މާލޭގެ މޭޔަރު

ގުޅިފަޅުން ބިން ދޫކުރަން ރައީސް ޔާމީން ނިންމެވި: މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަހުކޮޅު ގުޅިފަޅުން ބިން ދޫކުރަން ނިންމާފައިވާނެ ކަމަށާއި އެކަން ކެބިނެޓާ ހިއްސާކުރެއްވި ކަމަށް ވެސް މާލޭގެ މޭޔަރު އަދި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގުޅިފަޅުގައި ޕޯޓެއް އަޅަން މުއިއްޒު ނިސްބަތްވާ އިދިކޮޅު ކޯލިޝަނުން ދެކޮޅު ހަދާތީ އޭގެ ރައްދުގައި މި ސަރުކާރުން ދައްކަނީ ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ގުޅިފަޅުގައި ޕޯޓެއް އަޅަން ނުވަތަ އެތަން އިންޑަސްޓްރިއަލް ތަނަކަށް ހަދަން ނިންމާފައިވާ ޕްލޭންތައް ކަމަށް މުއިއްޒު ރޭ ވިދާޅުވި އެވެ.

ނަމަވެސް ކުރީ ސަރުކާރުގެ އެ ނިންމުން ފަހުން ދިރާސާކުރުމަށް ފަހު އެތަން އިންޑަސްޓްރިއަލް ތަނަކަށް ބަދަލު ކުރަން ނިންމި ނިންމުން އިސްލާހުކޮށް ކެބިނެޓާ ވެސް މަޝްވަރާތަކެއް ކުރި ކަމަށް މުއިއްޒު ރޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެނާ ދެކޮޅަށް މިހާރު ބޭނުންކުރާ އެއްޗަކީ ގުޅިފަޅަކީ އިންޑަސްޓްރިއަލް ތަނަކަށް ހެދީ އަޅުގަނޑުމެންނޭ ކިޔާފަ މިދައްކަނީ 2015 ގައި އަޅުގަނޑުމެން ސޮއިކުރި ސިޓީއެއް. އޭގައި މި އޮންނަނީ ތިލަފުށީގައި ކުނި އެންދޭ ގޮތަކަށް ނޫން. 2018 އަށް އައިއިރު އެންދުން ނިމިގެން ފަންޑިން ހަމަޖެހި ކަންތައްތަކެއް ހަމަޖެހިފައި އޮތީމަ ކެބިނެޓާ ޝެއާކޮށްފަ ގުޅިފަޅު ބަދަލު ކުރަން ނިންމީ ރެސިޑެންޝަލް މޮޑާން ސިޓީއަކަށް ކަން." މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމަނިކުފާނު ގެންގުޅުއްވި ޕްލޭނަށް ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތް ކަން ވަނީ ހާމަވެގެން ގޮސްފަ އެވެ. އެހެންކަމުން ގުޅިފަޅާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު ނިންމެވި ނިންމެވުން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމުގައިވެސް މޭޔަރު ވިދާޅުވި އެވެ.

ގުޅިފަޅުގައި ޕޯޓް އެޅުމަށް މިސަރުކާރުން ގެންގުޅޭ ޕްލޭނަށް ބަދަލު ގެނެސް ގުޅިފަޅު ތަރައްގީކުރުމުގައި މާލެ ސިޓީ ކައުންސިލާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމެވި ކަމަށްވެސް މުއިއްޒު މީގެކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް ސަރުކާރުން އެކަމާ ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މި ސަރުކާރުން ވަނީ ގުޅިފަޅުގައި ޕޯޓަކާއި އިންޑަސްޓްރިއަލް ޒޯނެއް ތަރައްގީކުރުމަށާއި ގުޅިފަޅުން 1200 ގޯތި ދޫކުރަން ނިންމާފަ އެވެ. ގޯތި ދޫކުރުމަށް ބިން ހިއްކުމުގެ މަސައްކަތްތައް މިހާރު ގެންދަނީ ކުރަމުންނެވެ.