ގުޅިފަޅު

ގުޅިފަޅަށް ގޯތި ބަދަލުކުރަން 2،210 މީހުން ހުށަހަޅައިފި

ގިރާވަރުފަޅުން ގޯތި ލިބުނު ގޯތިތަކުގެ ތެރެއިން 2،210 ގޯތި ގުޅިފަޅަށް ގޯތި ބަދަލުކުރަން ހުށަހަޅައިފި އެވެ.

ގުޅިފަޅާއި ގިރާވަރުފަޅު އަދި ހުޅުމާލެ އިން ގޯތި ދޫކުރީ ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ގައެވެ. ރައީސް ސޯލިހްގެ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކޮށްފައިވެ އެވެ.

ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދެ ފަހަރެއްގެ މަތިން ހުޅުވާލީ މިސަރުކާރުގައެވެ.

ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި އެ ފުރުސަތު ހުޅުވާލީ ގިރާވަރުފަޅުގެ ލޭންޑްޔޫސް ޕްލޭނަށް މިސަރުކާރުން ބަދަލު ގެނައުމުގެ ސަބަބުން ގިރާވަރުފަޅުން ގޯތި ދޫކުރަން ނިމިދިޔަ ސަރުކާރުން ކަނޑައެޅި އަދަދަށް ގޯތި ނުނެގޭތީ އެވެ. އެހެންވެ ގިރާވަރުފަޅުން ދޫކުރި ގޯތިތަކުގެ ތެރެއިން 1،347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމާ މިސަރުކާރުގައި އެ ފުރުސަތު ހުޅުވާލީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

ޕްލޭނިން މިނިސްޓްރީން ނިންމާފައިވަނީ 1250 އަކަފޫޓުގެ 193 ގޯއްޗާއި، 1650 އަކަފޫޓުގެ 663 ގޯއްޗާއި، 2050 އަކަފޫޓުގެ 487 ގޯއްޗާއި، 2450 އަކަފޫޓުގެ 4 ގޯތި ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލުކުރުމަށެވެ.

ގޯތި ބަދަލުކުރަން ބިންވެރިން ހުށަހެޅި އަދަދުތައް:

  • 1250 އަކަފޫޓުގެ ގޯތިތަކުގެ ތެރެއިން ބަދަލުކުރަން ހުށަހެޅީ 1093 މީހުން
  • 1650 އަކަފޫޓުގެ ގޯތިތަކުގެ ތެރެއިން ބަދަލުކުރަން ހުށަހެޅީ 880 މީހުން
  • 2050 އަކަފޫޓުގެ ގޯތިތަކުގެ ތެރެއިން ބަދަލުކުރަން ހުށަހެޅީ 234 މީހުން
  • 2450 އަކަފޫޓުގެ ގޯތިތަކުގެ ތެރެއިން ބަދަލުކުރަން ހުށަހެޅީ ތިން މީހުން

ޕްލޭނިން މިނިސްޓްރީން ނިންމާފައިވާ އަދަދަށްވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހެޅި މީހުންގެ އަދަދު ބައެއް ކެޓަގަރީތަކުން އިތުރުވެފައިވާތީ އެ ކެޓަގަރީތަކުން ގުޅިފަޅުން ގޯތި ލިބޭ މީހުން ކަނޑައަޅަން ނިންމާފައިވަނީ ގުރުއަތުންނެވެ. ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު އެވެ. ގުރުއަތުލުން ކުރިއަށް ގެންދާނެ ތަނާއި ގަޑި ފަހުން އިއުލާންކުރުމަށް ވަނީ ނިންމާފަ އެވެ.