ޑރ. މުހައްމަދު މުއިއްޒު

"ގުޅިފަޅުގައި ޕޯޓް ހެދިޔަސް ބަދަލުކުރާނަން"

ގުޅިފަޅުގައި ޕޯޓް ހެދިނަމަވެސް ޕީޕީއެމްްގެ ސަރުކާރެއްގައި އެ ޕޯޓް ތިލަފުށްޓަށް ބަދަލުކޮށް ގުޅިފަޅަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ހާއްސަ ރަށަކަށް ހަދާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނިންމާފައި ވަނީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކެބިނެޓުން ނިންމާފައި ވަނީ ގުޅިފަޅު ހިއްކައިގެން ލިބޭ ބިމުގެ ސަރަހައްދަށް އެ ބަނދަރު ބަދަލު ކުރުމަށެވެ. އަދި އެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ގުޅިފަޅުގައި މިދިޔަ ސަރުކާރުން ނިންމާފައި ވަނީ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގާށެވެ. ގުޅިފަޅުގައި މިހާރު ހިއްކާފައިވާ ބިމުގެ ސަރަހައްދު ވެސް ހިއްކާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެ ތަނުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ މަޝްރޫއެއްގެ ދަށުންނެވެ. ނަމަވެސް އެ މަސައްކަތް އޮތީ ފަހުން ހުއްޓިފަ އެވެ.

މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މުއިއްޒު ވިދާޅުވީ މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގުތަކަށްޓަކައިވެސް ގުޅިފަޅުގައި ޕޯޓް ހެދުން ހުއްޓާލަން ޖެހޭ ކަމަށެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ވިސްނާލުމެއް ނެތި ގުޅިފަޅުގައި މި ސަރުކާރުން ޕޯޓް ހެދިނަމަވެސް އެ ޕޯޓް ތިލަފުށްޓަށް ބަދަލު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ގުޅިފަޅުގައި މި ހަދަނީ ތިލަފުށީގައި ހަދަން ޖެހޭ ޕޯޓެއް. މާލެ ރައްޔިތުންގެ އެއްވެސް ހައްގަކަށް ވިސްނާލުމެއް ނެތި ގުޅިފަޅުގައި ޕޯޓް ހަދަން މި މަސައްކަތް ކުރަނީ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރައްޔިތުންނަށް، ޔަގީން ކުރައްވާށޭ ޕީޕީއެމްގެ ސަރުކާރެއްގައި، މި ސަރުކާރުން ގުޅިފަޅުގައި ޕޯޓް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަނަމަވެސް އެ ޕޯޓް ނަގާ ތިލަފުށްޓަށްް ބަދަލުކޮށްފައި ގުޅިފަޅަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މަންޒިލަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަޅުގަނޑުމެން ދެން. ގުޅިފަޅުގައި ޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިޔަނަމަވެސް އެ ޕޯޓްގެ މަސައްކަތް އަޅުގަނޑުގެ ބަދަލުކުރާނަން. ގުޅިފަޅު ވާންޖެހޭނީ ރައީސް ޔާމީން އިއުލާނުކުރައްވާފައިވާ ބޯހިޔާވަހިކަމުގެ މަރުކަޒަކަށް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މުޅި މި ސަރަހައްދުގައިވެސް ޕޯޓް ހެދުމަށް ތިލަފުށްޓަށްވުރެ ރަނގަޅު ރަށެއް ނެތް ކަމަށެވެ. އަދި ގުޅިފަޅުގައި ޕޯޓް ހެދުމަށް މި ސަރުކާރުން ދައްކަމުން ދަނީ އަސާސެއް ނެތް ބަހަނާތަކެއް ކަމަށެވެ. މީގެ އިތުރުން މުއިއްޒު ވަނީ ގުޅިފަޅު ޕޯޓަކީ ރާއްޖޭގެ މިނިވަން ކަމަށް އަސަރުކުރާނެ މަޝްރޫއެއް ކަމަށްވެސް ސިފަ ކޮށްފަައެވެ. އޭނާ ވިދާޅުވީ ޕޯޓް ހެދުމުގެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާއި ހަވާލުކުރާއިރު އައްޑޫގައިވެސް އިންޑިއާއިން ކުރިއަށް ގެންދަނީ ސުވާލު އުފެދޭ ފަދަ މަޝްރޫއެއް ކަމަށެވެ. އަދި ހަނިމާދޫގައި ކުރަމުންދާ މަސައްކަތްތަކާއި ކޮޗިން ފެރީއަކީވެސް ދިވެހިން ވިސްނަން ޖެހޭ ކަންކަން ކަމަށެވެ.

"މިއީ މިނިވަންކަމާއި ގުޅިފައިވާ މައްސަަލައެއް. އަޅުގަނޑުމެންގެ ސިޔާދަތާއި ގުޅިފައިވާ މައްސަލައެއް،"