިޓީގެ ޗެއާ)
  • އަބްދުލްއަޒީޒް ޔޫސުފް (ކޮމިޓީގެ ވައިސް ޗެއާ)
  • މުހައްމަދު މައުރޫފް ޖަމީލް
  • އަހްމަދު އަލީމަނިކު
  • މަރްޔަމް ފިޒާނާ ރަޝީދު
  • ފާތިމަތު ސައީދު
  • އާމިނަތު ޝާއިރާ

ރައީސް ސޯލިހްގެ ސަރުކާރުން ''ބިންވެރިޔާ'' އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރި ގޯއްޗާއި ފްލެޓްތަކުގެ ތެރެއިން ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ހުޅުމާލެ އިން ގޯތި ލިބުނު މީހުންނަށް މިސަރުކާރުން ދަނީ ގޯތިތައް ހަވާލުކުރަމުންނެވެ. އަދި ފްލެޓްތަކުގެ މައްސަލަ އޭސީސީ އިން ބެލުމަށްފަހު ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޫކުރުމަށްވެސް އޭސީސީ އިން ވަނީ ހައުސިން މިނިސްޓްރީއަށް ލަފާ ދީފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވީ ގޯތިތަކާއި ފްލެޓްތައް ދޫކުރުމުގައި ސުވާލު އުފެދޭ އެތައް ކަމެއް ހުރުމުން އެ މައްސަލަ ހައްލުކޮށް ގޯތިތަކާއި ފްލެޓްތައް ދޫކުރާނީ އެކަމާ ގުޅޭ މިނިވަން ކޮމިޓީއެއްގެ ލަފާ ހޯދައިގެން ކަމަށެވެ.