ގުޅިފަޅު

ގުޅިފަޅު ހިއްކި ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި

ގުޅީފަޅު ހިއްކި ސަރަހައްދު ހިމާޔަތްކުރުމަށް ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.

ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުނިންނެވެ. ދެ ބިލިއަން ރުފިޔާގެ މިމަޝްރޫއަށް ގެނައި ބައެއް ބަދަލުތަކާ އެކު މިހާރު ހިއްކުމަށް ހަމަޖެހިފައިވަނީ 235 ހެކްޓަރުގެ ބިމެވެ. އެއީ ނިމިދިޔަ ސަރުކާރުން ހިއްކަން ބޭނުންވި 150 ހެކްޓަރުގެ ބިމާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އިތުރު ކުރެއްވި 85 ހެކްޓަރުގެ ބިމެވެ.

މިމަޝްރޫއުގެ ދަށުން ޖުމްލަ 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި އެޅުމަށް ހަމަޖެހިފައިވާއިރު މިހާތަނަށް 16.9 މިލިއަން ކިއުބިކް މީޓަރުގެ ވެލި އަޅާފައިވެ އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ ގުޅިފަޅު ހިއްކުމާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އަމާޒުކޮށްގެން ގޯތި ދޫކުރުމަށްޓަކައި ގުޅިފަޅު ހިއްކުމުގެ މިމަޝްރޫއު ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މިދިޔަ ޖުލައި ދެވަނަ ދުވަހު އެވެ. ނިމިދިޔަ ސަރުކާރުގައި ގުޅިފަޅުން މާލޭގެ ރައްޔިތުންނަށް 2،218 ގޯތި ދިނުމަށް ނިންމާފައިވެ އެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި ނިންމާފައި އޮތީ ގުޅިފަޅުން ކޮންމެވެސް ވަރަކަށް ގޯތި ދޫކުރުމަށްފަހު މާލޭގެ ވިޔަފާރި ބަނދަރުވެސް ގުޅިފަޅަށް ބަދަލުކުރުމަށެވެ. ނަމަވެސް ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިހާރު ވަނީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރަން ނިންމަވާ، ގުޅިފަޅަކީ ހަމައެކަނި މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ހަމަޖައްސަވާފަ އެވެ. މިބަދަލާ އެކު 3،000 އަށް ވުރެ ގިނަ ގެދޮރު ގުޅީފަޅުން ހަމަޖައްސައިދެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ގުޅިފަޅަކީ މާލެއާ ހަތަރު ކިލޯމީޓަރު ދުރުގައި އޮތް ފަޅެކެވެ. މި ފަޅު ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އެވެ. ނަޝީދުގެ ސަރުކާރުން ބޭނުންވީ ގުޅިފަޅުގައި މީހުން އާބާދުކުރުމަށެވެ. އެހެންވެ އެތަނުގައި ފްލެޓް އަޅައި ބަޔަކަށް އެ ތަންތަން ހަވާލުވެސް ކުރި އެވެ. އެކަމަކު ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު ނިންމެވީ ގުޅިފަޅުގައި މީހުން އާބާދު ނުކުރުމަށެވެ. އޭގެފަހުން ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން އަނެއްކާވެސް ގުޅިފަޅު ހިއްކަވާ އެތަނުން ގޯތި ދޭން ނިންމެވީ އެވެ.