ގުޅިފަޅު

ގުޅިފަޅަށް ގޯތިތަކެއް ބަދަލުކުރަން ނިންމައިފި

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގިރާވަރުފަޅުން ދޫކޮށްފައިވާ 1،300 އަށް ވުރެ ގިނަ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެސަރަޙައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތި ކަމަށެވެ. އެހެންވެ އެފަދަ ހިދުމަތްތައް ހިމަނައިގެން ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ގުޅިފަޅަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ގިރާވަރުފަޅުން ގުޅިފަޅަށް 1،347 ގޯތި ބަދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ގުޅީފަޅަށް ބަދަލުކުރާ ގޯތީގެ އަދަދާއި ބޮޑުމިން

  • 1250 އަކަފޫޓުގެ 193 ގޯތި
  • 1650 އަކަފޫޓުގެ 663 ގޯތި
  • 2050 އަކަފޫޓުގެ 487 ގޯތި
  • 2450 އަކަފޫޓުގެ 4 ގޯތި

ހައުސިން މިނިސްޓްރީން ބުނީ ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލުކުރުމަށް ބޭނުންވާ މީހުންނަށް މާދަމާ ހެނދުނު 9:00 އިން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ރޭގަނޑު 11:00ގެ ނިޔަލަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެކަމަށް ހުށަހެޅޭނެ ކަމަށެވެ.

މިނިސްޓްރީން ނިންމާފައިވާ އަދަދަށްވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ މީހުންގެ އަދަދު އިތުރުވާނަމަ ގުޅިފަޅުން ގޯތި ލިބޭ މީހުން ކަނޑައަޅަން ނިންމާފައިވަނީ ގުރުއަތުންނެވެ.

ގުރުއަތު ނެގުން އޮންނާނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމާފައިވެ އެވެ.