ގުޅިފަޅުގައި ޕޯޓް އެޅުމަށް މި ސަރުކާރުން ގެންގުޅޭ ޕްލޭނަށް ބަދަލު ގެނެސް ގުޅިފަޅަކީ މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހާއްސަ ތަނަކަށް ހަދަން ކުރާ މަސައްކަތަށް އަލި މަގެއް ނުފެނިއްޖެނަމަ ކޯޓަށް ދާން މާލެ ސިޓީ ކައުންސިލުން ނިންމައިިފި އެވެ.
ކައުންސިލުގެ މި ނިންމުން އައީ އިއްޔެ ބޭއްވި އެ ކައުންސިލްގެ ބައްދަލްވުމުގަ އެވެ. އެ ނިންމުމުގެ ތަފްސީލު ހިއްސާ ކުރައްވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގުޅިފަޅަކީ ގެދުރުވެރި ކަމަށް ހާއްސަ ތަނަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ހުށަހެޅުންތަކަށް ރިއާޔަތްކޮށް ގުޅިފަޅުގައި ގުދަން ކުރަން މިހާރު ކަނޑައަޅާފައިވާ ޖާގަ މާލެ ސަރަހައްދުގެ އެހެން ތަނަކަށް ބަދަލުކޮށް ގުޅިފަޅުގައި 30،000 ރައްޔިތުންނަށް އުޅެވޭ ވަރުގެ ޖާގައެއް ކަނޑައެޅުމަށް ސިޓީ ކައުންސިލާ އެކު ކަމާ ގުޅޭ އިދާރަތަކުން ބައްދަލުވެ ގޮތްތަކެއް ނިންމަން ރައީސް ސޯލިހް ނިންމަވާ އެކަން ހިއްސާ ކުރެއްވި ކަމަށާ ނަމަވެސް މި ފަހުންވެސް ޕްލޭނިން މިނިސްޓްރީން ހާމަކުރި މައުލޫމާތުން ސަރުކާރުގެ ނިންމުމަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން ހާމަވެފައިވާ ކަމަށެވެ.
ގުޅިފަޅުގެ ބިން ހިއްކުމާއި ގުޅޭގޮތުން އީއައިއޭއަށް ބަދަލު ގެނައުމާއި ގުޅޭގޮތުން ދާދި ފަހުން ބައްދަލްވުމެއް ބާއްވާފައިވާ ކަމަށާ އެ ބައްދަލްވުމުގައި ސަރުކާރުގެ މިހާރުގެ ޕްލޭނަށް ސިޓީ ކައުންސިލުގެ އެއްވެސް ތާއީދެެއް ނެތް ކަމަށް ދަންނަވާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވަރުބައްޔެއް ނުވާނަމަ އިރާދަކުރެއްވިއްޔާ މާލޭ ރައްޔިތުންގެ ހައްގުގައި ގެދޮރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރާއެކު ކުރަންޖެހޭ ކޮންމެ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން. ގުޅިފަަޅުގެ މައްސަލާގައި މިހާރު ކަންތައްދާ މިސްރާބު ބަދަލު ކުރުމަށް ސަރުކާރުގައި ތަކުރާރުކޮށް އެދޭނަން،"
މުއިއްޒު ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ގުޅީފަޅުގެ ކަންކަން ބަދަލުކުރުމުގެ ފުރުސަތު ސިޓީ ކައުންސިލަށް އަދިވެސް ނުލިބޭ ކަމަށެވެ. އެހެން ކަމުން ސިޓީ ކައުންސިލްގެ ވިސްނުން ރައީސް ސޯލިހަށް ހިއްސާކުުރުމަށް ކައުންސިލް މެންބަރުންނާއެކު ބައްދަލްވުމެއް ބާއްވައިދިނުމަށް އެދުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ސިޓީ ކައުންސިލުން ބޭނުންވަނީ އެކުވެރިކަމާއެކު ބިނާކުރި މަސައްކަތްތަކެއްކޮށް މާލެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ހައްލުކުރުމަށް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން ކުރާ މަސައްކަތަށް އެއްވެސް އަލިމަގެއް ނުފެނިއްޖެނަމަ ކޯޓަށްވެސް ދާން ކައުންސިލުގެ އަގުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ. އެފަދަ ނިންމުމެއް އޮތަސް ކޯޓަށް ދާން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާ މާލެ ރައްޔިތުން އެދޭ ގޮތަށް މައްސަލަ ހައްލުވާނެ ކަަމަށް އުންމީދު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް މާލެ ރައްޔިތުންގެ ހައްގުތައް ހޯދަން ކޯޓަށްދާން ފަސްނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.
"... ދެން އެއްވެސް ހާލެއްގައި އަޅުގަނޑުމެން މިކުރާ މަސައްކަތް އަދި ކުރަމުންދާނެ މަސައްކަތަށް އެއްވެސް އަލިމަގެއް ނުފެނިއްޖެނަމަ، މި ދެންނެވީ ވޯސްޓްކޭސްގައި އެއްވެސް އަލިމަގެއް ނުފެނިއްޖެނަމަ ކަންކުރާނެ ގޮތެއް ކަމަށް ބައްދަލްވުމުގައި އަގުލަަބިއްޔަތުން ފާސްކުރީ މާލޭގައި ރައްޔިތުންގެ ހައްގުގައި މި މައްސަލާގައި ކޯޓަށް ދިއުމަށް. އެއީ މިހާރަކު ކުރާނެ ކަމެއް ނޫން އަދި މާދަމާއަކުވެސް ކުރާނެ ކަމެއް ނޫން. އަޅުގަނޑުމެން އުންމީދެއްވެސް ނުކުރަން އެކަން ކުރަންޖެހޭނެ ކަަމަކަށް. އަޅުގަނޑުމެން ގަބޫލެއްވެސް ނުކުރަން އެހާ ހިސާބަށް ދާނެ ކަމަކަށް. އެހެން ނަމަވެސް އެ ހިސާބަށް ދާންޖެހިއްޖެނަމަ ކޯޓަށް ގޮސްގެންވެސް މިކަމުގައި އިންސާފުވެރި މަގެއް މާލޭގެ ރައްޔިތުންނަށްޓަކައި ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ކުރުމަށް ކައުންސިލު ބައްދަލްވުމުން ވަނީ ނިންމާފައި،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ގުޅިފަޅުގައި ޕޯޓް އެޅުމަށް މިސަރުކާރުން ގެންގުޅޭ ޕްލޭނަށް ބަދަލު ގެނެސް ގުޅިފަޅަކީ މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހާއްސަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް އަލި މަގެއް ނުފެނިއްޖެނަމަ ކޯޓަށްދާން ނިންމާ އެކަން އިއުލާނުކުރީ ސިޓީ ކައުންސިލްގެ ނިންމުންތަކަށް ގާނޫނީ ބާރުވެރިކަން ލިބެނީ ނިންމުން އިއުލާނު ކުރުމުން ކަމަށްވާތީ އެވެ.
ރައީސް ސޯލިހްގެ ސަރުކާރުން ނިންމާފައިވަނީ ގުޅިފަޅުގައި ޕޯޓެއް ހެދުމަށްފަހު އެތަނުން 600 އަކަފޫޓުގެ 1200 ގޯތި ދޫކުރުމަށެވެ. ނަމަވެސް މުއިއްޒު ގެންދަވަނީ ކައުންސިލް އިންތިހާބުގެ ދުވަސްވަރުން ފެށިގެން ގުޅިފަޅު ބޯހިޔާވަހިކަމަށް ހާއްސަ ރަށަކަށް ހަދައިދިނުމަށް އިލްތިމާސް ކުރައްވަމުންނެވެ.
ގުޅީފަޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 2010 ވަނަ އަހަރު އިންޑިއާގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޑީޕީ) ކުންފުންޏާއި ހަވާލުކޮށްގެން ހިއްކައިގެން މީހުން ދިރުއުޅުމަށް ތަރައްގީ ކުރި ރަށެކެވެ. އެކަމަކު ޖީޑީޕީން އެ ރަށް ތަރައްގީކުރުން ލަސްކުރަމުންދާ ކަމަށް ބުނެ ޖީޑީޕީގެ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ގޮތަށް ގުޅީފަޅު އިންވެސްޓްމަންޓް އުފައްދާ ފެބްރުއަރީ 6، 2016 ގައި އެކުންފުންޏަށް ގުޅިފަޅު ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެެވެ. ރައީސް ޔާމީންގެ ސަރުކާރުން ނިންމީ ލައިޓް އިންޑަސްޓްރީތަކެއް އެ ރަށުގައި ތަރައްގީ ކުރުމަށެވެ. އެހެންކަމުން މީހުން ދިރިއުޅެން ގުޅިފަޅުގައި ހަދާފައި ހުރި ހައުސިން ޔުނިޓްތަކަށް ބައެއް މީހުން ފައިސާ ދައްކާފައި ވަނިކޮށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެ ފްލެޓްތައް ސަރުކާރަށް ނަގާފަ އެވެ. ނަމަވެސް ފްލެޓްތަކަށް ބަދަލު ދިނީ މިސަރުކާރުގަ އެވެ.