ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ އެކު އެޗްޑީސީ އިން ހަދާފައިވާ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ސީލައިފްއާއި އެޗްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާޗް 13، 2014 ގައެވެ. މި އެއްބަސްވުން ބާތިލް ކުރީ ނިމިގެން ދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ޑިސެމްބަރު 24، 2018 ގައެވެ.
އެއްބަސްވުން ބާތިލްކުރީ ސީލައިފްއިން އެއްބަސްވުމާ ހިލާފަށް، އެ މަސައްކަތް ކުރިއަށް ނުގެންގޮސް "ކުރެޑިޓް ސުއިސަ"ގެ ނަމުގައު ނަކަލްކޮށްފައިވާ ޕާފޯމަންސް ގެރެންޓީއެއް ހުށަހަޅައި އަދި އެތައް ދިވެހި ރައްޔިތެއްގެ އަތުން ފައިސާ ނެގުމަށްފަހު އެޕާޓްމަންޓް އެޅުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ އެވެ.
އެޗްޑީސީ އިން އެއްބަސްވުން ބާތިލްކުރުމުން އެކަންކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމުގައި ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓު ހުޅުމާލޭ ޑިވިޒަންއަށް މައްސަލަ ހުށަހެޅީ ސީލައިފް ކުންފުނިންނެވެ.
މި މައްސަލައިގައި ސީލައިފް އިން ކޯޓުގައި އެދިފައި އޮތީ އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެ ކުންފުންޏަށް ގެއްލުމުގެ ބަދަލު ދިނުމަށް، އެޗްޑީސީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
ސިވިލް ކޯޓު ހުޅުމާލެ ޑިވިޒަން އިން މިއަދު ކުރި ހުކުމްގައި ވަނީ ސީލައިފާއި އެޗްޑީސީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލްކޮށްފައިވަނީ ރަނގަޅަށް ކަމުގައި ކަނޑައަޅައި، އެޗްޑީސީ އިން ސީލައިފަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށްވެސް ހުކުމްކޮށްފަ އެވެ.
ސީލައިފް ޕްރޮޖެކްޓުގެ އިތުރުން ހުޅުމާލޭގައި ކުރިއަށް ގެންދާ މިފަދަ އެކިއެކި މަޝްރޫއުތަކުގެ އެއްބަސްވުމާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ ދެކޮޅަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގައިވެސް އެޗްޑީސީ އިން މިއަދު ބުނެފައިވެ އެވެ.